(29 އޮކްޓޯބަރ 2017 އާ ގުޅޭ) -- އަހަރެން ނިދި އިރު ކޮޓަރިތެރޭގައި ދިއްލާފައި ހުރި ފަސްވޯޓުގެ ފެހި އައްޔެއް މިހާރަކުނެތެވެ. ވެރިވެފައި އޮތް އަނދިރިކަމުގެ ތެރެއަށް އަހަރެންގެ ލޯ ހޭނެން ކުޑަވަގުތުކޮޅެއް ނެގިއެވެ. އަހަރެންގެ ކުރިމަތީ އިސްކޮޅުން ދިގު ބިޔަ މީހެއްގެ ހިޔަނި ސިފަވެގެން ދިޔައެވެ. ނަމަވެސް އެއީ ހިޔަންޏެއް ނޫންކަން އަހަންނަށް އެނގެއެވެ. ކުއްލިއަކަށް އަހަރެންގެ ހިތަށް ބިރުވެރިކަން ވަނެވެ. ދަންވަރުގެ އެ ވަގުތުގައި އަހަރެންގެ ކޮޓަރިއަށް އެ މީހަކުވަނީ ކިހިނެއްކަމާމެދު ސުވާލު އުފެދުނެވެ. ގޭގައި އެކަކު ވެސް ނެތްކަން އެމީހަކަށް އެނގުނީބާއޭ ވަގުތުން ހިތަށް އެރިއެވެ. ދެ ލޯ ބޮޑުކޮށްގެން ބަލަން އިން އިރު އޭނަގެ ބޭނުމަކީ ކޮބާކަމެއް އޭރު އަދި ނޭގެއެވެ. ހާސްވެ ބިރުގެންފައި އިނެއްކަމަކު އަހަރެން ވިސްނަންފެށީމެވެ. ހަދާނެގޮތަކާމެދުއެވެ. އެމީހާގެ ކިބައިން ސަލާމަތްވެވޭނޭ މަގެއް އޮތްތޯއެވެ. އެވަގުތު އަހަރެންގެ ކޮޓަރި އަހަންނަށްވުރެ ބޮޑަށް އެނގޭނެ އެހެންމީހެއް ނުހުންނާނެކަން ހިތަށްއެރިއެވެ. އެހެންވެ ބެލީ ހޮޅިބުރި ދިއްލާ ސުވިޗު ހުރި ދިމާއަށް މަޑުމަޑުން ދެވޭތޯއެވެ. އަޑެއް ވެސް ލައްވާނުލައެވެ. މަޑުމަޑުން ނިކަން ސިއްރުން އެނދުން ފޫހިއްލާލާ އެއްފަރާތަށް ދާން ފެށީމެވެ. އޭރު ވެސް އަހަރެން ދެ ލޯ ހުރީ އެ ބޮޑު ހިޔަންޏެއްހެން ހީވާ މީހާއަށް ހުއްޓިފައެވެ. ބަލަމުންދިޔަ ވަރަކަށް އަހަރެންނާއި އެއްވަރަށް އެ މީހަކު ވެސް ދާހެން ބައެއްފަހަރު ހީވެއެވެ.
އަހަންނަށް އެއްވެސް ކަމެއް ނުކުރެވިގެން އުޅެނިކޮށް އެ މީހާގެ ބާރު ދެއަތުން އަހަރެންގެ ގައިގާ ހިފައިގަތެވެ. އެ ދެއަތުގެ ތެރޭ ހައްޔަރުކޮށްލައިގެން ކަހަލަ ގޮތަކަށް ގެނެސް އެނދުމަތީ ބާއްވަން އުޅުނެވެ. ބިރުން ގޮސް އަވަސްވެފައިވާ އަހަރެންގެ ހިތް މޭ ފަޅާ ނުކުންނަން އުޅުނެވެ. އެ މީހާގެ ބާރުގަދަ އަތުގެ ތެރޭން ސަލާމަތްވުމަށް ތެޅިފޮޅެން ފެށީމެވެ. ހަމައެއާއެކު އެއީ ކާކުތޯ އެހެން ފެށުނެވެ. އަނގައިން ބުނުމެއްނެތި އޭނާގެ ގަދަބާރުން އަހަރެން ހިފަހައްޓަމުންދިޔައެވެ. ތަކުރާރުކޮށް އެއީ ކާކުތޯއާއި އަހަރެންގެ ގެއަށް ވަނީ ކިހިނެއްތޯ ސުވާލު ކުރީމެވެ. އޭނާ ބޭނުންވަނީ ކޮންކަމެއްތޯ ވެސް އެހީމެވެ. ގަބޫލުކުރަންވެސް ދަތިވީ އެމީހަކު އަހަރެންގެ ނަން ކިޔާލުމުންނެވެ. ފަޅި ސިކުންތަކަށް ވިޔަސް އަހަރެންގެ ސިކުނޑި މަސައްކަތް ކުރުން ހުއްޓުނު ކަހަލައެވެ. މީހާ ގަބުވިއެވެ. އަހަރެންގެ ކަންފަތަށް އިވިގެން ދިޔައީ ހައިކަލްގެ އަޑެވެ.
