ވާހަކަ

މިންނުގެ ޑައިރީ

(31 އޮކްޓޯބަރ 2017 އާ ގުޅޭ)
ހުންވައްތަރުވަނީ ކަން އަހަންނަށް ވެސް އިހުސާސް ކުރެވެއެވެ. ނަމަވެސް އަޒާންގެ އުނގުތެރޭން ތެދުވަން ބޭނުންނުވާތީ އިނދެވުނީއެވެ. އަޒާން އެގޮތް ބޭނުމެއްނުވިއެވެ. އޭނާ ތެދުވަމުން އަހަރެން ވެސް ނެގީއެވެ.

ސައިބޯން ބާރު އަޅަން ފެށުމުން ގޭގައި ކާނޭ އެއްޗެއް މިއަދު ނަހަދަން ކަމުގައި އަޒާން ގާތު އަހަރެން ބުނީމެވެ. ނަމަވެސް އޭނާ ޤަބޫލެއް ނުކުރިއެވެ. އަހަރެންގެ ގައިގާ ދެއަތުން ހިފަހައްޓާލައިގެން ހުރެ ސިޓިންރޫމަށް ވަންނަން ދިޔައެވެ. އަހަރެން ދެކޮޅު ހެދި ނަމަވެސް އެކަން އަޒާނަށް ނުވިސްނެއެވެ.

އަޒާން: "ތެދެއް މިއަދު މިގޭގައި ކާއެއްޗެއް ނެއްތަ؟ މިންނު އަންގަނީ ނެތްކަމަށް"

ސޯފާގައި އިން ހައިކަލްއާ އަޒާން ވާހަކަ ދެއްކިއެވެ. އޭނާއާ ދިމާއަށް ބަލާލާކަށް ވެސް އަހަރެން ބޭނުމެއްނުވީމެވެ. އަޒާންގެ ގައިގާ ދެއަތުން ބައްދާލާ އިހުނަށްވުރެ އޭނާއާ ގާތްވެލީއެވެ.

ހައިކަލް: "ހެދިކާ އެބަހުރި. އަހަރެން ސައިބޮއެފިން"

އަޒާން: "ހައިކަލްއަށް ސައިދީފަ މަށަށް ސައިނުދޭން ދޯ ތިއުޅެނީ"

އަޒާން ހީނލާފައި ބުންޏެވެ. އޭނާ އެހެން ބުނީ މާބޮޑު ވިސްނުމަކާ ނުލާކަން އަހަންނަށް އެނގެއެވެ. އެހެންވިޔަސް އަހަރެންގެ ހިތަށް ތަދުވިއެވެ. ހައިކަލްއަށް އެއްވެސް ކަމެއް އަހަރެން ކޮށްދޭކަށް ބޭނުމެއްނޫނެވެ. އޭނާއަކީ އިންސާނުން އުޅޭތަނެއްގައި ގެންގުޅޭވަރު މީހެއް ވެސް ނޫނެވެ. ކިތަންމެ ނުރުހުންވިޔަސް ދުލުން ބަހެއް ބޭރެއް ނުކުރެވުނެވެ.

އަޒާންއާއެކު އަހަރެން ބަދިގެއަށް ވަނީމެވެ. ހައިކަލް ގަނެފައި ހުރި ހެދިކާ އިން އަޒާނަށް ސައިދިނީމެވެ. ނަމަވެސް އޭނާ ގަތް އެއްޗަކަށްވާތީ އަހަރެންގެ އަރުތެރެއިން އެއިން ނުދާނޭކަން އެނގެއެވެ. ސައިތަށްޓެއް ހަދާލުމާއެކު ކުރިން ދުވަހަކު ގަނެފައި ދަޅަކަށް އަޅާފައި ހުރި ފާރޮށި އެތިން ދެތިން ފާރޮށި ނަގައި ސައިތަށްޓާ ޖަހާލައިގެން ކާލީމެވެ. އަޒާންގެ ހިތްހަމަޖެހުމަށް ޓަކައެވެ. ހުންވައްތަރުވެފައި ހުރީމަ އަޒާންގެ ހިތްވަރުން ޕެނެޑޯލް ގުޅައެއް ކާލީމެވެ.

