ވާހަކަ

ކުރު ވާހަކަ: މިންޖު

ސިއްސައިގެންގޮސް ހުސެންފުޅު އެނދުން ތެދުވިއިރު މޫނު ކުނިކޮށްގެން ދަތްކުނޑި ވިކިފައި ހުރީ އަލަތު އަނބި ޝަރީފާއެވެ. އޭނާ ހުރީ ކިހިއްޔަށް ވާއަތް ޖަހާލައިގެން ކަނާއަތުން ހިފަހައްޓައިގެން ހުރި އިލޮށިފަތިން ބިންމަތީގައި ތަޅާޅަ ތަޅާލައެވެ. އެއީ މުޅި ހަށިގަނޑަށް މަސްއަރާ ފުފިފައިވާ ބިޔަ ހަށިގަނޑެއްގެ ވެރި ބުރަހެލި އަންހެނެކެވެ. މޫނަށް އަރާ ފުރިފައިވާ މަސްގަނޑުން ލޮލުގެ ސައިޒް ކުޑަވެ ކަރާއި ދަތްދޮޅިއާ ދެމެދުން އިތުރު 'ދަތްދޮޅިއެއް' ނިކުމެފައިވެއެވެ.

ކަންތަކާ ލައިގަތީއެވެ. މިއަދުގެ އިރުވެސް ހުސެންފުޅަށްޓަކައި މިއެރީ ހަމަ އިހެކޭ އެއްފަދައިން ނުބައި އިރުވަރެއްގަތާއޭ ހުސެންފުޅުގެ ހިތަށް އެރިއެވެ. އެހެން ހިތަށް ނާރާވަރެއްވެސް ނޫނެވެ. މި ޝަރީފާއަކީ ނިކަން ޒީލަގަދަ ވިއަރި އަންހެނެކެވެ. އެހާ ރަޙުމްކުޑަ ގޮތް ދޫނުކުރާ މިޒާޖުގެ މީހެކެވެ.

"ކޮން ގިއުޅިއެއް އިއުޅިއެއް ބިއުޅިއެއް ކިޔާކަށް.... ހަމަ މިހާރު ތެދުވެ ގެދޮރުމަތި ކުނިކަހާ!.." ޝަރީފާގެ އަމުރާއެކު ހުސެންފުޅު ބިރުން ހުރެ އަމިއްލަ ނަސީބާމެދު ހިތާމަކުރަމުން ޝަރީފާއަތުން އިލޮށިފަތި ހޯދައިގެން އާފުރެމުން ގޭދޮރުމައްޗަށް ނުކުމެ ކުނިކަހަން ފަށައިފިއެވެ. ފިރިހެނުން މަގުމަށްޗަށް ނުކުމެ ކުނިކެހުމަކީ މިރަށުގައި އެއްވެސް ވަރަކަށް ކޮށްއުޅޭ ކަމަކަށް ނުވިޔަސް ކޮންމެ ދުވަހަކު ހުސެންފުޅު ކުނިކަހާ މަންޒަރަކީ މިރަށު މީހުންނަށް އާ މަންޒަރެއް ނޫނެވެ. ހަރުފުރާ މީހުން އެކަމާ އަޅާނުލިޔަސް ޅަފުރާގެ ކުދިވެރިން ހުސެންފުޅަށް ހަނގާކޮށް ޖެއްސުން ކުރުމަކީ ނިކަން މަޖާވެގެން އެކުދިން ކޮށް އުޅޭކަމެކެވެ. އެކުދިންނަށްޓަކައި ހުސެންފުޅަކީ "މޮޔަ ބެއްޔާ" އެވެ.

އަސުރަށް ފޮޅޭ މާމަލުން ފޮނިބޮއި އުޅޭ މާބުރެއް ފަދައިން ހުސެންފުޅަކީވެސް ޅަދުވަހުގައި، ޒުވާން ފުރާވަރުގެ އަންހެން ކުދިންގެ ހިތްލަންބުވަން ނިކަން ކުޅަދާނަ ޝާޢިރެކެވެ. އޭނާގެ ޝާޢިރާނާ މިޒާޖުގެ ހިތްގައިމުކަން ނުފޯރާ އަންހެން ޒުވާން ހިތެއް ނުއޮންނާނޭ ބުނުމަކީ ކުށް ބަހަކަށް ނުވާނެއެވެ.

