ކުޅިވަރު

ޗެލްސީގައި ނޫޅެވޭނެކަމަށް ބުނި މޮރާޓާގެ ރާގު ބަދަލުކޮށްފި

Oct 31, 2017

ލަންޑަންގައި ދިރިއުޅުން އެހާ ފަސޭހަ ނޫންކަމަށާއި އެހެންވެ ޗެލްސީގައި މާ ގިނަ ދުވަހު ނުހުރެވޭނެ ކަން ދޭހަވާ ގޮތަށް ވާހަކަ ދެއްކުމަށްފަހު ޗެލްސީގެ ފޯވަޑް އަލްވާރޯ މޮރާޓާ އޭނާގެ ވާހަކަތަކުގެ ރާގު ބަދަލު ކޮށްފި އެވެ.

ޔޫއެފްއާ ޗެމްޕިއަންސް ލީގްގައި، އިޓަލީގޭ އޭއެސް ރޯމާއާ ދެކޮޅަށް ކުޅޭ މެޗަށް، ޗެލްސީ ޓީމާއެކު އިޓަލީގައި ހުރި، މޮރާޓާ، އިޓަލީގެ ކުޅިވަރު ނޫސް ލެ ގެޒެޓާ ޑެލޯ ސްޕޯޓް ނުވަތަ (ގެޒެޓާ) އަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ، ލަންޑަންގައި ދިރިއުޅުން ވަރަށް ބޮޑަށް ކަން ބޮޑުވެ ހާސްކަން ކުރިމަތި ކުރުވާ ކަމަށާއި، އެ ސިޓީގައި އެހާ ގިނަ ދުވަހު އުޅެވިދާނެ ކަމަށް ހީ ނުވާ ކަމަށެވެ.

"އަހަރެން ދިރިއުޅެނީ ލަންޑަންގެ ޑައުންޓައުންގައި، ލަންޑްންގައި އަހަރެން ޝައުގުވެރިކަން ދަމައިގަންނަނީ ލަންޑަން އަކީ އަކީ އެކި ސަގާފަތްތައް އޮންނަތަނަކަށް ވާތީ، ނަމަވެސް އަހަންނަކަށް މިތާންގައި އެހާ ގިނަ ދުވަހު އުޅޭނެހެނެއް ހީއެއްނުވެ." ގެޒެޓާ އަށް ދިން އިންޓަވިއުގައި މޮރާޓާ ބުންޏެވެ. "މިއީ މާ ބޮޑު ތަނެއް މާބޮޑަށް ކަންބޮޑުވުން އުފެދޭ ކާރުބާރު ބޮޑު ތަނެއް."

ނަމަވެސް، ރޯމާއާ ދެކޮޅަށް، މިރޭ ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރީ މެޗް ޕްރެސްގައި، މޮރާޓާ ވަނީ، އޭނާ ދެއްކި ވާހަކަތަކުގެ ރާގު ބަދަލު ކޮށްފަ އެވެ. އޭނާ ބުނީ ޗެލްސީން އިން 10 އަހަރުގެ އެއްބަސްވުމެއް ހުށަހެޅިޔަސް އެ އެއްބަސްވުމުގައިވެސް އޭނާ ސޮއި ކުރާނެ ކަމަށެވެ. އަދި އޭނާ ވަނީ އިންޓަވިއުގައި މުއާމަލާތް ކުރުމުގެ މައްސަލައެއް އުޅޭ ކަމަށާއި އޭނާ ބުނީ ކުޅުން ހުއްޓާލުމަށްފަހު ކަން ވާނެ ގޮތުގެ ވާހަކަ ކަމަށެވެ.

"ޗެލްސީން އަހަންނަށް 10 އަހަރުގެ އެއްބަސް ވުމެއް ހުށަހެޅިޔަސް ހަމަ ޔަގީން އަހަރެން ސޮއި ކުރާނަން، އަހަރެން މި ކުލަބުގައި މިހުރީ އުފަލުން، މި ސިޓީ [ލަންޑަން] ގައި މި ހުރީ އުފަލުން، ހަމަ ޔަގީން އަހަރެން ލަންޑަން އާމެދު ޝައުގުވެރިވޭ، އަހަންނަށް ކުރިއެރުން ލިބޭނަމަ އަހަންނަށް މި ޓީމުގައި ފަސް އަހަރަށް ވުރެ ގިނަ ދުވަހުވެސް ހުންނާނަން، ނަމަވެސް އަހަރެން އެބަޖެހޭ ގިނަ ގޯލްތަކެއް ޖަހަން އެހެން ނޫނީ ޗެލްސީން އެހެން ކުޅުންތެރިޔަކު ގަންނާނެ." ޕްރީ މެޗް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން މޮރާޓާ ބުންޏެވެ.

ގެޒެޓާއަށް މޮރާޓާ އިންޓަވިއު ދިނީ، ހޮނިހިރު ދުވަހު ބޯންމައުތު އާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗަށް ފަހު އެވެ. އިންޓަވިއުގައި މޮރާޓާ ބުނެފައި ވަނީ، ޔުވެންޓަސްގައި ހުރުމަށްފަހު އަލުން ރެއާލް މެޑްރިޑަށް ބަދަލު ވުމަކީ އޭނާ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. މިދިޔަ ސީޒަން ފެށުމުގެ ކުރިން، މޮރާޓާ، ރެއާލް އަށް ބަދަލުވީ ޔުވެންޓަސްގައި ދެ ސީޒަން ހޭދަ ކުރުމަށް ފަހު އެވެ. އޭނާ ޔުވެންޓަސްއަށް ގެންދިޔައީ، ޗެލްސީގެ މިހާރުގެ ކޯޗް އެންޓޯނިއޯ ކޮންޓޭ އެވެ.

ޗެލްސީގެ ރެކޯޑް ފީއެއް ކަމަށްވާ 70 މިލިއަން ޕައުންޑަށް، މޮރާޓާ ޗެލްސީއަށް ބަދަލުވީ މި ސީޒަން ފެށުމުގެ ކުރިން ނެވެ. އޭނާ ވަނީ ޗެލްސީއާ އެކު ފަސް އަހަރު ދުވަހުގެ އެއްބަސް ވުމެއްގައި ސޮއި ކޮށްފަ އެވެ. އަދި އޭނާ ވަނީ ޕްރިމިއާ ލީގްގައި އޭނާ ކުޅުނު ނުވަ މެޗުގައި ހަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.