ދުނިޔެމަތި އޮތީ އަނދިރިކޮށެވެ. އެހެންވެ އެހެން ދުވަސް ދުވަހަށްވުރެ މާކުރިން އިރުއޮއްސިއްޖެހެން ހީވިއެވެ. ވެރިވެގެން ދިޔަ އަނދިރިކަމާއެކު އަހަރެންގެ ހިތަށް ނޭގޭ ބިރުވެރިކަމެއް ވަންނަން ފެށިއެވެ. ސިޓިންރޫމުގައި ހައިކަލް އިނީތީ އަހަރެން އެތަނުގައި އިނުމުގެ ބަދަލުގައި އަޒާން ގޮވައިގެން ކޮޓަރިއަށް އަންނަން ބޭނުންވިއެވެ. ނަމަވެސް އޭނާ ބަހަނާއަކަށް ދެއްކީ ހައިކަލްއެވެ. ސުހައްތަމެން ނެތިސް އަޒާން ގެއަށް އަންނަ ފަހަރަކު އަހަންނާއެކު ކޮޓަރީގައި ވަގުތު ހޭދަކުރާނަމަ އެ ވާހަކަ އެމީހުންގެ ގާތުގައި ހައިކަލް ދައްކަފާނޭ ކަމުގައި ބުނެއެވެ. އެހެންވެ ސޯފާގައި އައިސް އަހަރުމެން އިށީނީއެވެ. އޭރު ޖެހެމުންދިޔަ ވައި މަޑުވެ ފުރާޅުމައްޗަށް އޮއްގާއެއްޗެއް އޮއްސާލާފަދައިން ވާރޭގެ ތިކިތަށް އައިސް ޖެހެންފެށިއަޑުއިވުނެވެ. އަހަންނަށް ވަގުތުން އަޒާންގެ އުނގުތެރެއަށްވަދެ އޭނަގެ ގައިގާ ބައްދާލެވުނެވެ. ވިދާލި ގަދަ ވިދުވަރާއިއެކު ޖެހި ބާރު ގުގުރިން އަހަރެން ދުވަހަކުވެސް ސިއްސައިގެން ނުދާވަރަށް ސިއްސައިގެންދިޔައެވެ. ހީވަނީ އަހަންނަށް ބިރުދައްކަން މަސައްކަތްކުރަނީހެނެވެ. އަންނަންއުޅޭ ބިރުވެރި ނާމާން ކަމުގެ ހަނާއަޅަމުން ދާހެނެވެ. އަޒާނާއި ހައިކަލްގެ ދެމެދުގައި ވާހަކަތައް ދެކެވެމުންދިޔައެވެ. ހައިކަލް އަހަންނަށް ގޮވާ ވެސް ލިއެވެ. އެއާއެކު އިތުރަށް އަޒާންގެ މޭގައި މޫނު ފޮރުވާލެވުނީއެވެ.

އަޒާން: "މިންނު ހުންއައިސްފައި އެ އިނީ. ބަލިވީމަ މީ ހާދަ ފީކުއްޖެކޭ... އަނގައިން ބުނެނުލާ ހަމަ އެބަ އިނދޭ"

އަޒާންގެ އެފަދަ ވާހަކަތަކުން އަހަންނަށް އުނދަގޫވިއެވެ. އޭނާއަށް ހަޤީޤަތް އެނގޭނަމަ އެހެން ނީންނާނޭކަން ވެސް އަހަރެންގެ ޟަމީރު ބުނަމުންދިޔައެވެ.