ތެދެކެވެ. ނަސީބަކީ ކަތީބަކު ދޭއެއްޗެއް ނޫނެވެ. ނަމަވެސް ހުސެންފުޅުގެ މިހިތްދަތި ދިރިއުޅުމާ ގުޅިފައިވަނީ ކަތީބު ވެދުމަށް އެރުވި ދަޢުވަތެކެވެ. އޭނާފަދަ ރަށުގެ އާދައިގެ ޔަތީމު މަސްވެރިޔަކަށް، މަޔަކާނުލައި ބަލާބޮޑުކުރި ކަތީބުގެ ރަންދަރި ޝަރީފާ އާއި ކައިވެނި ކޮށްގެން ކަތީބުގެ "ރަސްކަމުގެ ކޮއިލު"ގައި ދިރިއުޅުމުގެ ދަޢުވަތު ލިބުމުން އޭނާ ވީއުފާ ބުނެދެންވެސް ނޭނގެއެވެ. އެހެން ނުވާންވީ އެއްވެސް ސަބަބެއްނެތެވެ. ކަތީބުގެ ދަނބިދަރިއަކަށްވެގެން އެގޭގައި އުޅުމުގެ ހުވަފެން އޭނާ ވަރަށް ކުރިންސުރެދެކެއެވެ. އޭނާގެ ނަޒަރުގައި، ކަތީބަކީ ރަށުގެ ޢިއްޒަތުގެ މުގުލެވެ. އެންމެން އެމީހަކަށް އެންމެ އިހުތިރާމްކުރާ ރަށުގެ ވެރިޔާއެވެ. ޝަރީފާއަކީވެސް އޭރު ވަކިން ހުތުރު އަންހެންކުއްޖެއްނޫނެވެ. ބައްޕަގެ މުއްސަނދިކަމުގެ ތެރެއިން އޭނާއަށްލިބުނު ކިބުރުވެރިކަމާއި، ކައިވެންޏަށްފަހު، ކޮންމެ ކަމެއް ހުސެންފުޅުގެ ބޮލަށްޖެހުމުގެ އާދައިގެ ސަބަބުން ލިބުނު ކަންނެތްކަމުގެ ތެރެއިން އެރީތި ސިފަ ޚަރާބުވީއެވެ.

ކަތީބުގެ އެދުމަށް ޝަރީފާ ހުސެންފުޅާ އިނީވެސް ކުރެވުނު މަޖުބޫރެއްގެ ތެރެއިންނެވެ. ހުސެންފުޅަކީ ޝަރީފާގެ ޙަޔާތަށް އަންނާނެ އެންމެ ރީތި ހީވާގި ބައިވެރިއާއަށް ވާނެކަމަށް ކަތީބަށް އޮތް ޔަގީންކަމެއްގެ ބޮޑުކަމުންނެވެ. ކަތީބަށް ހުސެންފުޅަށް އިތުބާރު ނުކުރެވެންވީ އެއްވެސް ސަބަބެއްނެތެވެ. ކަތީބުގެ ވިޔަފާރި ނަގާ ކޮޅަށްޖަހައި އުޑާވާހަކަ ގޮވާ ހިސާބަށް ފޯރުކޮށްދިނުމުގެ މޭސްތިރިއަކީ ހުސެންފުޅެވެ. އެއީ ހައްސަ ބޭނުމަށް މަޝްހޫރު ކަތީބު ގެ ބޮޑު ދޯނީގެ ކެޔޮޅެވެ. މަސް ދޯނިތައް ބެލެހެއްޓުމުގައި ހުސެންފުޅު އެބަހައްޓާ ފަރުވާލަކީ ކަތީބުގެ ހިތުން ދަނބިދަރީގެ މަޤާމް ހުސެންފުޅަށް ދެވުނު ސަބަބެވެ.

