ކުޅިވަރު

ލިވަޕޫލްއަށް ފަސޭހަ މޮޅެއް

ޗެމްޕިއަންސް ލީގު ގްރޫޕް އީގައި ލިވަޕޫލް އާއި ސްލޮވީނިއާގެ ޗެމްޕިއަން އެންކޭ މަރިބޯ އެންފީލްޑުގައި ވާދަކުރި މެޗު 0-3 ލިވަޕޫލް ކާމިޔާބުކޮށްފި އެވެ.

މެޗުގެ ފުރަތަމަ ހާޕް ނިމުނީ ދެޓީމުން ކުރެ ޓީމަކަށްވެސް ލަނޑެއް ނުޖިހިއެވެ. ނަމަވެސް ދެވަނަ ހާފް ފަށައިގެން މާގިނަ އިރުތަކެއް ނުވެ ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު އެޓީމަށް ލީޑު ނަގައިދިނެވެ. ސަލާހް ވަނީ މިދެޓީމު ސްލޮވީނިއާގަ ބައްދަލުކުރި މެޗުގައިވެސް ދެލަނޑު ކާމިޔާބުކޮށްފައެވެ. ލިވަޕޫލް އެމެޗު ކާމިޔާބުކުރީ 0-7 ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

ލިވަޕޫލްއަށް މެޗުގެ 64 ވަނަ މިނިޓުގައި ލިބުނު ޕެނެލްޓީއެއް މަރިބޯގެ ކީޕަރު ހަންޑޮނޮވިޗް ވަނީ ދިފާއުކޮށްފައެވެ. މިޕެނެލްޓީ ފޮނުވާލީ ޖޭމްސް މިލްނާއެވެ. ނަމަވެސް 64 ވަނަ މިނިޓުގައި އެމްރޭ ޗާން ވަނީ މަރިބޯގެ އޭރިޔާ ރޮންގުމަތިން ލިބުނު ބޯޅަ ތިރިތިރިން ގޯލްގެ ކަނަށް ފޮނުވާލާފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެފައިވަނިކޮށް އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި ޑެނިއަލް ސްޓަރިޗް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ.

ގްރޫޕް އީގައި ކުޅުނު އަނެއް މެޗުގައި ސެވިއްޔާއިން ވަނީ ރަޝިޔާގެ ސްޕާޓަކް މޮސްކޯ ބަލިކޮށްފައެވެ. ސެވިއްޔާއިން އެމެޗު ކާމިޔާބުކުރީ 1-2 ނަތީޖާއަކުންނެވެ. ކްލެމެޓް ލެންގްލެޓް އަދި އެވާ ބަނޭގާގެ ލަނޑުން ސެވިއްޔާއަށް ތިން ޕޮއިންޓް ޔަގީންވި އެވެ.

ގްރޫޕް އީގައި ލިވަޕޫލް އެއްވަނައިގައި އައް ޕޮއިންޓާއެކު އޮތްއިރު ސެވިއްޔާ ދެވަނައިގައި އޮތީ ހަތް ޕޮއިންޓާއެކުއެވެ. ސްޕާޓަކް މޮސްކޯއަށް ފަސް ޕޮއިންޓް ލިބިފައިވާއިރު މަރިބޯއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.