ރޭގަނޑުގެ ކެއުމަށް އަޒާނާއި ހައިކަލްއާ ގުޅިގެން ނޫޑުލިސްގަނޑެއް ތައްޔާރުކުރިއެވެ. އެ ދެމީހުން ދެ ރައްޓެހިން ފަދައިން ނިކަން ފޯރީގައި އުޅޭތަން ފެނެއެވެ. ނަމަވެސް އަހަރެން ކަންބޮޑުވަމުން އައީ ފާއިތުވަމުންދިޔަ ކޮންމެ ގަޑިއިރަކާއެކު އަޒާން ގެއަށް ދާންޖެހޭ ވަގުތު ކައިރިވަމުން އަންނާތީއެވެ. އެންމެފަހުން ބާރަޖަހާ ދިއުމުން ހައިކަލްގެ ކުރިމަތީގައި ވިޔަސް އަހަންނަށް އަޒާންގެ ގާތުން އާދޭސް ކުރެވުނެވެ. އެރޭ މަޑުކޮށްދިނުމަށެވެ. ހެނދުނު އިރުއެރުން ދަނީ ކަމުގައި ބުނެއެވެ. އަހަރެންގެ ފެންކަޅިވަމުން އައި ދެލޮލަށް ބަލާލާފައި އަޒާން ބޯޖަހާލިއެވެ. އެކެއް ޖެހިފަހުން ހައިކަލް ތެދުވެގެން ގެއިން ނުކުމެގެން ދިޔަތަން އަހަރެން ދުށީމެވެ. ވަގުތީ ހަމަޖެހުމެއް ނަފްސަށް ވެރިވެގެންދިޔައެވެ. އަޒާނާއިއެކު އެރޭގެ ހަތަރުދަން ވޭތުކުރެވޭނެކަމުގެ އުންމީދުގައި އިނީއެވެ. ނަމަވެސް އޭނާއަށް މަޑުކުރެވުނީ މެންދަމުން އަލިވެ ތިނެއްޖަހަންދެނެވެ. އޭނާގެ މަންމަ އާއި ބައްޕަ ހޯދަންފެށުމުން އެންމެފަހުން ބޯކޮށް ވެހެމުންދިޔަ ވާރޭގައި ތެމިގެންވިޔަސް ހެޔޮކަމަށް ދިޔައީއެވެ. އަހަރެން އަޒާންއަށް އާދޭސްކޮށްކޮށް އޮއްވައެވެ. ނަމަވެސް އަހަރެން މިނާމާންކަމުގެ ތެރެއަށް ދޫކޮއްލާފައި އޭނާ ދިޔައީއެވެ. މަންމަމެން ހޯދާތީއެވެ. އަނެއްކޮޅުން އަޒާންގެ ލޯބި ވެއްޔާމޮޑެވިގެންދަނީކަން އޭނާ ނުދެނަހުއްޓެވެ.

އަޒާން ނުކުތުމުން ރޮވިފައި ހުރެ ވެސް އަވަސް އަވަހަށް ސިޓިންރޫމުގެ ދޮރުތަޅުލީމެވެ. ތިން ހަތަރު ފަހަރަށް ތަޅުލެވުނުތޯ ޗެކުކޮއްފައި ދުވެފައި ގޮސް ކޮޓަރިއަށްވަނީމެވެ. ސިޓިން ރޫމު ދޮރެކޭ އެއްގޮތަށް އަހަރެންގެ ކޮޓަރީގެ ތަޅުވެސް ޗެކުކުރީމެވެ. ތަޅުލެވިފަ ހުރިކަން ޔަގީން ވުމުން އެނދުމައްޗަށް އަރާ ދެކަކުލުގައި ބާރަށް ހިފަހައްޓާލައިގެން އިނީމެވެ. ދިއްލާފައި ހުރި ހުދު އަލީގެ ހޮޅިބުރި ނިވާލަން ބޭނުންނުވީއެވެ. އެހެން އިންއިރުވެސް ޖަހަމުން ދިޔަ ގުގުރިއާއިއެކު އަހަރެން ސިހެއެވެ. ބަލަބަލާ އިންދާ ގިނަ އިރެއްނުވެ ދޮރުހުޅުވާލާފައިވަނީ ހައިކަލްއެވެ. ހީވީ އަޒާން ގެއިން ނުކުންނާނޭ އިރަކަށް ބަލާބަލާ ހުރެފައި އައިސް ވަނީ ހެނެވެ. އަހަރެންގެ މުޅިހަށިގަނޑު ހަރުކަށިވެގެންދިޔަކަން ފާހަގަކުރެވުނެވެ. އޭނާ ފެނި ބޭއިޚްތިޔާރުގައި އަހަންނަށް ރޮވިއްޖެއެވެ. އޭނާ ކުރާނޭ ކަންތައް އަހަންނަށް އެނގޭތީއެވެ.

