ދިވެހި ސިނަމާ

ޔޫއްޕެ މިފަހަރު ގެނެސްދެނީ ސަސްޕެންސް ތްރިލާއެއް

ދިވެހި ފިލްމު "ބައިވެރިޔާ" އަދި "ނޯޓީ 40" އިން ޔޫސުފް ޝަފީއު (ޔޫއްޕެ) އޭނާގެ ފޭނުން ހެއްވާލީ އެވެ. މިދިޔަ އަހަރު ޔޫއްޕެ ނިންމާލީ "ބައިވެރިޔާ" އިން ހެއްވާލައިގެންނެވެ. އެހެން ނަމަވެސް މި އަހަރު ޔޫއްޕެ ނިންމާލާނީ ބެލުންތެރިން ހެއްވާލައިގެންނެއް ނޫނެވެ. ކޮމެޑީ ފިލްމެއްގެ ބަދަލުގައި މި އަހަރު ޔޫއްޕެ ނިންމާލަން އުޅެނީ ސަސްޕެންސް ތްރިލާ އަކުންނެވެ. ފިލްމުގެ ނަމަކީ "ދެވަންސޫރަ" އެވެ. އެ ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ އަހްމަދު ޝާހު އަދި އަލީ ޝަޒްލީމް އެވެ.

ޔޫއްޕެ ޕްރޮޑަކްޝަން، ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާސް، ބްލެކް މީޑިއާ އިންކް، ޝައި ޕްރޮޑަކްޝަން، އެންވިޝަން އެންޓަޓެއިންމަންޓް އަދި މައި ޑްރީމް އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދޭ އެ ފިލްމުގެ ސްކްރީން ޕްލޭ ލިޔެ ޑައިރެކްޓްކޮށްފައިވަނީ ޔޫއްޕެ އެވެ.

އެ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ މުހައްމަދު ފައިސަލް، އިބްރާހިމް ޖިހާދު (ޖިމީ) އަދި މަރިޔަމް ޝިފާ އެވެ. ޝިފާ އަކީ މުޅިން އަލަށް ފިލްމީ ދާއިރާއަށް ނުކުންނަ ފަރާތެކެވެ. އިތުރު ތަރިންގެ ގޮތުގައި އަލީ އާޒިމް (ދޮން އައްޔަ)، އަލީ ޝަޒްލީމް، ފާތިމަތު އާޒިފާ، ޔޫއްޕެ، އަހްމަދު ސައީދު، ނާޝިދާ މުހައްމަދު، އަހުމަދު އީސަ (އާނަންދު) އަދި ޖާދުﷲ އިސްމާއީލް (ޖާދު)، މަރިޔަމް ޝަކީލާ އަދި މަރިޔަމް ހަލީމްވެސް ހިމެނެ އެވެ. ޖުމްލަ 21 ތަރިން މި ފިލްމުން ފެނިގެންދާނެ އެވެ.

"ދެވަންސޫރަ" އަކީ މިހާރު ރާއްޖޭގެ މުޖުތަމައުގައި އާންމުވެފައިވާ މަރުގެ މައްސަލަތަކާއި ގުޅުންހުރި ފިލްމެކެވެ. އަދިވެސް މުޖުތަމައުގައި އާންމުވެފައިވާ އެހެން މައްސަލަތައް ފިލްމުގައި ދައްކުވައިދޭނެ އެވެ. އެގޮތުން ފިލްމުގައ ފެނިގެންދާނީ އަންހެނަކު، މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތްތަކެކެވެ.

އެ ފިލްމަކީ ޔޫއްޕެ ސްކްރީންޕްލޭ ލިޔެ އަދި ޔޫއްޕެ ޕްރޮޑަކްޝަނުން ގެނެސްދޭ 25 ވަނަ ފިލްމެވެ. އަދި އެއީ އޭނާގެ 30 ވަނަ ޑައިރެކްޝަނެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި "ދެވަންސޫރަ" އިގެ ޕޯސްޓަރާއި ފުރަތަމަ ފެނިލުން ވަނީ ލޯންޗުކޮށްފަ އެވެ. ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހު އެވެ. ތާރީހު އަދި އިއުލާނެއް ނުކުރެ އެވެ.