ވިޔަފާރި

އަލިތާލިޔާ އިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށައިފި

އިޓަލީގެ ގައުމީ އެއާލައިން "އަލިތާލިއާ" އިން ރާއްޖެ އަށް ޝެޑިއުލް ދަތުރުތައް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިއަދު ފަށައިފި އެވެ.

ވީއައިއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިޓަލީވިލާތުގެ ރޯމުން ރާއްޖެއަށް ފެށި، މި ދަތުރުތަކުގައި ބޭނުން ކުރަނީ 250 މީހުންގެ ޖާގައި، އެއާބަސް 330 މަރުކާގެ ބޯޓެކެވެ.

އެލިތާލިއާ އެއާ ލައިންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓަކީ ވޮޔެޖަސް މޯލްޑިވްސް އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސޮލާހު ޝިހާބު ވިދާޅުވީ އިޓަލީން މި އެއާލައިން ދަތުރު ފެށުމާއެކު ޔޫރަޕުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން އިޓަލީއަކީ ރާއްޖެއަށް މުހިންމު. މި ދޭތެރެ އިން އިޓަލީ މާކެޓު ކުޑަކޮށް ދަށްވި. ނަމަވެސް މިހާރު ހުރިހާ އިންޑިކޭޝަންތައް ދައްކަނީ ރަނގަޅު ވަމުންދާތަން،" ޝިހާބު ވިދާޅުވި އެވެ.

އަލިތާލިޔާ އިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރު ފެށީ، 1985 ވަނަ އަހަރު އެވެ. އަދި އެއަށް ފަހު މި އެއާލައިން ރާއްޖެ އަށް އައިސްފައިވަނީ 2014 ވަނަ އަހަރު އެވެ. އެ ފަހަރު ވެސް ރާއްޖެއަށް ދަތުރު ކުރީ ޗާޓަރު ފްލައިޓެކެވެ.

މި ފަހަރު އެލިތާލިއާ އިން ހަފްތާއަކު ތިން ދުވަހު ރާއްޖެ އަށް ދަތުރު ކުރާނެ އެވެ. މި ދަތުރުގެ ދިގުމިނަކީ 9.30 މިނެޓެކެވެ.

ޓޫރިޒަމް ސީޒަނާ ދިމާކޮށް، ރާއްޖެއަށް އާ އެއާލައިންތައް ދަތުރު ފަށާއިރު، ޔޫރަޕުގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ "އެއާފްރާންސް" އެވެ. އެ އެއާލައިނުން އެއާ ކޮންމެ ހަފުތާއެއްގެ ބުރާސްދަތު އަދި ހޮނިހިރު ދުވަހު ފްލައިޓް ބާއްވަން ނިންމާފައިވެ އެވެ. މި އެއާލައިނުން މާލެއަށް ދަތުރު ކުރާނީ އެެ އެއާލައިނުގެ ބޮއިންގް 777 މަރުކާގެ މަތިންދާ ބޯޓުތަކުގަ އެވެ. މީގެ އިތުރުން ވެސް ގިނަ އެއާލައިންތަކެއްގެ ފްލައިޓް އިތުރުކޮށް، ފްލައިޓްތަކުގެ ކެޕޭސިޓީ އިތުރު ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.