ތެމިފޯވެފައި ހުރި ހައިކަލް އޭނަގެ ފަހަތުން ދޮރުތަޅަށް އޮބާލި އަޑު އިވުނެވެ. ބަލަބަލާ ހުއްޓާ އެ ހަށިގަނޑާއި ލައިގެން ހުރި ޓީޝާޓު ވަކިކޮށްލިއެވެ. އަދި އަތުގައި އޮތް ޓީޝާޓު ތަޅުން މައްޗަށް ވައްޓާލިއެވެ. އޭނަގެ ފަންދިގު އިސްތަށިގަނޑު ދެފަރާތަށް ހަލުވާލުމާއިއެކު ކޮޓަރިތެރެއަށް ފެންތިކިތަށް ބުރައިގެންދިޔައެވެ. ޝިކާރަވެރިއެއްގެ ޝިކާރައިން ސަލާމަތްވާން އުޅޭ މީހަކު ފަދައިން އަހަރެން އަވަހަށް ތެދުވީ ދުއްވައިގަންނާށެވެ. އެ ކުޑަކޮޓަރިގަނޑު ތެރޭ އަހަންނަށް ހިމާޔަތެއް ލިބޭން އޮތީ އެންމެ ތަނަކުންނެވެ. އެހެންވެ ހަލުވިކޮށް އައީ ފާޚާނާއަށް ވަދެ ދޮރުތަޅުލުމަށެވެ. ނަމަވެސް އަހަރެންގެ އަތް ފާޚާނާ ދޮރުގައި ޖެހިލިއިރު ހައިކަލް އަހަންނާއި ދިމާލަށް ފުއްމައިގަނެއްޖެއެވެ. ލޮއިންވާ އެ ދެއަތުގެ ތެރޭ އަހަރެން ހައްޔަރުވީއެވެ. އެހިނދު އޭނާ ވާހަކަ ދައްކަންފެށިއެވެ.

ހައިކަލް: "މެރީ މީ... މިންނު... އަހަންނާ ކައިވެނި ކުރޭ"

އައި ގަދަ ރުޅީގައި ދެ ލޯ ބޮޑުކޮށްލުމާއެކު އަހަރެން ވަގުތުން ދެކޮޅު ހެދީމެވެ. ފުރާނަ ހުރިހާ ހިނދަކު ދުވަހަކު ވެސް އޭނާއަށް ނީންނާނަމޭ ބުނީމެވެ.

ހައިކަލް: "ކީއްވެ؟ އަހަރެން އެއްވެސް އުނިކަމެއް ނެތްކަން މިންނުއަށް މިހާރު އެނގޭނެ. ދެން ކީއްވެ؟ އަހަންނަށް ވުރެ މިންނުއާ ގުޅޭ ދެވަނަ މީހަކު މި ބޮޑު ދުނިޔޭގައި ވެސް ނުހުންނާނެ. އަހަރެން ހާދަ ލޯބިވެޔޭ މިންނުދެކެ"

އޭނާގެ ވާހަކަތަކުން އަހަރެން މޭނުބައި ކުރިއެވެ. މި ދުނިޔޭގައި ވެސް ވެސް ހައިކަލް ވަރުގެ އަމިއްލަ އެދުން ބޮޑު ރަޙުމަތްނެތް އިންސާނަކު ހުންނާނޭކަމަށް އަހަރެން ޤަބޫލެއް ނުކުރަމެވެ. އޭނަގެ އެ ހިންގި ވިޔާނުދާ ނުބައި ޢަމަލުން އަހަރެންގެ ފަރާތުން ރުޅިއާއި ނަފުރަތުނޫން އެއްޗެއް އޭނައަށް ނުލިބޭނެއެވެ. އަހަންނަށް ދުވަހަކުވެސް ހައިކަލްދެކެ ލޯތްބެއް ނުވެވޭނެއެވެ. އޭނާއަކީ ލޯބި ފަދަ މަތިވެރި ޖަޒުބާތެއް ހައްޤުވާވަރުގެ އިންސާނެއް ނޫނެވެ. އަހަރެންގެ ހަރުކަށި ބަސްތަކުން ހައިކަލްގެ ރުޅި ގަދަވިއެވެ.

