ކުޅިވަރު

ޓޮޓެންހަމްއިން ރެއާލް މެޑްރިޑް ބަލިކޮށްފި

ޗެމްޕިއަންސް ލީގު ގްރޫޕް އެޗްގައި ޓޮޓެންހަމް އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު 1-3 ނަތީޖާއަކުން ޓޮޓެންހަމްއިން ކާމިޔާބުކޮށް ގަދަ 16 ޖާގައެއް އެޓީމުން ކަށަވަރުކޮށްފި އެވެ.

މެޗަށް ނިކުތްއިރު ދެޓީމުންވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން ޑިފެންސް ލައިނުގައި ރެއާލްއަށް ރަފޭލް ވަރާންގެ ބަދަލުގައި ކުޅެފައި ވަނީ ނާޗޯއެވެ. އަނިޔާގެ ސަބަބުން މިމެޗު އެއްވަނަ ކީޕަރު ކޭލޯ ނަވާސްއަށް ނުކުޅެވޭތީ އޭނާގެ ބަދަލުގައި ގޯލަށް ކުޅެފައިވަނީ ކިކޯ ކަސިއްޔާ އެވެ. ރެއާލް ޓީމުގައި ތިބި ޓޮޓެންހަމްގެ ކުރީގެ ދެ ކުޅުންތެރިންގެ ތެރެއިން ގްރެތު ބޭލްއަށްވެސް އަނިޔާގެ ސަބަބުން މެޗު ގެއްލުނުއިރު ލޫކާ މޮޑްރިޗް ވަނީ މެޗު ކުޅެފަ އެވެ.

ހެރީ ކޭން އަނިޔާއިން އެންބުރި އައިސްފައިވުމުން ޓޮޓެންހަމްއަށް ވަނީ ބޮޑު ހިތްހަމަ ޖެހުމެއް ލިބިފައެވެ. މެޑްރިޑްގައި ކުޅުނު މެޗު ސަސްޕެންޝަނުގެ ސަބަބުން ގެއްލުނު ޑެލީ އަލީވެސް ވަނީ މެޗުގައި ފުރަތަމަ އެގާރައިން ޖާގަ ހޯދާފަ އެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްތައިގެން ކުޅުނު ނަމަވެސް ރެއާލްއަށް ހޫގޯ ލޮރިސްގެ ގޯލަށް މާބޮޑަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ. ރެއާލް އާއި ހިލާފަށް ޓޮޓެންހަމް ފެނުނީ ކައުންޓާ އެޓޭކުގައި ވަރަށް ވަރުގަދަކޮށެވެ.

މެޗުގެ ފުރަތަމަ ލަނޑު ޓޮޓެންހައިން ކާމިޔާބުކުރީ މެޗުގެ 27 ވަނަ މިނިޓުގައެވެ. ފަޅި ބަދަލުކޮށްލާފައި ކަނާތު ފަޅިއަށް ކުޅުނު ބޯޅަ ރެއާލްގެ އޭރިއާ ތެރެއަށް ދުވެފައި ވަން ކެވިން ޓްރެޕިއާ ވަނީ އެއްފަހަރުން ތިރިތިރިން ހުރަސްކޮށްފައެވެ. ރެއާލްގެ ކީޕަރު ކަސިއްޔާ އަދި ޑިފެންޑަރަކުގެ ދޭތެރެއަށް ފެނުޖެހިފައި ވެއްޓުނު ބޯޅަ ޑެލީ އަލީ ވަނީ ވެއްޓިގެން ފައިން ގޯލްގެ ތެރެއަށް ކޮއްޕާލާފަ އެވެ.

ދެވަނަ ހާފްގައި ޓޮޓެންހަމްއިން ދެލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ 0-3 ބަދަލުކޮށްލާފައެވެ. އެޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކުރީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ޑެލީ އަލީއެވެ. އޭނާ ފޮނުވާލި ހަމަލާ ގޯލްގެ ތެރެއަށް ވަނީ ރެއާލްގެ ކުޅުންތެރިއެއް ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ.

އަލީ ޓޮޓެންހަމްގެ ދެވަނަ ގޯލް ކާމިޔާބުކުރިތާ ނުވަ މިނިޓު ފަހުން 65 ވަނަ މިނިޓުގައި ކްރިސްތިއަން އެރިކްސަން ޓޮޓެންހަމްގެ ލީޑު އިތުރަށް ފުޅާކުރިއެވެ. ހެރީ ކޭން ކުޅުނު ބޯޅައަކަށް ދުވެފައިގޮސް އެރިކްސަން ވަނީ ބޯޅަ ފަސޭހަކަމާއެކު ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.

މެޗުގެ 79 ވަނަ މިނިޓުގައި ރޮނާލްޑޯ ރެއާލްއަށް ފަރަގު ކުޑަކޮށްދިނެވެ. ގޯލް ކާރިން ރޮނާލްޑޯ ފޮނުވާލި ހަމަލާ ގޯލްގެ ތެރެއަށް ވަނީ ޓޮޓެންހަމްގެ އެރިކް ޑަޔާ ފައިގައި ޖެހިފަ އެވެ.