ދުނިޔެ

ރޯހިންޔާ މީހުން އުޅޭ ސަރަހައްދަށް ސޫކީ ވަޑައިގަންނަވައިފި

މިޔަންމާއިން އެ ގައުމުގެ ރައްވެހިން ކަމަށް ބަލައި ނުގެންފައިވާ ރޯހިންޔާ ދަރިކޮޅުގެ މީހުން ދިިރިއުޅޭ ރާޚައިން ސްޓޭޓަށް އެގައުމުގެ ލީޑަރު އަންސަން ސޫކީ މިއަދު ވަަޑައިގެންފިއެވެ.

ރޮއިޓާސް ބުނީ ރާޚައިން ސްޓޭޓުގެ ވެރިރަށް ސިއްޓުވާއިން ސޫކީ ހެލިކޮޕްޓަރަކަށް އަރާވަޑައިގަންނަވަނިކޮށް އެ އެޖެންސީގެ ރިޕޯޓަރަކަށް މިއަދު ފެނިފައިވާ ކަމަށެވެ.

ސޫކީގެ ތަރުޖަމާނު ރޮއިޓާސްއަށް ވިދާޅުވެފައި ވަނީ އޭނާ އެވަޑައިގަންނަވަނީ (ބަންގްލަދޭޝްއާ މިޔަންމާ ގުޅޭ) ސަރަހައްދީ ރޮނގުގެ ކައިރީގައިވާ މައުންގްޑޯ ނަމަކަށް ކިޔާ ސަރަހައްދަށް ކަމަށެވެ. އެއީ މިޔަންމާ ސިފައިން ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް އެންމެ ގިނައިން ހިންގި ސަރަހައްދެވެ. މިޔަންމާ ސިފައިންގެ އަނިޔާއިން ސަލާމަތްވާން އެ ސަރަހައްދުން 600000 (ހަލައްކަ) އަށް ވުރެ ގިނަ މީހުން ވަނީ އަވަށްޓެރި ބަންގްލަދޭޝަށް ހިޖުރަކޮށްފައެވެ.

" އޭނާ ވަޑައިގަންނަވާނީ މައުންގްޑޯ އަށް. އަޅުގަނޑަކަށް އިތުރު ތަފުސީލެއް ނުދެވޭނެ،" ސޫކީގެ ތަރުޖަމާނު ޒޯ ޓޭ ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.

މިޔަންމާގެ ޑިފެކްޓޯ ލީޑަރުކަން ލިބިވަޑައިގެންނެވި ފަހުން ސޫކީ މައުންގްޑޯއަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ. މިޔަންމާ ސިފައިން މިފަހަރު ހިންގި ޖަރީމާތަކުގެ ކުރިން އެސަރަހައްދުގައި އަޚުލަބިއްޔަތު އޮތީ ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނަށެވެ.