ދުނިޔެ

އެމެރިކާއާ ދެކޮޅުވުމުގެ ދައުވާ ޓްރަމްޕްގެ ކުރީގެ ކެމްޕޭން މެނޭޖަރަށް

އެމެެރިކާގެ ދައުުލަތާ ދެކޮޅަށް ރާވައިގެން މަަސައްކަތް ކުރިކަމުގެ ދައުވާ އެގައުމުގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ކުރީގެ ކެމްޕޭން މެނޭޖަރު، ޕައުލް މެނަފޯޓާ ދެކޮޅަށް އުފުލައިފިއެވެ.

އެމެެރިކާގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ރަޝިޔާއިން ނުފޫޒު ފޯރުވައި، ޓްރަމްޕު ވެރިކަަމަށް ގެންނަންް މަސައްކަތް ކުރި ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން ކަނޑައެޅި ސްޕެޝަލް ކައުންސެލް، ރޮބަޓް މުލާގެ ބެއްލެވުމުގެ ދަށުން ކުރާ ތަހުގީގުގައި އެންމެ ފުރަތަމަ ދައުވާއެއް އުފުލީ މެނަފޯޓާ ދެކޮޅަށެވެ.

އޭނާއާ ދެކޮޅަށް ޖުމްލަ 12 ދައުވާއެއް ކޮށްފައިވާއިރު އޭގެ ތެރޭގައި ކަޅުފައިސާގެ މުއާމަލާތްކުރަން ރޭވިކަމުގެ ދައުވާއާއި ބޭރުގައުމެއްގެ ރަޖިސްޓްރީ ނުކުރާ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރިކަމުގެ ކުށުގެ ދައުވާ ހިމެނެއެވެ. މަނަފޯޓްގެ ކުރީގެ ވިޔަފާރި ބައިވެރިޔާ ރިކް ގޭޓްސްއާ ދެކޮޅަށް ވެސް ވަނީ ހަމަ އެ ދައުވާތައް އުފުލާފައެވެ.

އެ ދެބޭފުޅުން ވެސް މިހާރު ވަނީ އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (އެފްބީއައި) އާ އަމިއްލަފުޅަށް ހަވާލުވެވަޑައިގެންފަ އެވެ.

މަނަފޯޓާ ދެކޮޅަށް ދައުވާ އުފުލުމާ އެކު ޓްރަމްޕް ވަނީ އޭނާއާ މިހާރު ގުޅުމެއް ނެތްކަަންް ދައްކަވަން ޓްވީޓެއް ކުރައްވާފައެވެ. އެނާއާ ދެކޮޅަަށް އުފުލި ދައުވާ ތަކަކީ ޓްރަމްޕަށް ކެމްޕޭން ކޮށްދެއްވުމުގެ ކުރިން ކުރެއްވި ކަންތައްތަކަކާ ގުޅިގެން އައި ދައުވާތަކެއް ކަމަށް ޓްވީޓްގައި ވަނީ ވިދާޅުވެފަ އެވެ.

ރަޝިޔާއިން ނުފޫޒުފޯރުވި ކަަމަށް ބުނާ މައްސަލައިގެ ތަހުގީގެ ތެރެއިން ބަޔަކަށް ދައުވާ ކުރުމުން އެކަމަކީ ހަގީގަތުގަައި ވެސް ހިނގި ކަމެއް ކަަމަށް ގަބޫލުކުރަން އިތުރަށް ފަސޭހަވެގެން ދާނެ އެވެ. އެކަމުގެ ހުތުރު ޓްރަމްޕަށް އަންނާނެތީ، މުލާ މަގާމުން ވަކިކުރައްވަން ޓްރަމްޕް އުޅުއްވައިފާނެ ކަަމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ކަންބޮޑުވެ އެވެ. އެފަދަ ފިޔަވަޅެއް ނޭޅުއްވުމަށް އެޕާޓީން ވަނީ ޓްރަމްޕަށް ގޮވާލާފަ އެވެ.