ރަށުން ބޭރުގައި 2-4 ހޯދި މޮޅާއެކު މެންޗެސްޓާ ސިޓީއިން ގްރޫޕް އެފްގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
ހަތަރު މެޗުން 12 ޕޮއިންޓް ހޯދާ އެއްވަނައިގައި ސިޓީ އޮތްއިރު ދެވަނަ މަގާމުގައި ނުވަ ޕޮއިންޓާއެކު އޮތީ ޔޫކްރެއިންގެ ޗެމްޕިއަން ޝަކްތާއެވެ. ތިން ވަނަ މަގާމުގައި ނަޕޮލީ ތިން ޕޮއިންޓާއެކު އޮތްއިރު ތާވަލުގެ ފުލުގައި އޮތީ ހުރުހާ މެޗަކުން ބަލިވެފައިވާ ހޮލެންޑްގެ ފެޔެނޫދްއެވެ.
މެޗުގެ ލީޑު 21 ވަނަ މިނިޓުގައި ނެގީ ނަޕޮލީއިންނެވެ. ޑްރައިސް މާޓިންސް އަރިމައްޗަށް ކުޅުނު ބޯޅަ ލޮރެންޒޯ އިންސިންޔޭ ވަނީ އެއްފަހަރުން ހަނި އޭންގަލް އަކުން ދުރުކަނަށް ފޮނުވާލާފަ އެވެ.
ނަޕޮލީއީން ލީޑު ނަގާފައިވަނިކޮށް ސިޓީއަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އާޖެންޓީނާ ޑިފެނޑަރު ނިކޮލަސް އޮޓަމެންޑީ އެވެ. ސިޓީއިން މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ނެގީ 48 ވަނަ މިނިޓުގައި ޑިފެނޑަރު ޖޯން ސްޓޯން ކާމިޔާބުކުރި ލަނޑުންނެވެ.
މެޗުގެ 62 ވަނަ މިނިޓުގައި ސިޓީގެ ކުޅުންތެރިޔަކު ކުރި ކުށަކާއި ގުޅިގެން ރެފްރީ ވަނީ ނަޕޮލީއަށް ޕެނެލްޓީއެއް ދީފައެވެ. ޖޯޖީނިއޯ ވަނީ މިޕެނެލްޓީ ކާމިޔާބުކޮށް ނަޕޮލީއަށް މެޗުގެ ތެރެއަށް އަލުން ގެނެސްދީފައެވެ.
ނަޕޮލީއިން ނަތީޖާ އެއްވަރުކުރިތާ ހަތް މިނިޓު ފަހުން ސާޖިއޯ އަގުއޭރޯ ސިޓީއަށް އަލުން ލީޑު ނަގައިދިނެވެ. މިލަނޑާއެކު އަގުއޭރޯ ވަނީ ސިޓީއަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއަށް ވެފައެވެ. އަގުއޭރޯ ވަނީ އެރިކް ބްރޫކް ސީޓީއަށް ކާމިޔާބުކޮށްދީފައިވާ 177 ލަނޑުގެ ރެކޯޑް މިރޭ މުގުރާލާފަ އެވެ.
އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި ރަހީމް ސްޓާލިން ކާމިޔާބުކުރި ލަނޑާއެކު ސިޓީއިން ވަނީ އެޓީމުން މޮޅު ކުޅުމެއް ދެއްކި މެޗު ފައިދާ ދެލަނޑާއެކު ނިންމާލާފައެވެ.
މިގްރޫޕްގެ ދެވަނަ މެޗުގައި ޝަކްތާއިން ވަނީ ފެޔެނޫދްގެ މައްޗަށް 1-3 ކުރި ހޯދާފައެވެ. ފެޔެނޫދްގެ ނިކޮލާ ޖޯޖެންސަން މެޗުގެ ކުރި ކޮޅު އެޓީމަށް ލީޑު ނަގައިދީފައިވަނިކޮށް ފަކުންޑޯ ފެރޭރާ ކާމިޔާބުކުރި ލަނޑާއި އަދި މާލޮސްގެ ދެލަނޑުން ޝަކްތާ ވަނީ ތިން ޕޮއިންޓް ހޯދާފައެވެ.