ފޯނު ބޭނުކުރާއިރު އެންމެ މުހިންމީ ސަޅި ޑޭޓާ ޕްލޭނެއް ލިބުމެވެ. ދެން ބޭނުންވާނީ ޑޭޓާ ބޭނުންވާ ގޮތަކަށް ބަދަލު ކޮށްލަން ލިބުމެވެ. އެ މިނިވަންކަން ލިބުމެވެ. ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި ވަނީ މި ބަދަލު ގެނެސް ދީފަ އެވެ. އެ ކުންފުނިން އަލަށް ތައާރަފުކުރި ޕޯސްޓްޕެއިޑް ޕްލޭންތަކާއެކު މިހާރު ދިރާގަށް ބަދަލުނުވެ ވާހަކަށް ނެތެވެ. ޕޯޓްސް ޕެއިޑް ޕްލޭންތައް މިނިވަންކާއެކު ބޭނުން ކޮށްލުމުގެ ފުރުސަތު ފަހިވީ އެވެ.
"ޕޯސްޓްޕެއިޑް ޕެކޭޖުތަކަށް އަލަށް މި ގެނެސްދިން ބަޔަކާއެކު، މިހާރު ކަސްޓަމަރުން ބޭނުންވާ ޕެކޭޖެއް ނަގައި، އެ ބޭފުޅަކު ބޭނުންވާ ގޮތަކަށް ޑޭޓާ ފަރުމާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ،" ދިރާގުގެ ޗީފް މާކެޓިން އޮފިސަރު އިޒަބެލް ހާޖްރީ ރޭ ވިދާޅުވި އެވެ.
"ދިރާގު އެކްސްޕީއަންސް" ގެ ނަމުގައި ނޭޝަނަލް އާޓްގެލަރީގައި ގިނަ ކަސްޓަމަރުންނާއެކު ބޭއްވި ހަފުލާގައި އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުން އަބަދު ވެސް ބަލަނީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ބަދަލު ގެނަންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ އެންމެ މުހިންމު ބަޔަކީ ކަސްޓަމަރުން. މި ދަނޑިވަޅުގައިވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ކަސްޓަމަރުން ހުއްޓުމެއް ނެތި ދެއްވާ އެއްބާރުލުމަށް. ކަސްޓަމަރުންނާ ނުލައި ހިދުމަތެއް ނުދެވޭނެ،" ހަތަރު ލައްކައެއްހާ މީހުންނަށް ހިދުމަތްދޭ ކުންފުނީގެ ސީއީއޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިރާގުގެ ހިދުމަތުގެ ފެންވަރު މަތި ކުރަން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަސައްކަތުގެ ދަށުން، ސަބްމެރިން ކޭބަލް މެދުވެރިކޮށް މުޅިރާއްޖެ ގުޅާލާފައިވާކަން އިސްމާއިލް ފާހަގަ ކުރެއްވި އެވެ.
"މަސައްކަތް ކުރަމުން މިދަނީ މާލެއެކޭ އެއްގޮތަށް އެއް ފެންވަރެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ވެސް ދިރާގުގެ ހިދުމަތް ދިނުމަށް،" އިސްމާއިލް ވިދާޅުވި އެވެ.
ދިރާގުން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ގެނެސްދިން ހާއްސަ ޕެކޭޖުތަކުގެ ތެރޭގައި ހިލޭ ގުޅުމާއި މެސެޖު ކުރެވެ އެވެ. އަދި ހިލޭ ބައެއް ސޯޝަލް މީޑިޔާގެ އެޕްތައް ބޭނުން ކުރެވުމާއި ރާއްޖެ ބައެއް އެޕްތައް ހިލޭ ބޭނުން ކުރުމުގެ އިތުރުން ރާއްޖޭން ބޭރަށް ކުރާ ކޯލްތަކަށް 50 ޕަސެންޓުގެ ޑިސްކައުންޓެއް ވެސް ލިބޭނެ އެވެ. މިގޮތުން ޕޯސްޓް ޕެއިޑް 350 ޕެކޭޖަށް ދެ ޖީބީ ލިބެ އެވެ. އަދި ޕޯސްޓްޕެއިޑް 550 ޕެކޭޖަށް ފަސް ޖީބީ ލިބޭއިރު ޕޯސްޓްޕެއިޑް 750 ޕެކޭޖަށް 10 ޖީބީ ލިބެ އެވެ. އަދި ޕޯސްޓް ޕެއިޑް 1000ރ. ގެ ޕެކޭޖަށް 20 ޖީބީ ލިބޭނެ އެވެ. މި ޕެކޭޖުތަކުގައި ވަޓްސްޕާއި ވައިބާ އަދި އިންސްޓްގްރާމްގެ އިތުރުން ޕޭސްބުކް އަދި ސްޓެޕްޗެޓް ބޭނުން ކުރެވެ އެވެ.