ކައިވެންޏާއެކު ހުސެންފުޅަށް އުޅެންޖެހުނު ގޮތުން ޝަރީފާއާ ކުރެވުނު ކައިވެނީގެ އުފާވެރިކަން ހުސެންފުޅުގެ ކިބައިގައި ހަރުލީ ވަރަށް މަދުދުވަސް ކޮޅަކަށެވެ. މިވޭންބޮޑު ދިރިއުޅުން ނަގައި ބޮލަށްލައިގެން އުޅެން އޭނާ ބޭނުންނުވިޔަސް ޝަރީފާ އަމިއްލައަށް ވަރިއަށް ނޭދެނީސް މިކައިވެނީގައި ނިމުމުގެ ސިއްކަ ޖެހުމަކީ ހުސެންފުޅަށް ކުޅަދާނަކަމެއްނޫނެވެ. ކަތީބުގެ ނުރުހުމާ ކުރިމަތިލާންޖެހި އޭނައާއި އޭނާގެ މުސްކުޅި މައިމީހާ ކައިގެން ބޮއިގެން އުޅޭނެ މަގު ބަންދުވެދާނެތީއެވެ.

ހުސެންފުޅާމެދު ޝަރީފާ ކަންތައްކުރާގޮތް ކަތީބަށް ފެނުނަސް، ފެނުނު ލޮލަށް ނުފެންނަ ކަމަށްހެދިގެން އޭނަ ހުންނަނީ އެއީ ޝަރީފާގެ ޅަކަމުން ވާކަމެއް ކަމުގައި ދެކޭތީއެވެ. އެހެން މީހެއްގެ ގައިގައި އަޅާވޭން، ކިތައްމެ ގަދަޔަސް، އެވޭނުގެ އަސަރެއް އެތަން ބަލަން ހުންނަ މީހަކަށް ނުކުރެއެވެ. އެއީ އިންސާނީ ފިތުރަތެވެ.

ހުސެންފުޅު ރެއާއި ދުވާލު ވެސް ކުރާ ދުޢާއަކީ ޝަރީފާގެ ކުށުން އެކައިވެނި ރޫޅޭނެ ދުވަހެއް ދެއްކެވުމެވެ. ކަތީބުގެ ނުރުހުން ނުލިބޭގޮތަކަށް އަމާން އޮމާންކަމާއެކު ހުރިހާ ކަމެއް ނިމިގެން ދިއުމެވެ.

ކަޅުފޮއިރެއެއްގެ ކަނުއަނދިރީގައި އަތިރިއާ ދިމާއަށް ފައިބައިގެން ދިޔަ އިދުރީސް، ރޮމުން ހަޅޭއްލަވަމުން އެއްގަމަށް އަރައިގެން އަންނަ އަޑަށް ކައިރި ގޭގޭގެ މީހުންވެސް ނުކުމެއްޖެއެވެ. އެއާއެކު ކޮންމެ މީހެއްގެ ލޮލުގެ އަމާޒަކަށްވީ ރަށުގެ އަތިރިމަތިން މޫދާ ދިމާއަށް ގުދުވެފައިވާ ރުކުގެ ކުރީކޮޅުގައި ރޯވެފައިވާ އަލިފާންގަނޑެވެ. އެމަންޒަރުފެނި އެއްބަޔަކު ބިރުގަތެވެ. އަނެއްބަޔަކު އެއީ ޙަޤީޤަތެއް ކަމާމެދު ޝައްކުގެ ބުނުންތައް ބުންޏެވެ. ނަމަވެސް އެއީ ޙަޤީޤަތެއް ނޫންކަމަށް އިއްތިފާޤުވާކަށް އެކަކަށްވެސް ނުކެރުނެވެ. އެންމެންގަނޑުގެ ތެރޭގައި މިހުރިހާ ކަމެއްގެ ޚަބަރު ލިބިގެން ހުރީ އެންމެ މީހެކެވެ.

ކޮންމެއަކަސް، އެރެއަށްފަހު ފާއިތުވެގެން ދާ ކޮންމެ ރެއަކީވެސް، ރޭގަނޑުގެ ކަޅުފޮއިކަން އެންމެ ގަދަވާ ވަގުތު، އެ "އިފްރީތެއް"ގެ އުނދަގޫކުރިމަތިވާ ރެއަކަށްވާންފަށައިފިއެވެ. ރުކުގެ ކުރީގައި އަނދަ އަނދާ އިންނަ އެއަލިފާންގަނޑުން އިތުރު ގޯނާއެއް ނުލިބުނަސް އާދަވެ ހިނގަމުން އެދާ ކަންތައްގަނޑާހެދި ރަށުތެރޭގައި ބިރުވެރިކަން އުފެދިއްޖެއެވެ.