އަހަރެން ވަރުގަދަ ސިންގާއެއްގެ ވަކިތަކުގެ ޝިކާރައަކަށްވެ ނިމިދިޔައީއެވެ. އެދުވަހަކަށްޓަކާ ފޮރުވާފައިވާ އަހަރެންގެ އެންމެ އަގުބޮޑު މުދާ އޭނާ އެރޭ ފޭރިގަތީއެވެ. އެއްވެސް ރަހުމެއްނެތިއެވެ. އޭނަގެ އުފާވެރިކަން އަހަރެންގެ ހަށިގަނޑަށް ލިބުނު ވޭނަކަށްވިއެވެ. ދުވަހަކުވެސް އަހަރެންގެ ހިތަށް ބިރުވެރިކަން ނުވަންނަވަރަށް މީހާ ބިރުގަތެވެ. ކަރުތެރޭން އިތުރުއަޑެއް ނުނިކުންނަންދެން އެހީއަކަށް އެދި ގޮވުނެވެ. ނަމަވެސް އެރޭގެ އެ ބިރުވެރިކަމުން ސަލާމަތްކުރާން އަންނާނޭ ފުރާނައެއް ނެތެވެ. އަހަރެންގެ އަޑު ޖަހާލި ގުގުރީގެ ތެރެއަށް ހިނދިގެން ދިޔައީއެވެ. ބޯކޮށް ވެހެންމުންދިޔަ ވާރޭ އަހަރެންގެ ދުޝްމިނަކަށް ވީއެވެ. އަވަށްޓެރިންނާ ހަމައަށް އަހަރެންގެ އަޑު ފޯރުމުގައި ހުރަހެއް ކަމުގައި އެރޭގެ ވާރޭވީއެވެ. ދޭތެރެއަކުން ޖަހާލާ ގުގުރިއާއެކު ހައިކަލްއަށް ހިތްވަރު ލިބޭ ފަދައެވެ.
ލިބެމުންދިޔަ ވޭނަށް ކެތްކުރާން ދަތިވިއެވެ. އަހަރެންގެ އަރު ބެދި ނޭވާ ހާސްވާހެން ހީވިއެވެ. އިތުރަށް ގަދަ ހަދާނޭ ހަކަތަ ހަށިގަނޑުން ނެތިއްޖެއެވެ. މަރުވުމަށް ޓަކައި ދެ ލޯ މަރާލީމެވެ. ހަށިގަނޑުގައިވާ ހުރިހާ ނާރެއް ބުރުބުރިވުމަށް ނަފުސު ދޫކޮށްލުމާއެކުއެވެ. އަހަރެންގެ ލޯ މައްޗަށް އަނދިރިވީއެވެ. އޭރު ވެސް ހައިކަލްގެ ކަރުހިއްކުން ނުފިލާކަމާއި އޭނާގެ ގޯނާތައް އިހުސާސް ކުރެވެމުންދިޔައެވެ.
