އިނގިރޭސިންގެ އަސްކަރިއްޔާއިން އެދޭ މިންގަނޑަށް ވުރެ އަހުލާގު ގޯސްވެފައި ވެފައި ވެދާނެ ކަަމަށް ވިދާޅުވެ އިނގިރޭސިވިލާތުގެ ދިފާއީ ވަޒީރު މައިކަލް ފެލޮން މަގާމުން އިސްތިއުފާދެއްވައިފި އެވެ.
ފެލޮން އަކީ އިނގިރޭސި ޕާލަމެންޓުގައި ޖިންސީ ގޯނާކުރުމުގެ އަަމަލުތައް ހިންގި ކަމަށް ބުނާ މައްސަލައެއް ފެންމަތިިވި ފަހުން އެކަމާ ގުޅިގެން އިސްތިއުފާ ދެއްވި ފުރަތަމަ ވަޒީރެެވެ. އިސްތިއުފާ ދެއްވި ސަބަބާ ބެހޭ ގޮތުން ބީބީސީއަށް ވާހަކަފުޅު ދައްކަވަމުން ފެލޮން ވިދާޅުވެފައި ވަނީ މީގެ 15 ނުވަތަ 10 އަހަރު ކުރިން ގަބޫލު ކުރެވޭ ކަންތައްތަކުގައި ހުރި ކަންތައްްތަކީ މިހާރު ގަބޫލު ނުކުރެވޭ ކަންތައްތައް ކަމަށެވެ.
ބީބީސީ ބުނީ ފެލޮންއާ ދެކޮޅަށް އިއްޔެގައި އާ މައްސަލަތައް ފެންމަތިވެފައިވާކަން އެ އެޖެންސީއަށް އެނގިފައިވާ ކަމަށެވެ. ނަމަވެސް އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭގެ އޮފީހުން އެކަމާ މެދު ބަހެެއް ކިޔަން ދެކޮޅު ހަދާ ކަމަށް ވެސް ބުންޏެވެ.
އޭގެ ބަދަލުގައި ބޮޑުވަޒީރު ތެރޭސާ މޭ ވިދާޅުވެފައި ވަނީ ކެބިނެޓުގައި ފެލޮން އަދާކުރެއްވި ސީރިއަސް ދައުރުގެ އަގު ވަޒަން ކުރައްވާ ކަމަށެވެ.
އިސްތިއުފާގެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ޕާލަމެންޓް މެމްބަރުންނާ މެދު ފަހަކަށް އައިސް ތުހުމަތުތަކެއް ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ކުރިން އޭނާގެ އަމަލުފުޅުތައް ހުރިގޮތާ މެދު ކޮށްފައިވާ ތުހުމަތުތައް ވެސް ހިމެނޭ ކަމަށެވެ.
"މީގެ ތެރެއިން ގިނަ ކަންތައްތަކީ ދޮގު ތުހުމަތު ތަކެވެ. އެކަމަކު އެ ބާރުތަކެއް ތަމްސީލުކުރުމުގެ ޝަރަފު އަޅުގަނޑަށް ލިބުނު އަސްކަރީ ބާރުތަކުން ބަލައިގަންނަ ވަރަށް ވުރެ އަޅުގަނޑުގެ އަހުލާގު މާޒީގައި ގޯސްވެފައިވާކަން އަޅުގަނޑު ގަބޫލު ކުރަމެވެ،" ފެލޮންގެ ސިޓީފުޅުގައި ވެއެވެ.
އިނގިރޭސިވިލާތުގެ ޕާލަމެންޓް ހައުސްގައި އެގައުމުގެ ޕާލަމެންޓް މެމްބަރުންް އިދާރީ މުވައްޒަފުންނަށް ޖިންސީ ފުރައްސާރައާއި ގޯނާ ކުރިކަމުގެ ބޮޑު މައްސަލައެއް މިހާރު ވަނީ ފެންމަތިވެފައެވެ. ނަމަވެސް އެކަން ތަހުގީގުކޮށް، އެއްވެސް މެމްބަރެއްގެ މައްޗަށް ދައުވާ އުފުލުން ފަަދަ ފިޔަވަޅެއް އަދި ނާޅައެވެ.