ރަށުގައި ހުރި ފަންޑިތަވެރިޔާގެ އެހީއާއެކު ފާލުބަލައި ކަމުގެ ޙަޤީޤަތްބެލި އިރު، މިހުރިހާ ކަމެއް ގުޅެނީ ޝަރީފާ އަށެވެ. މި އިފްރީތަކީ ޝަރީފާއާ އަޅައިގަނެގެން އުޅޭ ކާފިރު ޖިންނިއެއްކަމަށް ފަންޑިތަވެރިޔާ ބުނެދިނެވެ. ޝަރީފާއާ ހުސެންފުޅު އިނދެގެން އުޅޭހާ ހިނދަކު ހުސެންފުޅަށް އުނދަގުލާ ކުރިމަތިލާން ޖެހޭނެ ކަމުގައި އޭނާ ބުނެދިނެވެ. އެކަމުގެ ހެކި އޭނާ ދެއްކީ ސީދާ ހުސެންފުޅުގެ އަނގައިން ދެއްކި ވާހަކަތަކުންނެވެ.

ފަންޑިތަވެރިޔާގެ ކުރިމަތީ އިނދެ، ރަށުގެ ހަރުފުރާގެ ދިހަވަރަކަށް ފިރިހެނުންގެ ޙާޒިރުގައި، ހުސެންފުޅު، އޭނާގެ ވޭންގަދަ ދިރިއުޅުމުގެ ޞަފްޙާތައް ހުޅުވާލީ ކަތީބުގެ މުއްސަނދިކަމުގެ އޮއިވަރުގައި ޖެހި ޝަރީފާއަށް ހިތްދޭން ޖެހުނު ހިސާބުންނެވެ.

އެއީ ޙުސެންފުޅުގެ ޒުވާންކަމުގެ ތަރި މެދުއުޑުގައި ރަސްކަންކުރަމުންދިޔަ ޒަމާނެވެ. ޒުވާން އަންހެން ކުދިން "މަށަށް މަށަށް" ގޮވަމުން ބޮއްކުރާ ދަށަށް އޮޑި ކެނބި ޒަމާނެވެ. ހުސެންފުޅުގެ ހިތުގައިވަނީ އެންމެ އެދުމެކެވެ. ރަސްކަމުގެ ކޮއިލެއްގައި ރަސްކަލެއްފަދަ އަރާމް ދިރިއުޅުމެއްގައި އުޅުމަށެވެ. މުއްސަނދިކަމުގެ ބާރުން އެހެން މީހުން ކުރިމަތީ ބަސްވިކޭ މީހަކަށްވާށެވެ. ވެވުނު ޙަޤީޤީ ލޯބި ހިތުގެ ކަނެއްގައި ފޮރު ވުމަށްފަހު، ލޯމަރާލައިގެން ހުރެ ކަތީބުގެ ދަރި ޝަރީފާ ގެ ފަހަތުން ހުސެންފުޅު އަޅުވާލީ އެބޭނުމުގައެވެ. ޝަރީފާވީ އެއަށްވުރެ ގޮތް ދޫނުކުރާ ފޮނިބޮޑު ކަމުގައި އެފަދަ ދެވަނައެއް ނެތް އަންހެން ކުއްޖަކަށެވެ. ހުސެންފުޅު ކިތައްމެ ރީއްޗަސް، ދަރަޖަ އާއި ގިންތީގައި އޭނާ ޝަރީފާއާ އަރާ އަރަފޯދިގެން ނުވާކަމުގައި ޝަރީފާ ދެކުނެވެ. ހުސެންފުޅު ޝަރީފާގެ ފަހަތުން ތުނބުންފުމެމުން، ޝާޢިރީ ރީތި ޅެންތަކުން މައްލަވަކުރަމުން ހިނގާއިރުވެސް ޝަރީފާ ހިތަށް އަސަރެއް ނުކުރަނީ އެހެންވެގެންނެވެ.

