ކުޅިވަރު

ރެއާލްގެ ކުޅުންތެރިންގެ މޫޑް ރަނގަޅެއް ނޫން: ޒިދާން

މިއީ ޒިދާންގެ ކޯޗިން ކެރިއާގައި އެންމެ އުނދަގޫ އެއް ދުވަސްވަރެވެ. ރޭ 3-1ން ޓޮޓެންހަމްހޮސްޕާ އަތުން ރެއާލް މެޑްރިޑް ބަލިވުމުން، މިހަފުތާގައި ޖެހިޖެހިގެން ދެ މެޗުން އެ ޓީމު ބަލިވީ އެވެ. ނަމަވެސް ޒިދާން ބުނީ ރެއާލް އޮތީ އަޑިގަނޑެއްގައި ނޫން ކަމަށެވެ.

ޑެލީ އަލީގެ ދެ ލަނޑާއި ކްރިސްޓިއަން އެރިކްސަންގެ ލަނޑާއެކު، ރެއާލް އަތުން މޮޅުވުމުން ޓޮޓެންހަމް ވަނީ، ޗެމްޕިއަންސް ލީގްގެ ގުރޫޕް 'އެޗު' ން ދެ ވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. ރޭގެ މެޗުގެ އެންމެ ފަހު ކޮޅުގައި ރެއާލް އަށް ސުން ކަނޑުވާލަ ދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކުރި ލަނޑުން ނެވެ. ސްޕެނިޝް ލީގްގައި މުޅިން އަލަށް ވާދަ ކުރާ ޖިރޯނާ އަތުންވެސް މި ހަފުތާގައި، ރެއާލް ވަނީ ބަލިވެފަ އެވެ.

"އަހަރެމެން އޮތީ އަޑިގަނޑެއްގައެއް ނޫން،" ރޭގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް ޒިދާން ބުންޏެވެ. "މެޗުން އަހަރެމެން ބަލިވި ކަމުގެ މާ ބޮޑު އިހްސާސެއް ނެތް، ނަމަވެސް (އިދިކޮޅު) ގޯލް ކުރިމަތީގައި އަހަރެމެންގެ ހުންނަ ތޫނުކަން ރޭގެ މެޗުގައި ފެނިގެން ނުދިޔަ ގޯލްޖަހަން ދެ ބޯޅަ ލިބިއްޖެއްޔާ އެ ބޯޅަ ގޯލަށް ޖަހަން ޖެހޭނެ މެޗުގައި އަހަރެމެންނަށް ފުރުސަތެއްވެސް ނުލިބުނު އެހެންވެ އެ ޓީމު ކޮޅަށް ގޯލެއްވެސް ނުޖެހުނު."

އޭނާ ބުނީ ސީޒަން އަދި ވަރަށް ދިގު ކަމަށާއި ރޭ ގެ މެޗުން ބަލިވި ނަމަވެސް ރެއާލްއަށް އަސްލު ހާލަތަށް އެނބުރި އާދެވޭނެ ކަމަށެވެ. ސްޕެނިޝް ލީގްގައި މިއަންނަ އާދިއްތަ ދުވަހު ރެއާލް ނިކުންނާނީ ލަސް ޕަލަމްސްއާ ދެކޮޅަށެވެ.

"އަހަރެމެންގެ ހުރިހާ ކުޅުންތެރިން އެއްވަރަކަށް ޕާފޯމް ނުކުރޭ މި ހިނގާނެ ކަންކަން، ޒިދާން ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "އަހަރެމެން މި ބަލިވީ ޖެހިޖެހިގެން ދެ މެޗުން، އަހަރެމެން މި ތިބީ ރަނގަޅު މޫޑެއްގައެއް ނޫން ނަމަވެސް އަރާމް ކޮށްލަން ތިން ދުވަހެއް ވަރު ލިބޭނެ އެއްފަހު ފުޓްބޯޅައާއެކު ކުރިއަށް ދާނީ."

މި ގުރޫޕްގައި ހިމެނޭ ސައިޕްރަސްގެ އަޕޮއެލް ނިކޯސިއާ ވަނީ ޑޯޓަމުންޑްގެ ދަނޑުގައި ކުޅެ އެ ޓީމާ 1-1 ން އެއްވަރު ކޮށްފަ އެވެ. ސެވިއްޔާ ވަނީ، ރަޝިޔާގެ ސްޕާޓެކް މޮސްކޯއާ ދެކޮޅަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ކޮށްފަ އެވެ.