ވިޔަފާރި

ބީއެމްއެލް އޭޓީއެމްތަކުން ފައިސާ ނެގުމުން ކަރުދާސް ރަސީދެއް ދެން ނުލިބޭނެ

Nov 1, 2017
9

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ތަކުން ފައިސާ ނެގުމުން މިހާރު ލިބޭ ކަރުދާސް ރަސީދު ދިނުން އަންނަ ހަފްތާ ފެށިގެން ހުއްޓާލަން އެ ބޭންކުން ނިންމައިފި އެވެ. އޭގެ ބަދަލުގައި ފައިސާ ނެގުމުން ދެން ފޯނަށް ފޮނުވާނީ "ޑިޖިޓަލް ރިސިޕްޓް" ނޫނީ ފައިސާ ނެގިކަން އަންގައިދޭ އެސްއެމްއެސްއެކެވެ.

ބީއެމްއެލް އޭޓީއެމް އިން ރަސީދު ދޫކުރާ ގޮތަށް މި ގެންނަ ބަދަލާ އެކުވެސް، އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާ ކުރުމާއި ފައިސާ ޓްރާންސްފާ ކުރުމާ އަދި އޭޓީއެމް އިން ބިލަށް ފައިސާ ދެއްކުމުން އަދިވެސް ކަރުދާސް ރިސިޕްޓް ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ.

ބޭންކުން މިއަދު ބުނި ގޮތުގައި މިބަދަލު ގެނައުމުގެ މައިގަނޑު ބޭނުމަކީ، ތިމާވެށި ރައްކާތެރި ކުރުމަށް ފިޔަވަޅު އެޅުމެވެ. އެގޮތުން މިބަދަލުގެ ސަބަބުން ރަސީދު ޕްރިންޓް ކުރަން ހޭދަވާ ކަރުދާސް މަދުކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.

"ޑިޖިޓަލް ރިސިޕްޓް ދޫކުރަން ފެށުމަކީ ތިމާވެށި ރައްކާތެރިކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެވެސް އެއްބަ އެވެ. މިގޮތުން ރިސިޕްޓް ޕްރިންޓް ކުރާ ކަރުދާސް މަދުކުރެވުމާއެކު ކުނި ގިނަވުމުގެ މައްސަލައަށް ވެސް ލުޔެއް ލިބޭނެއެވެ. މިހާރުވެސް ބީއެމްއެލްގެ ގިނަ ކަސްޓަމަރުން ޓްރާންސެކްޝަންތަކުގެ ތަފްސީލް ބެލުމަށް މޮބައިލް އެޕް އިހުތިޔާރުކުރަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ،" ބީއެމްއެލްއިން ބުނެފައިވެ އެވެ.

އެ ބޭންކުން ބުނީ ވަރަށް ގިނަ ކަސްޓަމަރުންނަށް މިހާރު ވެސް މޮބައިލް ފޯނަށް އެސްއެމްއެސްގެ ޒަރީއާއިން ޑިޖިޓަލް ރިސިޕްޓް، ނުވަތަ ޓްރާންސެކްޝަން އެލާޓް ލިބެމުން ދެއެވެ. މި ޚިދުމަތް އިތުރަށް ފުޅާވެގެން ދިޔުން ވެެގެންދާނީ ބީއެމްއެލްގެ އޮންލައިން ބޭންކިން ޚިދުމަތްތަކުން ކަސްޓަމަރުންނަށް ލިބެމުންދާ އިތުރު ފަސޭހައަކަށެވެ. އަދި ފައިސާ ނެގުމުން ޓްރާންސެކްޝަން އެލާޓް މޮބައިލް ފޯނަށް ލިބެމުން ނުދާ ކަސްޓަމަރުންނަށް ބީއެމްއެލްގެ ކޮންމެ އޭޓީއެމްއެއް މެދުވެރިކޮށްވެސް ފަސޭހަކަމާއެކު މި ޚިދުމަތަށް އެފަރާތެއްގެ މޮބައިލް ނަމްބަރު ރަޖިސްޓްރީ ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

ބީއެމްއެލް އިން ބުނެފައިވާ ގޮތުގައި މިހާރު ކުރެވޭ ކޮންމެ 10 ޓްރާންސެކްޝަން އަކުން ނުވަ ޓްރާންސެކްޝަން ކުރެވެނީ އޮންލައިންކޮށް ކަމަށެވެ. މިކަމުގެ ސަބަބުން ބްރާންޗްތަކުން ޚިދުމަތް ހޯދުމަށް ކިޔޫގައި މަޑުކުރަން ޖެހޭ މިންވަރު ވަރަށް ބޮޑަށް ވަނީ މަދުވެފަ އެވެ. މިއަހަރު ކުރީކޮޅު ބީއެމްއެލް އިންވަނީ ޕާސަނަލް ކަސްޓަމަރުންނަށް އަމާޒުކޮށް އިންޓަނެޓް ބޭންކިން އަށް އާ ބަދަލުތަކެއް ގެނެސްފަ އެވެ. އަލަށް ތައާރަފް ކުރި ޚިދުމަތްތަކާއި ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުން މިޚިދުމަތަށް އާންމުންގެ ތަރުހީބު ވަރަށް ބޮޑަށް ދަނީ ލިބެމުންނެވެ.