ދުނިޔެ

ނިއުކްލިއަ ހަކަތަ އުފައްދަން ސައުދީން މަސައްކަތް ފަށަނީ

ނިއުކްލިއަ ހަކަތަ އުފެއްދުމަށްޓަކައި ޔުރޭނިއަމް ނަގަން ފަށަން ސައުދީ އަރަބިއްޔާއިން ތައްޔާރުވެއްޖެއެވެ.

ސައުދީ އިސް މަސްއޫލުވެރިޔަކާ ހަވާލާދީ އަަރަބް ނިއުސް ބުނީ އެޓޮމިކް ހަކަތަ އުފެއްދުމުގައި އަމިއްލަ ފުދުންތެރިކަން ހޯދުމަށްޓަކައި ޔުރޭނިއަމް ނަގަން ރާވާފައިވާ ކަމަށެވެ.

ނިއުކްލިއަ ހަތަކަ އުފެއްދުމުގެ މަޝްރޫއު ރާވައި ހިންގަން ހަވާލުކޮށްފައިވައި ވަނީ ' ކިންގް އަބުދުﷲ ސިޓީ ފޯ އެޓޮމިކް އެންޑް ރިނިއުވަބުލް އެނާޖީ ( ކާކެއާ) އަށެވެ. އެތަނުގެ ވެރިޔާ ހާޝިމް ބިން އަބުދުﷲ ޔަމާނީ ވިދާޅުވެފައި ވަނީ އަމިއްލަ ގައުމުން ޔުރޭނިއަމް ނެގުމަކީ އިގުތިސާދީ ގޮތުންް ރަނގަޅު ކަމަކަށް ވާނެ ކަމަށެވެ.

" ކިންގްޑަމްގައި ޔުރޭނިއަމް އުފެއްދުމަކީ ، ނިއުކްލިއަ ފިއުލް އުފެއްދުމުގައި އަމިއްލަ ފުދުންތެރިކަން ހޯދުމާ ދިމާލަށް އަޅާ ފުރަތަމަ ފިޔަވަޅު. އިގުތިސާދީ ގޮތުން އެންމެ ރަނގަޅުކަން ކަށަވަރު ކުރެވިފައިވާ ޔުރޭނިއަމް އޯގެ ބޭނުން އަހަރެމެން ކުރާނީ" އިންޓަނޭޝަަަނަލް އެޓޮމިކް އެނާޖީ އެޖެންސީ ( އައިއޭއީއޭ) އިން އިންތިޒާމުކުރި ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ޔަމާނީ ވިދާޅުވިކަމަށް ނޫހުގައި ވެއެވެ.

ސައުދީ ސަރުކާރުންް ބުނީ އެގައުމުން ނިއުކްލިއަ ހަކަތަ އުފައްދާނީ ސުލްހަވެރި ބޭނުންތަކަށް ކަމަށެވެ. އަދި އެގައުމުގައި ގާއިމްކުރާ ފުރަތަމަ ދެ ރިއެކްޓަރު ބިނާކުރުމުގެ ކޮންޓްރެކްޓް އަންނަ 2018 ވަނަ އަހަރު ބަޔަކާ ހަވާލުކުރާނެ ކަަމަށް ވެސް ބުންޏެވެ.

ސައުދީ އަރަބިއްޔާއިން ނިއުކްލިއަ ހަކަތަ އުފައްދަން ފެށުމުން އެގައުމު ވާނީ ގަލްފު ސަރަހައްދުގައި އެ މަސަައްކަތް ކުރާ ދެވަނަ ގައުމަށެވެ. ފުރަތަމަ ގައުމަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ) އެވެ. ޔޫއޭއީގައި ދެކުނު ކޮރެއާއިން ބިނާކުރި ނިއުކްލިއަ ރިއެކްޓަރުގެ މަސައްކަތް އަންނަ އަހަރު ފަށާނެއެވެ. ނަމަވެސް އަމިއްލައަށް ޔުރޭނިއަމް މުއްސަނދި ނުކުރާނެ ކަމަށާއި ބޭނުންކޮށްފައިވާ ފިއުލް ރިޕްރޮސެސް ނުކުރާނެ ކަަމަށް އެގައުމުން ވަނީ ބުނެފައެވެ.