ދުނިޔެ

ޖަޕާނުގެ ގެއަކުން ފެނުނީ "ކޮށާލާފައިވާ" ނުވަ ހަށިގަނޑު

ޖަޕާނުގެ ކަނަގާވާ ޕްރިފެކްޗާގައިވާ ޒަމާ ނަމަކަށް ކިޔާ ރަށުގެ ގެއަކުން ، ގުނަވަންތައް ވަކިކޮށްފައިވާ ނުވަ މީހެއްގެ ހަށިގަނޑު ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

ޖަޕާން ޓައިމްސް ނޫހުން ބުނީ ޖަޕާނު ފުލުހުންނަށް އެހަށިތައް ފެނުނީ އުމުރުން 23 އަހަރުގެ އަންހެނަކު ގެއްލިގެން ، ޓަކަހީރޯ ޝިރައިޝީ ނަަމަކަށް ކިޔާ މީހަކު ތަހުގީގު ކުރުމުގެ ތެރޭގައި ކަމަށެވެ. ޒަމާ މެޓްރޮޕޮލިޓޭން ފުލުހުންނާ ހަވާލާދީ ނޫހުން ބުނީ އެ ނުވަ މީހުންގެ ހަށިގަނޑު ގޭގަައި ބާއްވާފައި އޮތީ މީހުން މެރުމަށް ފަހު ހެކި ފޮރުވަން ކަމަށް ޓަކަހީރޯ މިހާރު އެއްބަސްވެފައިވާ ކަމަށެވެ.

ޓަކަހީރޯއާއަށް ފުލުހުން ފުރަތަމަ ކުރި ތުހުމަތަކީ ގެއްލުނު 23 އަހަރުގެ އަންހެންމީހާގެ ހަށިގަނޑު ނައްތައިލި ކަމުގެ ތުހުމަތެވެ. ނަމަވެސް އޭނާގެ އެޕާޓްމަންޓް ބަލައި ފާސްކުރި އިރު ފެނުނީ އިންސާނުންގެ ގުނަވަންތައް ކޫލްބޮކްސްއަކަށް އަޅާފައި ހުއްޓައެވެ. އޭގެ ތެރޭގައި ދެމީހެއްގެ ބޯވެސް އޮތެވެ.

ގެއްލުނު އަންހެންމީހާ ޓަކަހީރޯއާ އެކު ހިނގާފައިދާ މަންޒަރު ސަވައިލެންސް ކެމެރާއަކުން ރެކޯޑް ކުރެވިފައިވާ ފުޓޭޖަކުން ވަނީ ފެނިފައެވެ. ޖަޕާނުގެ ވެރިރަށް ޓޯކްޔޯގައި ދިރިއުޅުނު އެ އަންހެންމީހާ ހޯދަން ފުލުހުން މަސައްކަތް ފެށީ އޭނާ ގެއްލިގެން އޭނާގެ ބޭބެ ފުލުހުންނަށް ރިޕޯޓުކުރުމުންނެވެ. އަމިއްލައަށް މަރުވާން ބޭނުންވާ މީހުންނަށް ތައްޔާރުކޮށްފައިވާ ވެބްސައިޓެއްގައި އަމިއްލައަށް މަރުވާން ބޭނުންވާ ވާހަކަ ލިއުނުކަން އަންހެންމީހާގެ ބޭބެއަށް ފަހުން އެނގިގެން އެމައުލޫމާތު ވަނީ ފުލުހުންނަށް ދީފައެވެ.

އަންހެންމީހާ ޓަކަހީރޯ ހޯދީ އެ ވެބްސައިޓުގެ ޒަރިއްޔާއިން ކަމަށް ވަނީ ބެލެވިފައެވެ.

ޓަކަހީރޯ ދިރިއުޅުނު އެޕާޓްމަންޓް ހުންނަ ފުލޯގައި ހުންނަ އެހެން އެޕާޓްމަންޓެއްގައި ދިރިއުޅޭ މީހަކު ޖަޕާން ޓައިމްސް އަށް ބުނެފައިވާ ގޮތުގައި ޓަކަހީރޯގެ އެޕާޓުމަންޓު ހުރަސްކޮށް ދާއިރު ނުބައިވަހެއް ދުވާކަން އޭނާއަށް ވަނީ ފާހަގަވެފައެވެ. ނަމަވެސް އެތަނުން އެއްވެސް އާދަޔާ ހިލާފު އަޑެއް ނީވޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

ޓަކަހީރޯގެ އެޕާޓްމަންޓުން ފެނުނު ހަށިތަތަކީ ކޮން ބައެއްގެ ހަށިތަކެއްކަން ދެނެގަތުމަށް ޑީއެންއޭ ޓެސްޓް ހަދާނެ ކަމަށް ފުލުހުން ވަނީ ބުނެފައްެވެ.