ފުލުހުންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އޭނާ ހުންނެވި މަގާމުން ދުރުކޮށްފި އެވެ.
އޭނާ ހުންނެވީ ކޮމިޝަނަރު އޮފް ޕޮލިސްގެ ބިޔުރޯގެ ވެރިޔާގެ ގޮތުގަ އެވެ. ފުލުހުންގެ ބައެއް މަސްދަރުތަކުން އަވަސް އަށް ކަށަވަރުކޮށްދިން ގޮތުގައި މިދިޔަ ހަފްތާގެ ތެރޭގައި މަންނާނު ވަނީ އެ މަގާމުން ދުރުކޮށްފަ އެވެ. އަދި އޭނާ އިތުރު މަގާމަކަށް ހަމަޖައްސާފައި ނުވާ ކަމަށްވެ އެވެ.
މަންނާނު އެ މަގާމުން ދުރުކުރި އިރު ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ޑީސީޕީ ސައުދީއާ ދެމެދު މައްސަލަ ހޫނުވެ އެކަން ހައްލު ކުރަން ރައީސް އޮފީހުން ވަނީ މަސައްކަތް ފަށައިފަ އެވެ. އަދި ފުލުހުންގެ ބައެއް ޑިޕާޓްމަންޓްތަކުގެ އިސްވެރިންނަށް ވެސް މިދިޔަ ހަފްތާ ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.
މިފަހުން ފުލުހުންގެ އިސް އޮފިސަރުންތަކެއްގެ މައްޗަށް ފިޔަވަޅު އަޅައި ބައެއް ބޭފުޅުން ވަނީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފަ އެވެ.