ކީހާޅެން ފަރިއްސަށް ވުމުން ހުސެންފުޅު ދެންފެށީ ކަތީބުގެ ހިތް ރުއްސުމުގެ މަސައްކަތެވެ. އަތުންފައިން ކަމެއްކުރާ ހިތްނުވިޔަސް އަންހެން ކުދިންނަށް ޗާލުކަން ދައްކަމުން ހިނގަން އާދަވެފައިވާ، ހުސެންފުޅު ކަތީބުގެ އޮޑިއަށް އެރީ އެއޮޑީގައި ހުރި ރައްޓެއްސެއްގެ މަދަދުގައެވެ. ދެއްކުންތެރިކަމަށް ނަމަވެސް، ހުސެންފުޅު ކުރަމުންދިޔަ މަސައްކަތް ކަތީބުގެ ލޮލުގައި އަޅައިގަތްލެއް ނިކަން އަވަހެވެ. ކުޑަދުވަސްކޮޅޭއްތެރޭ ކަތީބުގެ ބޮޑު އޮޑީ ކެޔޮޅުގެ މަގާމަށް އޭނާ އިސްކުރެވުނެވެ. އެވަރަކުން ނިމުނީކީ ނޫނެވެ. ކަތީބު އަމިއްލައަށް ޝަރީފާއާ ކައިވެނިކުރުމުގެ ދަޢުވަތާއިގެން ހުސެންފުޅުކަހަލަ ނިކަމެއްޗެއް ކައިރިއަށްވެސް އައީއެވެ. އެ ދައުވަތާއެކު ރަނާ ރިހިން އޭނާ ޚިޔާލީ ގަނޑުވަރުތައް ބިނާކުރިއެވެ.

ހުސެންފުޅުގެ ޚިޔާލީ ފޮލާތައް ވިއްސިވިހާލިވީ ޝަރީފާއާ ކައިވެނިކޮށްގެން ކަތީބު އެދުމުގެ މަތިން ކަތީބު ގޭގައި ދިރިއުޅެން ފެށިހިސާބުންނެވެ. ޝަރީފާގެ ނުބައިކަމާއި ވިޔަރި މިޒާޖުގެ ކުޅި ރަހަ ހުސެންފުޅުގެ ކަރުގައި ވަކި ހިއްޕާލީ ހަނދާންނައްތާލުމަށް އުނދަގޫވާ ފަދަޔަކުންނެވެ. އެއާއެކު މިނިވަންކަމާއެކު މަތީގައި އުދުހެމުންދިޔަ ދޫންޏެއް، ވަރަ ބިނދިގެން ބިމަށްވެއްޓޭ ބީދައިން ހުސެންފުޅުވެސް ހަމަބިމަށް ތިރިވެއްޖެއެވެ. ހުސެންފުޅަށް ލިބުނީ ކަތީބުއާއި ޝަރީފާ ވެރިކަން ކުރަމުންދިޔަ އެގޭގެ ނޯކަރުކަމެވެ. ކުނިކެހުމާ ތެލި ދޮވުމާ ބަދިގޭގައި ދެލޯ "ފިއްސައިގެން" ކެއްކުމުގެ ބުރައެވެ.

ޝަރީފާދެކެ ކަތީބު ވަނީ ކަނު ލޯތްބެކެވެ. ފިރިމީހާއަށް މިފަދަ ވޭންނެއް ދައްކާ އިރުވެސް ކަހައިރުވަކެކޭވެސް ކަތީބަކަށް ހީނުވަނީ އެހެންވެގެންނެވެ. ޒަވާޖީ ޙަޔާތަށް އިތުރުވަމުންދާ ކޮންމެ ދުވަހާއެކު ހުސެންފުޅުގެ ހިތުގައިވެސް ޝަރީފާއާމެދު އުފެދެމުން ދިޔަ ބިރުވެރިކަން ދިޔައީ ބޮޑުވަމުންނެވެ. ޝަރީފާގެ މި ހަރުކަށި މިޒާޖުގެ ތެރޭގައި ފޮރުވިފައިވާ ޙަޤީޤަތެއްވާކަން އޭރަކު ހުސެންފުޅަކަށް ނޭނގެއެވެ.ކައިވެންޏަށްފަހު ޝަރީފާއަށް ފާރަލުމުގެ ތެރޭގައި އެއްކަމެއް ހުސެންފުޅަށް ފާހަގަ ވިއެވެ. ރޭގަނޑުގެ އިރާކޮޅުގެ ކަޅުފޮއިކަން އެންމެ ގަދަވާވަގުތު ޝަރީފާ އަތިރިއަށް ފައިބަން ލޯބިކުރެއެވެ. އަދި އަތިރިން ގެއަށް އައިސް ފެންވަރައިގެން ނޫނީ އޭނާ ނުނިދައެވެ. އަންހެންކުއްޖަކު އެފަދަ ވަގުތެއްގައި އަތިރިމައްޗަށް ދާންޖެހޭ ސަބަބު ހޯދަން ބޭނުންވިޔަސް، އެކަމާގުޅޭގޮތުން ޝަރީފާކައިރިން އެއްޗެއް އޮޅުން ފިލުވަން ނުކެރެނީ އޭނާ ޝަރީފާދެކެ ގަންނާކުރައްވާ ބިރަކުންނެވެ.