ހޭވެރިކަމެއް ވުމާއެކު އަހަރެންގެ ފުރާނަ ނުގެންދަވާކަން އެނގުނެވެ. އަހަރެންގެ ވަގުތު ނުޖެހުނެއްކަމަކު މި ދުނިޔޭގައި ދިރިހުންނާނޭ ގޮތެއް ނޭނގުނެވެ. އެއީ ވަގުތީ ހޭނެތުމެކެވެ. ހަމަހޭވެރިކަން ލިބުނު އިރު ވެސް ހުއްޓުމެއްނެތި ގިސްލެވެނީއެވެ. ހުޅުވަން ބޭނުންނުވިނަމަ ވެސް މަޑުމަޑުން ދެ ލޯހުޅުވާލީ ކޮޓަރިއަށް ވެރިވެފައި އޮތް ހިމޭންކަމަކުންނެވެ. އެއާއެކު ފުރަތަމަ ވެސް ބޭނުންވީ ހިނގައިދިޔަ ހުރިހާ ކަމެއް ހުވަފެނަކަށްވުމަށެވެ. ހިތާ ހިތުން އެއީ ހުވަފެނެކޭ ތަކުރާރުކޮށްލެވުނެވެ. ލޯ ހުޅުވާލުމާއެކު ހެން އެ ނުބައި ހަޤީޤަތް ލޯ މައްޗަށް ފާޅުވެގެންދިޔައެވެ. ގައިގާ އަޅަން ގެންގުޅުނު ބެޑުޝީޓުން އަހަރެންގެ ހަށިގަނޑު ނިވާކޮއްލާފައި އޮތްތަން ފެނުމުން އަހަންނަށް ރޮއެގަނެވުނީއެވެ. އުފާވެރި ދިރިއުޅުމަކަށް ކުރަމުންދިޔަ ފޮނިއުއްމީދުތައް ކުޑަވަގުތުކޮޅެއްގެ ތެރޭ ވިއްސިވިހާލިވީއެވެ. އަމިއްލަ ބަދުނަސީބުކަމާ މެދު ޝަކުވާ ކުރެވުނެވެ. ދުނިޔޭގައި އަހަރެން ވަރުގެ ބަދުނަސީބު އަންހެން ކުއްޖަކު ނުހުންނާނެއޭ ހީވިއެވެ.
މެންދުރު ވިއިރު ވެސް އަހަރެން ކޮޓަރިން ނުނިކުންނަމެވެ. ފަތިހު ރަނގަބީލު އަޅަން ފެށި ގަޑިން އެތައް އިރަކު ރަނގަބީލު އެޅުމަށްފަހު ނިވުނެވެ. އެއާއެކު ހެނދުނުން ފެށިގެން އިރުއިރު ކޮޅާ ކަހަލަ ގޮތަކަށް ފޯނު ރިންގުވެއެވެ. ނަމަވެސް އެއްވެސް ކަމެއް ނުކޮށް އިންގޮތަށް އެނދުމަތީ އިނދެވުނީއެވެ. އެ ވަރަށް އެ ގުޅަނީ ކާކުކަން އަހަންނަށް އެނގެއެވެ. އަޒާންގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު ހިތް އެތަކެއް ހާސް އެތިކޮޅުތަކަށް ކުދިކުދިވެގެން ދެއެވެ. ބަޔާންކުރާން ދަތި ރިހުމެއް ހިތް ތޮރުފާލައެވެ. މި ހުރިހާ ވާހަކަ ކިޔާދޭނީ ކާކަށް ހެއްޔެވެ.