ހައިކަލް: "އަދިވެސް މިންނުއަށް ގެޓެއްނުވޭތަ؟ އަހަންނަށް ތީ ކިހާ މުހިންމު މީހެއްކަން... އައި ވީންޓް ޔޫ... އައި ނީޑް ޔޫ... އޮންލީ ޔޫ... މިންނު"

ދެކޮޅު ހަދަމުން ދިޔައިރު އަހަންނަށް ހައިކަލްގެ ފުށުން ލިބޭ ވޭން ވެސް އިތުރުވެގެން ދިޔައެވެ. ހޮޅިބުރީގެ އަލީގައި ހައިކަލްގެ ހަށިގަނޑު ކަޝްފުވަމުން ދިޔަތަން ފެނި އަހަރެން ދެ ލޯ މަރާލީމެވެ. ހިތުގައި އެތައް ޝަކުވާއެއްވިއެވެ. ކުރިމަތީގައިވަނީ އިންސާނެއް ކަމާމެދު އެތައް ފަހަރަކު ސުވާލު އުފެދުނެވެ. އިންސާނިއްޔަތުކަމެއްނެތް މީހެއްގެ ގައިގާ ލަދުވެތިކަމެއް ވެސް ނުވާނޭކަން އެނގެއެވެ. ހައިކަލްގެ ހުރިހާ ރަނގަޅު ސިފައެއް ފުހެވިގެން ހިނގައްޖެއެވެ. އަހަރެންގެ ޟަމީރުގެ ހަޅޭ ސިކުނޑީގެ ހުރިހާ ދިމާއަކުން ގުގުމަމުން ދިޔައެވެ. އޭރު ވެސް ސުވާލުކުރެވުނީ އެ ފަދަ ނުބައި ޢަމަލެއް ހިންގަން ހައިކަލްއަށް ހިތްވަރުލިބުނީ ކިހިނެއްބާއެވެ. އަހަންނަކަށް ނުވިސްނުނިވެ. ހައިކަލްގެ ހިތް ނިޔަތް އެނގުމާއެކު އަހަރެން ބެލީ އޭނާއާ ވީހާ ވެސް ދުރުން އުޅުމަށެވެ. އޭނާއަށް ތިއްތި ދައްކަމުން އޭނަގެ ކުރިމަތިން ދެކޮޅަށް ނުހިނގަމެވެ. އަހަރެންގެ ދުނިޔޭގައިވާ ހަމައެކަނި ފިރިހެނަކީ އަޒާންކަން ހަމަ ރަނގަޅަށް ހައިކަލްއަށް އެނގޭނެއެވެ. ވީއިރު ހައިކަލް ކިތަންމެ މަޖުބޫރެއް ކުރި ނަމަވެސް އަހަރެންގެ ހިތް އަޒާން ނޫން ފަރާތަކަށް ނުދެވޭނެއެވެ.

