މިޔަންމާ ދުކޮށް ބަންގްލަދޭޝްއަށް ދަތުރުކުރި ރޯހިންޔާ މީހުން ތިބި ކުޑަ އުޅަނދެއް ބަންޑުން ޖަހާލައި ދެމީހުންނާއި ކުޑަ ދެކުދިންް މަރުވެއްޖެއެވެ.
ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ނަމަކަށް ކިޔާ ރަށުގެ ފުލުހުންނާ ހަވާލާދީ ރޮއިޓާސް ބުނީ ކޮކްސް ރޯހިންޔާ ދަރިކޮޅުގެ މީހުން ތިބި ކުޑަ އުޅަނދު ބަންޑުން ޖަހައިލީ ބަންގްލަދޭޝްގެ އައްސޭރިފަށަށް ކަމަށެވެ.
އުޅަނދު ބަންޑުން ޖަހައިލުމުން ހާލުގައި ޖެހުނު 37 މީހަކު ސަލާމަތްކޮށްފައި ވާއިރު އޭގެ ތެރެއިން 11 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މިޔަންމާގެ ރާޚައިން ސްޓޭޓްގައިވާ ބޫތިޑޯން ނަމަކަށް ކިޔާ ރަށުން ފުރައިގެން ބަންގްލަދޭޝްއަށް ދަތުރުކުރި އެމީހުންނަކީ 50000 ކިޔާޓް ( 37 ޑޮލަރު) ދައްކައިގެން ދަތުރުކުރި ބައެއް ކަމަށް އެމީހުންނާ ހަވާލާދީ ނޫހުން ބުންޏެވެ.
މިޔަންމާގެ ރާޚައިން ސްޓޭޓުގައިި އެގައުމުގެ ސިފައިން ހިންގަމުން އަންނަ ޖަރިމާތައް މިދިޔަ އޮގަސްޓްމަހު އިތުރުކުރި ފަހުން މިހައިތަނަށް ބަންްގްލަދޭަޝްއަށް ހިޖުރަކުރި މީހުންގެ އަދަދު މިހާރު ވަނީ ހަލައްކައަށް ވުރެެ މަތިވެފައެވެ.
މިޔަންމާ ސިފައިންނާ ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ހަރަކާތްތައް ފެށީ 2012 ވަނަ އަހަރުއެވެ. އޭރުން ފެށިގެން މީހުން މެރުމާއި އިތްފަތް ފޭރުމާއި ގެދޮރު އެންދުމުގެ އަމަލުތައް ހިންގި ނަމަވެސް އެކަން ދުނިޔޭގެ ސަމާލުކަމަށް އައީ މިދިޔަ އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ރޯހިންޔާ ހަނގުރާމަވެރިންގެ ބަޔަކު މިޔަންމާ ސިފައިންނާ ދެކޮޅަށް ހަމަލާތަކެއް ދިނުމުންނެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި ރޯހިންޔާ ހަނގުރާމަވެރިންގެ އަމަލުތައް ވެސް ވަނީ ކުށްވެރިކޮށްފައެވެ.