މުޅި ދުވަސް އެއްކޮށް އެނދުގައި އޮންނަން ބޭނުންވިއެވެ. ނަމަވެސް ޟަމީރު އެއްބަހެއް ނުވިއެވެ. އެހެންވެ ފާޚާނާއަށް ވަނުމަށް އެނދުން ފޭބީމެވެ. ދެފައި މައްޗަށް ކޮޅަށް ތެދުވެވުނު ތަނާހެން އަހަރެންގެ ދެފައި ތުރުތުރު އަޅާލިއެވެ. އެހެންވެ އަނެއްކާ ވެސް އެނދުގައި އިށީނދެވުނީއެވެ. އިރުކޮޅަކު އިނުމަށްފަހު ކަށިން ހިތްވަރު ނެރެމުން ތެދުވީމެވެ. އަދި ރޮމުން ރޮމުން އެކަނިހާލައިގެން ގޮސް ފާޚާނާއަށް ވަނީއެވެ. މިއަދު އަހަންނަށް އަޅާލާނެ އެކަކުވެސް ނެތްކަން އެނގެއެވެ. އަހަރެން މިވާހަކަ ދައްކާނީ ކާކުކައިރީހެއްޔެވެ. އަހަރެންގެ މިވާހަކަ ޤަބޫލުކުރާނީ ކާކުހެއްޔެވެ. ހައިކަލް އެފަދަ ޢަމަލެއް ހިންގަފާނޭ ހީކުރާނީ ކާކުހެއްޔެވެ. އަހަރެންގެ ހިތުގައި ނަފުރަތުގެ ހުޅު ރޯކުރީ ޚުދު ހައިކަލް އަމިއްލައަށެވެ. އަހަރެން ދުވަހަކުވެސް ހައިކަލްއަށް މާފެއް ނުކުރާނަމެވެ. އެރޭ ހައިކަލް އަހަރެން މަރާލިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ. ހައިކަލްގެ ސަބަބުން އަހަރެންގެ ހަށިގަނޑުގައި ދާއިމަށް ނުފިލާނޭވަރުގެ މިލައެއް ހަރުލައިފިއެވެ. މުޅި މީހާ ނަޖިސްވެއްޖެއެވެ. އަހަރެން ފެންމާގަޑު ދޮށުގައި އިނދެ ހަށިގަނޑުގެ އެތަންމިތަން ދޮންނަމުން ދިޔައީމެވެ. އަމިއްލަ ނަފުސުގެ މައްޗަށް އެއްވެސް ބާރެއްނެތް މީހަކު ފަދައިންނެވެ. ހަންގަޑު ރަތްވެ ދިލަ ނަގަންފެށުމުން ވެސް އަހަންނަށް ހުއްޓައެއް ނުލެވުނެވެ. އަހަރެންގެ ދެލޮލުން ފައިބަމުންދިޔަ ކަރުނައަށް ނިމުމެއް ނުވާ ކަހަލައެވެ. އެވެސް އަހަންނަށް ހަމްދަރުވުމުގެ ބަދަލުގައި ފެނާ އެކުވެ ފައިބައިގެން ދަނީއެވެ. ހަށިގަނޑު ސާފުކޮށްކޮށް ވަރުބަލިވީއިރު ވެސް އަހަންނަށް އަދިވެސް ހީވަނީ ހައިކަލްގެ ވަސް އަހަރެންގެ ހަށިގަނޑުގައި ހަރުލާފައިވާހެނެވެ. ކޮޓަރީގެ ދޮރުގައި މީހަކު ތަޅާއަޑު އެވަގުތު ނީވުނުނަމަ އަހަރެން ފާޚާނާގައި އިނދެ އަހަރެންގެ ގައިގެ ހަންގަނޑު ވެސް ދަމާނެގުނީސްކަން ޔަގީނެވެ. ސިހިސިހި ހުރެ އަހަރެން ފެންމާގަނޑު ބަންދުކުރީމެވެ. އެވަގުތު ކަންފަތުގައި ޖެހުނީ ކޮޓަރީގެ ދޮރުގައި ޓަކި ދޭ އަޑާއިއެކު އަހަރެންގެ ނަމުން އަޒާން ގޮވާލި އަޑެވެ. އަޒާން އެ ހިސާބަށް އައީތީ އަހަރެން ސުވާލު އުފެދުނެވެ. ސިކުނޑި ރަނގަޅަކަށް މަސައްކަތެއް ނުކުރިއެވެ. އެހެންވިޔަސް ހުރިހާ ކަމެއް ފޮރުވާލަން އަހަރެން މަސައްކަތް ކުރީމެވެ. އަޒާންގެ ކުރިމައްޗަށް ނުކުންނައިރު އަހަންނަށް ވެފައި ހުރި ގޮތެއް އޭނާއަށް އެނގޭކަށް އަހަރެންގެ ޟަމީރު ނޭދުނެވެ. ނަމަވެސް އަހަރެންގެ ރަތްވެފައިވާ ހަށިގަނޑާ ރުއިމުގެ ސަބަބުން ދުޅަވެ އަރާފައިވާ ދެ ލޯ ސިއްރުކުރާނެގޮތެއް ނޭގުނެވެ. ކޮޓަރިތެރެއަށް ނުކުމެ އަޒާންއަށް ޖަވާބުދިން އިރުވެސް އަހަންނަށް ރޮވެއެވެ. އެކަމަކު އަޒާންއަށް އެކަން ފާހަގަ ކުރެވުނުހެނެއް ހިޔެއްނުވެއެވެ.