ހައިކަލްގެ ހިތް ފުރޭވަރުވާއިރު އަހަރެންގެ ހަށިގަނޑެކޭ އާރެއް ބާރެއް ނެތިފައިވާ މަސްގަނޑެކޭ އެއްވަރެވެ. މިފަހަރު އަހަރެން ހެޔެއް ނުނެތެއެވެ. ހިނގި ހުރިހާ ކަމެއް މުޅި ނަފްސުގައި ބިންވަޅު ނެގިފައި ވެއެވެ. ހައިކަލްގެ ފުންނޭވާތައް އޭނާ ހަމައަކަށް އަޅުވަމުން ތެދުވެ އެނދުގެ މަގަތުގައި އިށީނެވެ. އޭނާ ނިތްކުރީގައި ހިފަހައްޓާލިތަން ދުށީމެވެ. ދެއަތުން އެ ފަން އިސްތަށިގަނޑުގެ ތެރޭގައި އިނގިލިތައް ހިންގާލިއެވެ. މުއްކަވާލި ކަނާތުން އެނދުގައި ޖެހިތަން ވެސް ދުށީމެވެ. ހީވަނީ އޭނާ ކަމަކާ ހިތްހަމަނުޖެހިގެން އުޅެނީހެނެވެ. އޭނާ އެނބުރި ބަލާލާފާނެތީ ވެސް އަހަރެން އޮތީ ބިރުން ވިރިވިރިއެވެ. ހައިކަލް ދެފަރާތަށް ބޯހޫރާލާފައި އޭނަގެ ދެ އަތުން މޫނުފޮރުވާލިއެވެ. އިރުކޮޅަކު އެހެން އިންއިރު އަހަންނަށް އޭނާ ރޯހެން ވެސް ހީވިއެވެ. އެއާއެކު ހައިރާންކަން ލިބިގެން ދިޔައެވެ. އަހަރެންގެ ހުރިހާ އެއްޗެއް ފޭރިގަނެފައި އަދިވެސް ރޯންވީ އޭނާ ހެއްޔެވެ. އޭނާގެ އެ ޢަމަލު އަހަންނަށް އެއްގޮތަކަށް ވެސް ބަލައިގަންނަން ފަސޭހައެއްނުވިއެވެ. ބާރަށް ހަޅޭލަވައިގަންނަން ބޭނުންވިއެވެ. ނަމަވެސް އަނގައިން އަޑެއް ލައްވާނުލެވިގެން އުޅެނިކޮށް ފެނުނީ އެނދުން ތެދުވި ގޮތަށް ނިކަން ހަލުވިކޮށް ހައިކަލް ގޮސް ފާޚާނާއަށް ވަން ތަނެވެ. އޭނާގެ ދެއްކުންތެރިން ހުރި މިންވަރު ފެނި އަހަރެންގެ ސިކުނޑި ހަމައިން ނެއްޓިގެން ދިޔައެވެ. އެ ނުބައި އިންސާނާގެ ފުރާނަ ޖަހައިގެންނަން ބޭނުންވިއެވެ. ނަމަވެސް އަރިއަކަށް ވެސް އަހަންނަށް ޖެހިލެވުނީ ނުހަނު ހާލުންނެވެ. ވީއިރު ހައިކަލްއާ ހަމައަށް އަހަރެން ފޯރަންވާއިރަށް އަހަރެން ވަސް ވެސް ފުހެވިގެން ހިނގައިދާނެއެވެ.

މީ އަހަރެންގެ ހަޔާތުން ދުވަހަކު ވެސް ފުހެވިގެން ނުދާނޭ އަނދިރި ނަމާން ރޭތަކެކެވެ. އެހެން މީހަކާ ޚިއްޞާކުރާން އެތައް ހިތްވަރެއް ލާން ޖެހުނީ އެހެންވެއެވެ. ދައްކަން ފަސޭހަ ވާހަކައަކަށް ނުވީމައެވެ. ތި އެކުވެރިޔާގެ ސަފުހާތަކުގައި ލިޔުމަށް އެހާ ގިނަދުވަސް ނެގީ އެހެންވެއެވެ. އެ ގޮތުގައި ހަފުތާއެއް ނިމިގެން ދިޔައީއެވެ. ކޮންމެ ރެއަކު އަހަރެންވީ ހައިކަލްގެ ވަކިތަކުގައި ހައްޔަރުވެފައެވެ. ކޮންމެ ރެއަކު އަހަރެންގެ ގާތުން ކައިވެންޏަށް ހައިކަލް އެދެއެވެ. އެއިން ކޮންމެ ރެއަކު އަހަރެން ދިނީ އެއްޖަވާބެކެވެ. އޭނާއަކީ މީހެއްގެ ފިރިއަކަށްވުމުގެ ހައްޤު ލިބިގެންވާ މީހެއްނޫނެވެ. ހައިކަލްއާ ދެކޮޅު ހެދުން ތަކުރާރުވާން ފެށުމުން އޭނާ ބިރުދައްކަން ފެށިއެވެ. ސުހައްތައަކީ އަހަރެންގެ ހުރިހާ ވެސް މީހަކީއެވެ. އެއީ އަހަރެންގެ މަންމައެވެ. އެއީ އަހަރެން މީހަކަށް ހެދި މީހާއެވެ. އެއްބަނޑު އެއްބަފާ ދައްތަކައަށްވުރެ ވެސް އޭނާއަށް އަހަރެން ކުރާ ޤަދަރު ބޮޑެވެ. ސުހައްތަ ވިހަން ކައިރިވެފައި ވަނިކޮށް ޖައުބެ ވަޒީފާ ގެއްލިއްޖެއްޔާ ވާނެ ގޮތަކާމެދު ވިސްނާލުމަށް ހައިކަލް ބުންޏެވެ. ބަސްހުއްޓުނީ ދެނެވެ. އަހަރެންގެ ސަބަބުން ސުހައްތައަށް އެފަދަބޮޑު ދެރައެއް ލިބޭކަށް އަހަރެން ބޭނުމެއްނޫނެވެ. އަހަރުތަކަކަށް ފަހު އެ ދައްތައަށް ލިބުނު އުފާވެރިކަން ފޭރިގަންނާކަށެއް ނުކުރޭނެއެވެ. އަހަންނަކީ އެފަދަ މީހެއްނޫނެވެ. ސުހައްތަ އާއި ޖައުބެގެ އުފާވެރި ދިރިއުޅުން އަހަންނާއި ހެދި ބަދަލުވާކަށް އަހަރެން ދުވަހަކުވެސް ބޭނުމެއްނޫނެވެ. އެ ދައްތަގެ ދިރިއުޅުން ސަލާމަތް ކުރުމުގައި އަހަރެން ހަނާވެދިޔަސް އެއްވެސް ފަރުވާލެއްނެތެވެ.