ހުސެންފުޅުގެ ވާހަކަތައް ނިންމާލުމުން އަވަސްގޮތަކަށް ޝަރީފާ ވަރިކުރުމަށް ފަންޑިތަވެރިޔާ ލަފާދިނެވެ. އެވަގު އެތާ ތިބި އެންމެންވެސް ހުސެންފުޅަށް ހަމްދަރުދީވެ، ކަތީބުގެ ކަންފަތާ ހަމައަށް މިވާހަކަ ފޯރުކޮށްދީފިއެވެ. އެވާހަކަ އިވި ކަތީބު ނިކަން ރުޅިގަދަވިއެވެ. ނަމަވެސް ރަށުގެ އެންމެންގެ ރައްކާތެރިކަމާމެދު އެންމެ ފުރަތަމަ ވިސްނަންޖެހޭ މީހާއަކީ ކަތީބުކަމަށްދެކި، ފުރަތަމަ ފަންޑިތަވެރިޔާ ދައްކާ ވާހަކައަކީ ތެދެއްކަން ޔަގީން ކުރަން ބޭނުންވާކަމަށް ބުނެފިއެވެ. ހުސެންފުޅު ޝަރީފާ ވަރިކުރަންޖެހޭނީ އެއަށްފަހުކަމަށް ކަތީބު އަމުރުކުރިއެވެ.

"މިފަހަރު މިހަދަނީ އަހަރެން ހަދާނެ އެންމެ ފަހު އެތިފަހަރު... މިއެތިފަހަރުން އެޖިންނިއާ އެޖިންނިއަށް އެހީވާ ބަޔަކުވެސް އަނދައިގެންދާނެ. އަހަރެން ކިޔެވެލި ކިޔަވާ ނިންމާލާފަ މި ރުމާލުގަ ގޮއްޖަހާފަ ފުމެލުމާއެކު އެޖިންނި އާއި އެހީތެރިން މުޅިން އަނދައިދާނެ...މީހަމަ މުޖައްރިބު ފަންޑިތައެއް،" އެއްވެފައިވާ މީހުންގަނޑުގެ ތެރެއިން ކަތީބާއި ޝަރީފާ އަދި ހުސެންފުޅަށް ވަކި ވަކިން ބަލާލަމުން އަތުގައިއޮތް ރުމާ ދައްކާލަމުން ޔަގީންކަމާއެކު ހަސަންދީ ބުނެލިއެވެ. އެއާއެކު ހަސަންދީގެ ކިޔެވެލި ކިޔަވަން ފެށިއެވެ. ވާނުވާ ބެލުމުގެ ދަހިވެތިކަމުގައި އެއްވެފައިވާ މީހުންގަޑުގެ ތެރެއިން ދެމިގަނެގެން ޝަރީފާ ފަހަތަށް ޖެހެން ފެށިއެވެ.

"ނޫން. ނޫން.. ތިހެން ނުހަދާ... އަހަރެން މަރުވެދާނެ..." ފަސްވަރަކަށް މިނިޓްފަހުން، ނިކަން ބާރަށް ރޮމުން މާނެވަލަމުން އައި އިދުރީސް ފަންޑިތަ ވެރިޔާގެ ފައިބުޑަށްވެއްޓިގަތެވެ. އެވަގުތު އިދުރީސް ގެފަހަތުން ދުވަމުން އައިސް ޝަރީފާވެސް އެތެރެއަށް ވަދެއްޖެއެވެ.

"ކިހިނެއް މިވަނީ؟!" ހައިރާންވެ ހުރެ ކަތީބަށް އަހާލެވުނެވެ.

"ބައްޕާ... އެއީ އެއްވެސް ޖިންނިއެއްގެ ކަމެއްނޫން.." އިސްޖަހާލައިގެންހުރެ ޝަރީފާބުނެލިއެވެ.