ކޮޓަރިތެރޭގައި އަހަރެންގެ އިރާލެވިފައިވާ ނިދާހެނދުން ފެނުމުން އަނެއްކާ ވެސް ހުރިދިމާ ތިރީ ދެކަކޫމައްޗަށް އިށީނދެވުނެވެ. ކޮންމެ ބީހުމެއް އަދިވެސް އަހަރެންގެ ހިތުގައި ބިންވަޅުނެގިފައިވެއެވެ. ހައިކަލްގެ އަތުގެ ނިޝާންތައް އަހަރެންގެ ހަށިގަނޑުގެ އެތަން މިތަނުގައި ފެންނާން އެބަހުއްޓެވެ. ރޫޖެހިފައި އޮތް އެނދުގެ ބެޑުޝީޓު ވެސްވަނީ ހަޑިވެފައެވެ.
ރޮއެރޮއެ އަހަރެންގެ ނަފްސު ވަރުބަލިވެއްޖެއެވެ. ހައްލެއް ނުލިބުނު ހިނދު ހުރިހާ ކަމެއްގެ މައްޗަށް ރުޅި ސަވާރުވެއްޖެއެވެ. ދަތްތައް ޖައްސާބާރުކޮށްލެވުނެވެ. ހައިކަލްގެ ގައިގާ ތަޅައިގަންނަން ބޭނުންވިއެވެ. އޭނާ މަރާލަން ވެސް ހިތަށް އެރިއެވެ. ނަމަވެސް އެފަދަ ރަހުމުކުޑަ ނުބައި އިންސާނަކަށް އަހަރެން ނުވެއެވެ. ހިތުގައި ރުޅިވެރިކަން ފޮރުވައިގެން ހުރެ އަހަރެން ހެދުންލާ ތައްޔާރުވާން ފެށީމެވެ. އަހަރެންގެ ދިގު އިސްތަށިގަނޑު ފުނާ އަޅާ އޮމާންކޮށްލުމަށްފަހު ދޫކޮށްލީ ހަށިގަނޑުގެ ޢައިބުކަން އެ އިސްތަށިގަނޑު ފޮރުވާދޭނެކަމުގެ ޔަގީންކަމާއެކުއެވެ. އެނދު ކައިރިއަށް އައިސް ވަގުތުން އެނދުމަތީ އޮތް ބެޑުޝީޓާއި ތަޅުންގަނޑުމަތީ އޮތް ހެދުންނަގާ ބޮނޑިކޮށް އޮޅާލީމެވެ. އެ ތަކެތި ހިފައިގެން ކޮޓަރިން ނުކުންނަން އައީއެވެ.
ކޮޓަރީގެ ދޮރު ހުޅުވާލުމުގެ ކުރިން އަހަރެން މަޑުޖެހިލީމެވެ. ދޮރުގެ ތަޅަށް ރަނގަޅަށް ބަލާލެވުނީ އިޚްތިޔާރަކާ ނުލައެވެ. މަޑުމަޑުން ތަޅުގައި ހިފާ އަނބުރާލުމާއެކު ދޮރު ހުޅުވިއްޖެއެވެ. ދޮރުމަތީ އަޒާން ހުއްޓެއްކަމަކު އޭނާއަކަށް ސަމާލުކަމެއް ނުދެވުނެވެ. އަހަންނަށް ބެލުނީ ދޮރުގެ ތަޅަށެވެ. މީހަކު ގަދަބާރު ބޭނުންކޮއްފައިވާކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށްނެތެވެ. އަހަރެން އިތުރަށް ބިރުގަތީ އެހެންވެއެވެ. ހައިކަލް ވަންގޮތެއް އެއްގޮތަކަށް ވެސް ނޭގޭތީއެވެ.
