ދިވެހި ސިނަމާ

ނޯޓީ 40 ގެ ދެވަނަ ބަޔާއެކު އިތުރު ތިން ފިލްމެއް ލޯންޗުކޮށްފި

ފިލްމު ނޯޓީ 40 ގައި ފިލްމުގެ މައިގަނޑު ހަތަރު ތަރިން ކަމަށްވާ އަހްމަދު ސައީދު (އަހްސަން)، ޔޫސުފް ޝަފީއު (އަޝްވަނީ)، މުހައްމަދު މަނިކު (އަޖުވަދު) އަދި އަލީ ސީޒަން (ޒާހިދު) އަށް ހަގީގަތް އެނގި މަރިޔަމް އައްޒަ (އަޝްވާ) އަށް އޭނާގެ ބައްޕަ ލިބި އަޖުވަދުގެ އަނބި މީހާ ނިއުމާ މުހައްމަދު (ނިއުފާ) އަލުން ގުޅިގެން ފިލްމު ނިމުމުން ބައެއް މީހުންނަށް ކަމަކު ނުދިޔަ އެވެ. އަޝްވާއަށް އޭނާގެ ލޯބި ހާސިލް ނުވީތީ އެވެ. ފާތިމަތު އާޒިފާ (ތާނިޔާ) އަށްވެސް ނިމުނު އިރު ވީނުވީ އެއް ނޭނގުނު ކަމަށް ބުނަމުންނެވެ. ފިލްމުގެ އިތުރު ބައެއް އަންނަން ޖެހޭނެ ކަމަށް އެމީހުން ގަބޫލުކުރި އެވެ.

އެހެންވީމަ މިއޮތީ އުފާކުރަންވީވަރުގެ ހަބަރެކެވެ. ނޯޓީ 40 ގެ ދެވަނަ ބައި "40 ޕްލަސް" ރޭ ލޯންޗުކޮށްފި އެވެ. އަންނަ އަހަރުގެ ތެރޭގައި ފިލްމު ސްކްރީނަށް އަންނާނެ އެވެ. ތާރީހު އަދި އިއުލާނެއް ނުކުރެ އެވެ. ޔޫއްޕެ ސްކްރީން ޕްލޭ ލިޔެ ޑައިރެކްޓްކުރާ އެ ފިލްމުގެ މައިގަނޑު ތަރިންނަކީ ސީޒަން، މަނިކު، ޔޫއްޕެ، ސައީދު، ޝީލާ ނަޖީބު، މުހައްމަދު ފައިސަލް، އަލީ އާޒިމް (ދޮން އައްޔަ) އަދި އަޒޫ އެވެ.

އެ ފިލްމާއެކު އަންނަ އަހަރަށް ރޭ ވަނީ އިތުރު ތިން ފިލްމެއްވެސް އިއުލާނުކޮށްފަ އެވެ. އެއީ "ކަޅަކި"، "ނަފްސު" އަދި "ހައްޔަރު" އެވެ. އެ ހަތަރު ފިލްމުވެސް ޕްރޮޑިއުސްކުރަނީ ޔޫއްޕެ ޕްރޮޑަކްޝަންސް، ޝައި ޕްރޮޑަކްޝަންސް، ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާސް އަދި ބްލެކް މީޑިއާ އިންކް ގުޅިގެންނެވެ.

ފިލްމު "ކަޅަކި" އަކީ ޔޫއްޕެ ސްކްރީން ޕްލޭ ލިޔެ ޑައިރެކްޓު ކުރާ ފިލްމެކެވެ. އެ ފިލްމުގެ މެއިން ކާސްޓުންނަކީ އަޒޫ، ފައިސަލް އަދި އަހްމަދު ޝާހު އެވެ. އެ ފިލްމަކީވެސް ސަސްޕެންސް ތުރިލާ އެކެވެ.

އަހްމަދު ޒަރީރުގެ ސްކްރީންޕްލޭ އަކަށް އަލީ ޝަޒްލީމް (އެޖެންޓު) ޑައިރެކްޓުކުރާ ފިލްމު "ނަފްސް"ގެ ލީޑް ރޯލުން ފެނިގެންދާނީ ޔޫއްޕެ، އަޒޫ އަދި އަހްމަދު ނިމާލެވެ.

އަންނަ އަހަރު އަޅުވަން ރޭ ރިލީޒް ކުރި ހަތަރު ވަނަ ފިލްމަކީ "ހައްޔަރު" އެވެ. "ދެވަންސޫރަ" އިން ފިލްމީ ދާއިރާއަށް ނުކުންނަ މަރިޔަމް ޝިފާ، ދޮން އައްޔަ އަދި ފައިސަލް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ޑައިރެކްޓު ކުރަނީ ފައިސަލް އެވެ. އެ ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ޔޫއްޕެ އެވެ.

ޔޫއްޕެ ޑައިރެކްޓުުރާ "ދެވަންސޫރަ" ރިލީޒް ކުރާނީ މި އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ މުހައްމަދު ފައިސަލް، އިބްރާހިމް ޖިހާދު (ޖިމީ) އަދި މަރިޔަމް ޝިފާ އެވެ. އިތުރު ތަރިންގެ ގޮތުގައި އަލީ އާޒިމް (ދޮން އައްޔަ)، އަލީ ޝަޒްލީމް، ފާތިމަތު އާޒިފާ، ޔޫއްޕެ، އަހްމަދު ސައީދު، ނާޝިދާ މުހައްމަދު، އަހުމަދު އީސަ (އާނަންދު) އަދި ޖާދުﷲ އިސްމާއީލް (ޖާދު)، މަރިޔަމް ޝަކީލާ އަދި މަރިޔަމް ހަލީމްވެސް ހިމެނެ އެވެ. ޖުމްލަ 21 ތަރިން މި ފިލްމުން ފެނިގެންދާނެ އެވެ.

އެ ފިލްމުގެ ފުރަތަމަ ފެނިލުމާއި ޕޯސްޓަރު ރޭ ވަނީ ލޯންޗުކޮށްފަ އެވެ.