މިހުރިހާ ކަމަކީވެސް ހުސެންފުޅު ޝަރީފާގެ ދިރިއުޅުމުން ބޭރުކުރަން ޝަރީފާއާއި އިދުރީސް ގުޅިގެން ރޭއްވި ރޭވުމެކެވެ. އިދުރީސްއާއި ޝަރީފާއަކީ ޅަދުވަހުން ފެށިގެން ލޯބިވެރިންނެވެ. ކޮންމެ ރެއަކު ޝަރީފާ އަތިރިއަށް ދަނީ އިދުރީސްއާ ބައްދަލުކުރާށެވެ. ކައިވެންޏަށް ކިތައްމެ ޒަމާނެއްވިޔަސް ޝަރީފާއާއި އިދުރީސްގެ ގުޅުން ކެނޑިގެން ނުދިޔައެވެ.

ހުސެންފުޅުގެ ފަރާތުން ވަރިއަށް އެދެފިނަމަ، ބައްޕަގެ ގެއިން ޝަރީފާ ނުކުންނަން ޖެހިދާނެކަމުގެ ބިރަށް ހުސެންފުޅާއެކު އޭނަ ދިރިއުޅުނީއެވެ. ދަނޑިއެއްގެ ކުރި ސާފުތެޔޮ ފޮތިގަނޑަކުން އައްސައި ރުކުކޮޅުގައި ޖަހައި ކޮންމެ ރެއަކު، އެ ކުޅިވަރެއްކުޅުނީ، ހުސެންފުޅަށް ޝަރީފާ ވަރިކުރަން މަޖުބޫރުކުރުވުމުގެ ގޮތުންނެވެ. މިހުރިހާ ކަމެއް ކުރުމުގައި ރަށު ފަންޑިތަވެރިޔާގެ މަދަދު ހޯދީ އިދުރީހެވެ.

ޝަރީފާގެ ވާހަކަ އިވުމާއެކު ކަތީބު ގާތަށް އައި ރުޅިން ޝަރީފާގެ މޫނަށް ހޫނު އެތިފަހަރެއް ބާލާލިއެވެ. ރަށުގެ އެންމެން ތެރޭ ކަތީބުގެ ޢިއްޒަތް ވެއްޔާ މޮޑެވި އަގުވެއްޓިއްޖެއެވެ. ކަތީބު ފަދަ މީހެއްގެ ދަރިއެއް ކައިވެނިން ބޭރުން ހިލޭ ފިރިހެނަކާއެކު އެފަދަ ނުބައި ގުޅުމެއް ބޭއްވީތީ ރަށުގެ މީހުންވެސް ކަތީބަށް ބަދުބަސް ރައްދުކުރިއެވެ. ޝަރީފާގެ ކިބައިން މިންޖުވެ ޝަރީފާ ވަރިކުރެވުމުން ހުސެންފުޅަށް ހީވީ ދެދުނިޔޭގެ އުފާ ޙާޞިލްވިހެންނެވެ. އޭނާ އެދި އެދި ހުރި ކަންތައް އޭނާކުރި އެއްވެސް ކަމަކާ ނުލައި ވެ ނިމުނީއެވެ.

އެވަގުތު އެއްވެފައިވާ މީހުންގަނޑުގެ ތެރެއިން ހުސެންފުޅުގެ ނަޒަރު ހުއްޓުނީ، ސަންފަ އާދިމާއަށެވެ. ހުސެންފުޅުގެ ހިތުގައި އަބަދުވެސް ރަނިކަން ކުރަމުން އައި އޭނާގެ ޙަގީގީ ލޯތްބެވެ. ރީތި ހުސްކުރި ރީތި ރީތި ސަންފައެވެ. ޝަރީފާއާ އިނުމުގެ ދަހިވެތިކަމުގައި، ހާމަނުކޮށް ހިތުގައި ކަފުންކުރެވުނު ލޯތްބެވެ. ހުސެންފުޅުގެ ބެލުމާއެކު، ސަންފަ، މަލެއްހެން ފޮޅި މުތީތަކެއްފަދަ އެރީތި ދަތްތައް ހާމަކޮށްލަމުން ހިނިތުންވެލިއެވެ. (ނިމުނީ)