ރޮއެރޮއެ ދެލޯ ފާރުވާވަރު ވެއްޖެއެވެ. ގޮތް ހުސްވެއްޖެއެވެ. ހައިކަލްގެ ޖުމްލަތައް ހީވަނީ ހިތި ޒަހަރު ތިކިތަކެއްހެންނެވެ. އޭނާ އަހަރެންގެ މޭގައިވާ ހިތަށް ހަންޖަރުގެ އެތައް ހަމަލާއެއްދީ ރޯފާރުގަނޑަށް ހަދައިފިއެވެ. އަޒާނާއި މެދު އަހަރެންގެ ހިތުގައި ސުވާލު އުފައްދައިފިއެވެ. އަހަންނާއި އަދިވެސް އަޒާން ގުޅޭނެތޯ ހައިކަލް ސުވާލު ކުރަމުންދެއެވެ. އަޒާންގެ ނަން އިވޭ ކޮންމެ ފަހަރަކު އަހަރެންގެ ހިތް ފޮތިފޮތިވެގެން ދެއެވެ. އަހަންނަށް އަޒާން އާއި އިތުރަށް ކުރިމަތިލާނެ ހިތްވެރެއް ނުލިބުނެވެ. އޭނަފަދަ މާތް އިންސާނަކަށް އަހަރެންފަދަ ނަޖިސްވެފައި އިން ބަދުނަސީބު އަންހެން ކުއްޖެއް އެކަށީގެނެއްނުވެއޭ ހިތަށް އަރަނީއެވެ.

ބަލިވެގެން އޮފީހަށް ސަލާމް ބުނަމުން ގޮސް އެންމެފަހުން އަހަރެން އޮފީހުން ދިގު ޗުއްޓީއެއް ނެގީ އަޒާނަށް އެނގުމަކާ ނުލައެވެ. ހެދުނު ހުދުނާ އަހަންނަށް ފޯނު ކޯލު އާދެއެވެ. އެއީ އަޒާން ނޫން ދެވަނަ މީހަކަށް ނުވާނެކަން އަހަންނަށް އެނގެއެވެ. އަހަރެން އަޒާނަށް ހުރިހާ ދޮރެއް ބަންދުކޮއްލީއެވެ. އެނޫން ދެވަނަ ގޮތެއް ނެތިގެނެވެ. އަހަންނަށް މިލިބެނނީ ކޮންކުށެއްގެ ސަޒާބާއޭ އަހަރެންގެ ހިތަށްއަރައެވެ. (ނުނިމޭ)