ކުޅިވަރު

އުނދަގޫ މޮޅަކުން ނަޕޯލީގެ ފަހަތުގައި އިންޓަ ވިއްދައިފި

ތާވަލުގެ އެންމެ ފުލުން ދެ ވަނައިގައި އޮތް ހެލަސް ވެރޯނާ އަތުން އުނދަގޫ މޮޅެއް ހޯދައި، ތާވަލުގެ އެއް ވަނައިގައި އޮތް ނަޕޯލީގެ ފަހަތުގައި އިންޓަ މިލާން ވިއްދައިފި އެވެ. ރޭ ކުޅުނު މެޗު އިންޓަ ކާމިޔާބު ކުރީ 2-1 ން ނެވެ.

އިންޓަ މޮޅުވި ލަނޑު، އިވާން ޕެރިސިޗް ކާމިޔާބު ކުރީ، ވެރޯނާގެ ޖަމްޕައޮލޯ ޕައްޒީނީ، ޕެނަލްޓީ އަކުން، މެޗުގެ ނަތީޖާ އެއްވަރު ކުރިތާ 10 މިނެޓްވެސް ނުވަނީ ހެވެ. މެޗުގެ 59 ވަނަ މިނެޓްގައި، ވެރޯނާ އަށް ޕެނަލްޓީ އެއް ރެފްރީ ދިނީ، ވީޑިއޯ އެސިސްޓެންޓް ރެފްރީ ނުވަތަ ވީއޭއާރް ޓެކޮނޮލިޖީގެ އެހީގައި ބެލުމަށް ފަހު އެވެ.

އިންޓަގެ ކީޕަރު ސާމިރު ހޭންޑޮނޮވިޗް އާއި ވެރޯނާގެ ވިންގާ އެލޭސިއޯ ސާސީ އާ ދެމެދު ކުރިމަތި ލުމެއް ހިނގި ނަމަވެސް ފުރަތަމަ ރެފްރީ ނިންމީ ކުޅުން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް ވީއޭއާރް ޓެކޮނަލަޖީގެ އެހީގައި ވީޑިއޯ ބެލުމުން އެނގިފައި ވަނީ ހޭންޑޮނޮވިޗް ސާސީއަށް ފައުލު ކޮށްފައިވާ ކަމެވެ.

މޮއިސީ ކީން ގެ ބަދަލުގައި، ޕައްޒީނީ ކުޅެން އެރީ މެޗުގެ 58 ވަނަ މިނެޓްގައެވެ. ކުޅެން އަރައި އޭނާގެ ފުރަތަމަ ޓަޗަކަށްވީ ލިބުނު ޕެނަލްޓީ އެވެ. އޭނާ ވަނީ ޕެނަލްޓީ ކާމިޔާބު ކޮށް މެޗުގައި އޭނާގެ ފުރަތަމަ ބޯޅައިން ވެރޯނާ އަށް ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު 36 ވަނަ މިނެޓްގައި އިންޓައަށް ކާމިޔާބު ކޮށްދިނީ، މިދިޔަ ސީޒަންގައި ފިއޮރެންޓީނާއަށް ކުޅުނު ސްޕެއިންގެ ބޮރަހާ ވަލޭރޯ އެވެ. އޭނާ ލަނޑު ޖެހީ އެންޓޯނިއޯ ކަންޑަރޭވާ ތަނަވަސް ކޮށްދިން ފުރުސަތަކުން ނެވެ.

މި މޮލާއެކު، މި ސީޒަންގައި މެޗަކުން ބަލި ނުވެ އިންޓައިން ދަމަހައްޓަމުން އަންނަ ރޭހަށް ބޮޅެއް އިތުރުވީ އެވެ. މި ސީޒަންގައި އިންޓައާ ހަވާލުވި ލުޗާނޯ ސްޕަލެޓީ، އެ ޓީމާ ހަވާލުވެ އެހެން ބަދަލެއްވެސް ގެނެސްފި އެވެ. އިންޓަ އަކީ އިޓާލިއަން ލީގްގައި ތަކުރާރުކޮށް އެންމެ ގިނަ މެޗުގައި ފުރަތަމަ 11 ގައި އެއް ކުޅުންތެރިންތަކެއް ގެންގުޅޭ ޓީމެވެ. ސްޕަލޭޓީ ވަނީ ފުރަތަމަ 11 ގައި އެއްކުޅުންތެރިންތަކަށް ފަސް މެޗުގައި ފުރުސަތު ދީފަ އެވެ.

ނަޕޯލީ އެއް ވަނައިގައި އޮތީ، 31 ޕޮއިންޓާއެކު އެވެ. ދެ ޕޮއިންޓް ފަހަތުގައި އިންޓަ އޮތީ 29 ޕޮއިންޓްގަ އެވެ. ތިން ވަނައިގައި އޮތީ މިދިޔަ ހަ އަހަރުގެ ޗެމްޕިއަން ޔުވެންޓަސް އެވެ. އެ ޓީމަށް ލިބިފައި ވަނީ 28 ޕޮއިންޓެވެ.