ވިޔަފާރި

ސަމާ އައިލެންޑް ރިސޯޓަށް ލީޑިން ބީޗް ރިސޯޓުގެ އެވޯޑް

ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސަޓާ) ގެ ލީޑިން ބީޗް ރިސޯޓުގެ އެވޯޑު، ސަމާ އައިލެންޑް މޯލްޑިވްސް އަށް ލިބިއްޖެއެވެ.

ސަޓާއިން ދިން މި އެވޯޑާ ހަވާލުވީ ސަމާ އައިލެންޑް ރިސޯޓުގެ މެނޭޖަރު މާރިޔާ ޝަރީފް އެވެ.

"ސަމާ އައިލެންޑަށް މިފަދަ ބޮޑު ފަޚުރެއް ލިބިގެންދިޔަ ކަމީ އަޅުގަނޑުމެން ވަރަށް އުފާވާ ކަމެއް. ސަމާ އައިލެންޑުގެ ހިއްގައިމުކަމާ ރިސޯޓުގެ ހިދުމަތްތަކުން އުފާވެރިކަން ގެނެސްދެވޭ ކަންކަމުގެ ފަހަތުގައިވަނީ އަޅުގަނޑުމެންގެ ސްޓާފުން. އެހެންކަމުން މިވަގުތުގައި ރިސޯޓުގެ ހުރިހާ ސްޓާފަުންނަށް ޝުކުރުދަންނަވަން،" އެވޯޑާ ހަވާލުވުމަށްފަހު، މާރިޔާވިދާޅުވި އެވެ.

ސައުތު އޭޝިޔާ ޓްރެވެލް އެވޯޑުގެ އެންމެ ވާދަވެރި އެއް ކެޓަގަރީ ކަމުގައިވާ ލީޑިން ބީޗް ރިސޯޓުގެ ކެޓަރީގައި ރާއްޖޭގެ އިތުރުން ސްރީލަންކާ އަދި އިންޑިޔާގެ އެކިއެކި ހޮޓާތަކާއި ރިސޯޓުތަކުން ޖުމްލަ 21 ފަރާތަކުން ވާދަކުރިއެވެ. އެވޯޑު ދިނުމުގައި ބައިނަލްއަޤްވާމީ ޖަޖުންގެ ޕެނެލްއަކުން ބައްލަވާފައިވަނީ ރިސޯޓުން ހުށަހެޅި ޕްރެސެންޓޭޝަނާއި ލިބިފައިވާ ވޯޓުގެ ނިސްބަތަށެވެ. މީގެ އިތުރުން ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރިވިއުތަކަށް ވެސް ރިޢާޔަތްކޮށްފައިވެ އެވެ. އެވޯޑުގެ ހުރިހާކަމެއް އޮޑިޓްކޮށްފައިވަނީ މަޝްހޫރު އޮޑިޓިން ކުންފުންޏެއް ކަމުގައިވާ ކްރޯ ހޮވަތު މޯލްޑިވްސް އިންނެވެ.

ސަމާ އައިލެންޑް މޯލްޑިވްސްއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި އެއް ރިސޯޓެވެ. ސަމާ އައިލެންޑަކީ ސައްތައިން ސައްތަ ދިވެހި ކުންފުންޏެއްކަމުގައިވާ ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސްއިން ހިންގާ ހަތަރު ތަރީގެ ރިސޯޓެކެވެ. 2015 ވަނަ އަހަރު މުޅި ރިސޯޓު އަލުން މަރާމާތުކޮށް ފަރުމާކޮށްފައިވަނީ ސާދާކަމާއި ދިވެހި ވަންތަކަމާއެކު ހިތްގައިމުކަން ގެނެސްދިނުމުގެ ވިސްނުމާއެކު އެވެ.

ދެހާސް ހަވަނަ ވަނަ އަހަރު ތަޢާރަފް ކުރި ސައުތު އޭޝިއަން ޓްރެވެލް އެވޯޑަކީ މި ސަރަޙައްދުގައި ދެވޭ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އެވޯޑަކީ ސަރަޙައްދުގެ ފަތުރުވެރިކަމުގެ މުހިއްމު ހުރިހާ މުވައްސަސާތަކާއި ޖަމްއިއްޔާތަކުގެ ތާއީދުލިބިފައިވާ އެވޯޑެކެވެ.