އަޒާން: "މިންނު! ކިހިނެއްވީ؟ ދޮރަށް ކަމެއްވެފައި ހުރީތަ؟"
އަޒާންގެ އަޑުން އަހަރެންގެ ސަމާލުކަން އޭނާ ހޯދިއެވެ. އެއާއެކު އަހަރެން އަވަސްވެގަތީ އަތުގައި އޮތް އެއްޗެހި އަޒާނަށް ފެނުމުގެ ކުރީން އެއްލާލާށެވެ. އެހެންވެ ބޮނޑިކޮށްފައި އޮތް ބެޑުޝީޓުގަނޑު ގެނެސް ކުނިގޯނި ތެރެއަށް ލީއެވެ. އަޒާންއާ ހަތަރުކަޅި ހަމަކުރުން އަހަންނަށް ފަސޭހައެއްނުވިއެވެ. ނަމަވެސް ހިތުގައި އޮތް ސުވާލެއް އަހާލީމެވެ. އަޒާން ގޭތެރެއަށް ވަދެގެން އައި ގޮތަކާ މެދުއެވެ.
އަޒާން:" އަހަރެން ހާދަ ވަރަކަށް މިންނުއަށް ގުޅީމޭ... ރޭގައި އެހާ ލަހުން ނިދީމަ ނުހޭލެވުނީ ދޯ... އެންމެފަހުން ޚަބަރެއް ނުވީމަ މި އައީ. ނަސީބަކުން އައިއިރު ހައިކަލް ވެސް އެބައުޅޭ. އޭނާ ގާތު އަހާލީމަ ބުނެފި މިންނު ކޮޓަރީގައޭ"
އަޒާންގެ ވާހަކަ އިވިފައި އަހަރެން ގަނޑުވިއެވެ. އަހަރެންގެ އަނގައިން އާހެއް ބޭރުވެގެން ދިޔަކަން އެނގުނީ އަޒާން އަހަރެންގެ ކޮނޑުގައި ހިފާލުމުންނެވެ. އޭރު އަހަންނަށް މޭގައި އަތްއަޅާލެވިއްޖެއެވެ. ހައިކަލްއަކީ އިންސާނެއްބާއެވެ. އިންސާނަކަށްވާނަމަ ހިތުގައި ރަހުމުގެ ކުނޑިފުކެއް ވެސް ނެތީބާއެވެ. އޭނާ ރޭއްސުރެން އަހަރެންގެ ގެއިން ނުކުމެގެން ނުދަނީކަން އަހަންނަށް ޔަގީންވިއެވެ. އޭނާއަކީ އެހާ ނުލަފާ ރަހުމެއްނެތް މީހަކަށް ވެދާނޭ އަހަރެން އެއްފަހަރު ވެސް ހިތަކަށް ނާރައެވެ. ރޭގައި ކުރެވުނު ކަންތައްތަކުން އޭނާ އަދިވެސް ހިތް ނުފުރެނީބާއޭ ހިތަށް އެރިއެވެ. އެ ހަށިގަނޑުން ދުވި ވަސް އަހަރެންގެ ނޭފަތުން ދުވަހަކު ވެސް ފިލައިގެން ނުދާނެއެވެ.
އަޒާން: "މިންނު! ބަލީތަ؟"
އަޒާންގެ ކަންބޮޑުވެފައި އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. ލައިގެން ހުރި އަތްދިގު ދޯޕައްޓާ ހެދުމާއި ނިއުޅާލާފައި އޮތް އިސްތަށިގަނޑު ހަށިގަނޑު ނިވާ ކުރެވުނަސް އަހަރެންގެ ދެ ލޯ ނުފޮރުވުނެވެ. ދޭނޭ ޖަވާބެއް ނޭނގި ހުއްޓުން އަރާފައި ހުރެވުނީއެވެ. އަޒާން އަހަރެންގެ ދަތްދޮޅީގައި ހިފާ މޫނު އުފުލާލަން އުޅުނެވެ. އެހިނދު އޭނާގެ މޭގެތެރެއަށް އަހަރެން ގޮސް ވަނީމެވެ. އަޒާން އަވަސް އަވަހަށް އަހަރެން ގޮވައިގެން ކޮޓަރިއަށް ވަނެވެ.
އަޒާން: "މާބޮޑަށް މިސްވީތަ؟ ފިނިވީމަ ދޯ..."
