އެމެރިކާ އިން ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް އަމާޒުކޮށް މޯލްޑިވް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފެއާއެއްގައި ބައިވެރިވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިއަތު ވިދާޅުވި ގޮތުގައި އެމެރިކާގެ ލަސްވެގަސްގައި ބޭއްވި ލަގްޒަރީ ޓްރެވަލް އެކްސްޕީރިއަންސް (އެލްޓީއެކްސް) ފެއާގައި ބައިވެރިވުމުގެ ބޭނުމަކީ އެމެރިކާއިން ރާއްޖެއަށް އަންނަ މީހުންގެ އަދަދު އިތުރު ކުރުން ކަމަށެވެ.
"އެމެރިކާއަކީ ރާއްޖެއަށް އާ މާކެޓެއް. އެހެންވެ މި ފެއާގައި އަޅުގަނޑުމެން ބައިވެރިވީ. މިފެއާގެ ސަބަބުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އިތުރު ކުރެވޭނެ،" ޒިއަތު ވިދާޅުވި އެވެ.
އެފްޓީއެކްސް ބާއްވާފައިވަނީ މިމަހުގެ 9-10 އަކަށެވެ. މި ފެއާގައި ދުނިޔޭގެ ގިނަ ގައުމުތަކުން ބައިވެރިވެފައިވެ އެވެ. މި ފެއާ މަޝްހޫރު ވެފައިވަނީ ބިޒްނަސްތައް އެއް ތަނަކުން ބައްދަލުވާ ފެއާ އެއްގެ ގޮތުގަ އެވެ. ޒިއަތު ވިދާޅުވި ގޮތުގައި މި ފެއާގައި ރާއްޖޭގެ ފަސް ކުންފުންޏަކުން ބައިވެރިވެފައިވާ ކަމަށެވެ.
"މިފަދަ ފެއާއެއްގައި ބައިވެރިވުމުން އެނގިގެން އެމެރިކާ މީހުން ރާއްޖެއަށް އަންނަން ބޭނުންވެފައި ތިބި ވަރު. ވަރަށް ބައިވަރު މީހުން ފެއާއަށް ގޮސް މައުލޫމާތު ސާފުކުރި،" ޒިއަތު ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި އެމެރިކާއަކީ ރާއްޖެއަށް މުހިންމު މާކެޓެއް ކަމަށެވެ.
"މީގެ ތިން އަހަރު ކުރިން އެމެރިކާގައި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރި.އެކަމަކު ފަހުން އެ މަސައްކަތް ހުއްޓުނީ. އެހެންވެ އަލުން މި މަސައްކަތް ފެށީ އާ ހިތްވަރަކާއެކު،" ޒިއަތު ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި އެމެރިކާގެ ގިނަ ޓޫރިސްޓުން ރާއްޖެ ފަދަ މަންޒިލްތަކަށް ދަތުރު ކުރުމަށް ޝައުގުވެރިވާ ކަމަށެވެ.
"އެމެރިކާގެ ގިނަ މީހުން ބާލީ ފަދަ ގައުމުތަކަށް ދަތުރު ކުރޭ. އެހެންވެ ބެލެވެނީ އައިލެންޑް ޑެސްޓިނޭޝަން ތަކަށް ދިއުމަށް އެމީހުން ޝައުގުވެރިވާ މިންވަރު. ރާއްޖެ މާ ތަފާތު ވާނެ. އެހެންވެ މި ބަލަނީ އެމީހުންގެ ގިނަ މީހުންނަށް ރާއްޖެ ވަރަށް ކަމުދާނެ ކަމަށް،" ޒިއަތު ވިދާޅުވި އެވެ.
ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެމެރިކާ ހިމެނޭ ސަރަހައްދުން ރާއްޖެއަށް އޮކްޓޫބަރު މަހު އައި ޓޫރިސްޓުންގެ ޓޫރިޒަމްގެ 3.2 ޕަސެންޓް ހިއްސާ ކޮށްފައިވެ އެވެ. އަދި މި ސަރަހައްދުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 26.5 ޕަސެންޓް އިތުރު ވެފަ އެވެ.