ދުނިޔެ

ބަޣާވާތުގެ ތުހުމަތަށް ކެޓަލޯނިއާ ލީޑަރު ކޯޓަށް ހާޒިރުވާން އަންގައިފި

ގައުމަށް ޣައްދާރުވުމާއި ބަޣާވާތް ކުރުމުގެ ކުށުގެ ދައުވާއަށް ޖަވާބުދާރީވާން ކެޓަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުއިޖިމޮންއާއި ކެޓަލޯނިއާ ޕާލަމެންޓުގެ ކުރީގެ 13 މެމްބަރަކު ސްޕެއިންގެ ހައިކޯޓަށް ހާޒިރުވާން އަންގައިފިއެވެ.

ކެޓަލޯނިއާއަކީ މިނިވަން ވަކި ދައުލަތަކަށް ހައްދަވަން މަސައްކަތްކުރެއްުވުުމުން މަގާމުން ދުރުކޮށްފައިވާ ޕުއިޖިމޮން ވަނީ ކޯޓަށް ހާޒިރުވެވަޑައި ނުގަަންނަވާނެ ކަން ، އަމުރު އައުމުގެ ކުރިން އިއުލާނު ކުރައްވާފައެވެ.

ސްޕެއިނުގެ މައި ސަރުކާރުގެ ސީދާ ބާރުގެ ދަށަށް ކެޓަލޯނިއާ ގެނެސް، އެ ސަރަހައްދުގެ ޕާލަމެންޓު އުވައިލުމުން ޕުއިޖިމޮން މިހާރު ވަޑައިގެން ހުންނެވީ ބެލްޖިއަމްގައެވެ. ސްޕެއިންގެ ވެރިރަށް މެޑްރިޑްގައި ހުންނަ އެގައުމުގެ ހައިކޯޓަށް ހާޒިރުވެވަޑައިގެންނެވުމާ ދެކޮޅު ހައްދަވަމުން އޭނާ ވިދާޅުވީ އޭނާގެ މައްޗަށް ހިންގަން އުޅެނީ ސިޔާސީ ޝަރީއަތެއް ކަމަށެވެ.

ހައިކޯޓަށް ހާޒިރުނުވާ ނަމަ ކެޓަލޯނިއާގެ ކުރީގެ ލީޑަރުން ހައްޔަރުކުރުމުގެ އަމުރެއް ޕްރޮސެކިއުޓަރުންނަށް ނެރެވިދާނެއެވެ.

ސްޕެއިންގައި މިހާރު އުފެދިގެން އުޅޭ ދުސްތޫރީ މައްސަލަ ގަނޑު އުފެދުނީ ސްޕެއިންގެ ދަށުން ކެޓަލޯނިއާ މިނިވަންވާން ފެނޭތޯ އެ ސަރަހައްދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމުންނެވެ. އޮކްޓޯބަރުމަހުގެ ފުރަތަމަ ދުވަހު އެ ވޯޓު ނެގީ އެއީ ޣައިރުގާނޫނީ ކަމެއް ކަމަށް ސްޕެއިން ސަރުކާރާއި އެގައުމުގެ ދުސްތޫރީ ކޯޓުން ބުނެފައި ވަނިކޮށެވެ.

ކެޓަލޯނިއާ ސަރަހައްދަށް ދީފައި އޮތް އިދާރީ މިނިވަންކަން ހިފަހައްޓައި، އެ ސަރަހައްދުގެ ޕާލަމެންޓް އުވާލައި އަލުން އިންތިހާބު ބާއްވަން ސްޕެއިނުގެ ބޮޑުވަޒީރު މަރިއާނޯ ރަޖޯއީ އިއުލާނުކުރެއްވީ މިދިޔަ ހަފުތާގައެވެ. ރަޖޯއީ އެކަން އިއުލާނު ކުރެއްވުމާ އެކު ކެޓަލޯނިއާ ޕާލަމެންްޓުން ވަނީ އެ ސަރަހައްދުގެ މިނިވަންކަން އިއުލާނުކޮށްފައެވެ.

ސްޕެއިނުގެ އާބާދީގެ 16 ޕަސެންޓް މީހުން ދިރިއުޅެނީ ކެޓަލޯނިއާގައެވެ. އަދި އެގައުމުން އެކްސްޕޯޓް ކުރާ މުދަލުގެ 25.6 ޕަސެންޓް އުފައްދަނީ އެ ސަރަހައްދުގައެވެ. އަދި ސްޕެއިންގެ ޖީޑީޕީގެ 19 ޕަސެންޓަކީ އެ ސަރަހައްދުން ލިބޭ އާމްދަނީއެވެ.