ފިނިޕޭޖް

ޔުނާންގެ އެކްޓިން ދައްކާލައި ނަހުލާ ފައްތާހަށް ރައްދު ދީފި

ޑައިރެކްޓަރު އަބްދުލް ފައްތާހުގެ "ހައްދު" ރިލީޒް ކުރުމަށްފަހު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ "ބޮސް" އިއްޔެ ރޭ ރިލީޒްކުރުމުގެ ކުރިން ނަހުލާ އާއި ފައްތާހު އާ ދެމެދު ވަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ. . މި އަހަރު އެންމެ ކާމިޔާބު އަދި ރިކޯޑު މުގުރާނީ ކޮން ފިލްމެއްގެ ތޯ ކުރި "ޒުވާބެއް" ނިކަން ގިނަ މީހުންގެ ސަމާލުކަންވެސް އަތުލައިގަތެެވެ. އެ ފިލްމުތަކަށް ޝައުގުވެރިވި މީހުންގެ އަދަދު ގިނަވެސް ވި އެވެ.

މި ޒުވާބެއް ފެށުނީ ފައްތާހުގެ އެންމެ ކާމިޔާބު ފިލްމު ކަމުގައިވާ "ހައްދު" ގެ ރެކޯޑު މުގުރާލަން ނަހުލާގެ "ބޮސް" ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނޭ ބުނި ހިސާބުންނެވެ. ފައްތާހު އޭރު ބުނެފައިވަނީ ހައްދުގެ ލީޑްތަރި އަހްމަދު ޝިބާންގެ ހުންނަ ކަހަލަ ރީތި ހަށިގަނޑެއް ފިލްމުގެ ލީޑު ރޯލުގެ ގައިގައި ހުންނަން ޖެހޭނެ ކަމަށެވެ. ފައްތާހުގެ މި ވާހަކައެއް އަމާޒުކޮށްފައި މިވަނީ ބޮސްގެ ލީޑު ރޯލަށް ނަހުލާ ނަގާފައިވާ މުހައްމަދު ޔުނާނަށެވެ.

މީގެ އިތުރުން ނަހުލާ ފިލްމު ހަދަނީ ހަމައެކަނި އިމޯޝަންސް ނުވަތަ ޖަޒުބާތު ހިމަނައިގެން ކަމަށެވެ. އޭރުވެސް ނަހުލާ ވަނީ ފައްތާހުގެ އެ ވާހަކައަށް ރައްދު ދީފަ އެވެ. ނަހުލާ ބުނަނީ ފިލްމު ހަދަނީ ޖަޒުބާތަށް ބަލައިގެން ކަމަށެވެ.

"ފިލްމުގެ 90 ޕަސަންޓަކީ އިމޯޝަން، ހަމައެކަނި މީހާގެ ލުކެއް ނޫން، މީހުން ބަލާނީ މޫނަށް އެންމެ ފުރަތަމަވެސް، ޔުނާނަކީވެސް އެގޮތުން ބަލާއިރު ރީތި ކުއްޖެއް،" ފައްތާހުގެ އެ ވާހަކަތަކަށް ނަހުލާ ކުރިން ދިން ރައްދަކީ އެއީ އެވެ.

ނަހުލާ ކޮށްފައިިވާ ފޭސްބުކް ޕޯސްޓު. --

އެވާހަކަތަކަށް އިތުރަށް ކޮމެންޓެއް ދޭން އޭރު ފައްތާހު ބޭނުމެއް ނުވި އެވެ. އެ ފަހުން އެ އަޑުތައް އޮތީ މަޑުވެލާފަ އެވެ.

"ބޮސް" ރިލީޒްކުުރުމަށްފަހު މިހާތަނަށް އެޅުވި ދެ ޝޯ ބަލާފައި ގިނަ ބަޔަކު ވަނީ ޔުނާންގެ އެކްޓިން އަށް ތައުރީފްކޮށްފަ އެވެ. ފިލްމު ރިލީޒްކުރުމަށްފަހު ނަހުލާ ޔުނާން އާއެކު ނަގާފައިވާ ފޮޓޯއަކާއެކު އޭނާގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ "ޔުނާން ކަލޭގެ ވާހަކަތަކަށް ރައްދު ދީފި، ފިލްމެއްގައި ބޭނުންވާނެ ކަމަކީ އެންމެ ރަނގަޅު އެކްޓިން އެއް، ފިލްމު ބަލަން އައިސް ފިލްމު ބަލާފައި ޔުނާން ދެކެ ލޯބިވާނެ ނުވަތަ އޭނާއަށް ތައުރީފް ކުރާނެ" ކަމަށެވެ.

ނަހުލާގެ އެ ޕޯސްޓުގައި ވަކި މީހެއްގެ ނަން ބުނެފައި ނެތް ނަމަވެސް މިހާތަނަށް ފިލްމަށް ފާޑުކިޔާ ވާހަކަ ދައްކާފައިވަނީ ފައްތާހު އެކަންޏެވެ.

ޔުނާން އާ އެކު ބޮސް ގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ހައްދުގެވެސް ލީޑް ރޯލުން ފެނިގެން ދިޔަ މަރިޔަމް އައްޒަ އެވެ. ސަޕޯޓިން ތަރިންގެ ގޮތުގައި ފާތިމަތު އާޒިފާ، އަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ) އަދި އަލީ ޝަމީލްވެސް ފެނިގެންދިޔަ އެވެ.

ބޮސް އަކީ ލޯތްބާއި ހިތާމަ ފެނިގެންދާ ފިލްމެކެވެ. ސިނެމްސްޓޯން އިން ސިނެމެޓޮގްރަފީ ހަދައިދީފައިވާ އެ ފިލްމަކީ ފޯކޭ ކޮލިޓީގައި އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ބޮސް ސިފަ ކުރަނީ ބޮސް ދިނުމުގެ ގޮތުގަ އެވެ.

ފިލްމުގެ ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ)، އައިޝަތު މާއިން ރަޝީދު، ޝަލަބީ އިބްރާހީމް، މަރިޔަމް އަޝްފާ، އިބްރާހިމް އަލީ (ކުޑަ އިއްބެ)، ކޮމަންޑޫ އައްޔަ އަދި އަހުމަދު ނަބީލް އެވެ.