އަޒާން އެހެން ބުނީ ލޯތްބާއި ސަމާސާ ރާގުގައި ކަމަށްވިޔަސް އަހަރެންގެ ހިތަށް ބަރުދާސްތުކުރަން ދަތި ވޭނެއް ލިބިގެންދިޔައެވެ. އެހިނދު އަހަރެންގެ އަމިއްލަ ނަފުސު ހަމައިން ނެއްޓިގެން ހިނގައްޖެއެވެ. ބާރަށް ރޮވިއްޖެއެވެ. އަޒާން ކަންބޮޑުވުމާއެކު އަހަރެން އިތުރަށް އޭނާއާ ގާތްކޮށްލިއެވެ. ނަމަވެސް އަހަރެންގެ ހަށިގަނޑަށް ލިބެނީ ވޭނެއެވެ. ހައިކަލްގެ ބީހުންތަކުން ލިބިފައިވާ ވޭންތަކެވެ. އެތަންތަނުގައި ރިހެނީއެވެ. އެ ވާހަކަ އަޒާންގެ ގާތުގައި ބުނުމަކަށް ދޫ ހަރަކާތެއް ނުކުރިއެވެ. އޭގެ ބަދަލުގައި އެ ދުލުން ތަކުރާރުކޮށް ބުނެވުނީ އަޒާންދެކެ އިންތިހާއަށް ލޯބިވާ ވާހަކައެވެ.
އަޒާން: "މިންނު! ތިއުޅެނީ ނުވިސްނޭ ކުޑަކުދީން އުޅޭހެން... ދެން ހުއްޓާލާ އަވަހަށް. އަހަރެން ވެސް މިންނުދެކެ ވަރަށް ލޯބިވޭ. އަދި ރޯވަރުކަމެއް ނުވެއެއްނު... ދެން ހުއްޓާ! އަހަރެން މި ހުރީ އައިހެއްނު މިންނު ގާތަށް"
ހަޤީޤަތް ނޭނގި ހުރެ ކުޑަކުއްޖަކު މަސަލަސް ކުރާހެން އަޒާން އަހަންނާ ވާހަކަދެއްކިއެވެ. ނަމަވެސް އެ ވާހަކަތަކުން އިތުރަށް އަހަރެންގެ ހިތުގައި ޖެހުން ނޫންކަމެއް ނުވިއެވެ.
ކޮޓަރީގެ އޮޅިގަނޑު މަތީ އިށީނދެލައިގެން އިން އަޒާންގެ އުނގަށް ވަދެ އަހަރެން އިނީމެވެ. އަޒާންއާ ދުރަށް ދާން އަހަރެން ބޭނުމެއްނޫނެވެ. އޭނާގެ ހިމާޔަތުގެ ތެރޭ މުޅި އުމުރު ހޭދަކުރާން ބޭނުންވިއެވެ. ހަވީރު ހިޔާއެރި އިރު އަނެއްކާ ވެސް ދުނިޔެ މަތި ކަޅުކޮށްފިއެވެ. ފިނިރޯޅިތަކުން އަހަރެންގެ ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހިގެން ދާކަން އަޒާނަށް ވެސް އިހުސާސް ކުރެވުނެވެ.
އަޒާން: "މިންނު ބަލީ ދޯ... އެހެންވެ ތިހާ ފީވެގެން ތިއުޅެނީ. ގައި ވެސް ހާދަ ހޫނޭ. ނިތްކުރި ވެސް... ހުން އަންނަނީ ކަންނޭނގެ. ކީއްވެފަތަ ތި އިންނީ. މިއަދު އެއްޗެއް ކައިފިންތަ؟ އަހަރެން ގާތުގައި ސައިބޯން ވެސް ނާހާނަންތަ؟"
ހުންވައްތަރުވަނީ ކަން އަހަންނަށް ވެސް އިހުސާސް ކުރެވެއެވެ. ނަމަވެސް އަޒާންގެ އުނގުތެރޭން ތެދުވަން ބޭނުންނުވާތީ އިނދެވުނީއެވެ. އަޒާން އެގޮތް ބޭނުމެއްނުވިއެވެ. އޭނާ ތެދުވަމުން އަހަރެން ވެސް ނެގީއެވެ. (ނުނިމޭ)