ދުނިޔެ

ޔަހޫދީ ދައުލަތް އުފެއްދި ވައުދަށް 100 އަހަރު

ފަލަސްތީނުގެ ބިން ފޭރިގަނެ، އެތަނުގައި ޔަހޫދީ ދައުލަތެއް އުފައްދަން އިނގިރޭސިން ވީ ވައުދު ' ބެލްފޯ ޑެކްލަރޭޝަން" އަށް މިއަދު މި ފުރުނީ 100 އަހަރެވެ. އެ ވައުދަކީ ފަލަސްތީނުމީހުންގެ ނަސްލު އެމީހުންގެ އަމިއްލަ ބިމުން ފުހެލުމަށް ޔަހޫދީން ހިންގި ޖަރީމާތަކުގެ މައިގަނޑު ރޭވުމުގެ ފެށުމެވެ. އަރަބީން އެ ގަރާރަށް ކިޔަނީ ބެލްފޯގެ ވައުދެވެ.

އިނގިރޭސިން އެ ވައުދުވީ ކީއްވެ؟

އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރުކަމުގައި އޭރު ހުރި އާރތާ ބެލްފޯ ޔަހޫދީ ޒަުޔަނިސްޓް ހަރަކާތުގެ ބޮޑުންނަށް 1917 ވަަނަ އަހަރުުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ފޮނުވި ވައުދެކެވެ. އިނގިރޭސި ރާނީގެ ފަރާތުން އޭނާ ވައުދުވެގައި ވަނީ ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ދައުލަތެއް އުފައްދައި ދިނުމަށެވެ.

އެ ގަރާރު ނުވަތަ ވައުދު ޔަހޫދީންނަށް ފޮނުވީ އިނގިރޭސިވިލާތުުގައި ތިބި ޔަހޫދީންގެ ބޮޑެއްގެ ގޮތުގައި އޭރު ހުރި ލަޔަނެލް ވޯލްޓާ ރޮތްސްޗައިލްޑަށް ބެލްފޯ ފޮނުވި ސިޓީއެއްގެ ގޮތުގައެވެ.

އިނގިރޭސިން އެ ވައުދު ، 1914 ވަނަ އަހަރުން ފެށިގެން 1918 ވަނަ އަހަރާ ހަަމައަށް ހިނގި ފުރަތަމަ ބޮޑު ހަނގުރާމައިގައި ، އުސްމާނީ ޚިލާފަތު ބަލިކުރުމަށް ފަހު، އިނގިރޭސިންގެ ' ބެލުމުގެ ދަށަށް" ފަލަސްތީނު ހަވާލު ކުރުމަށް ، ލީގް އޮފް ނޭޝަންސްއިން ވީ އެއްބަސްވުމުގައި ޝަރުތެއްގެ ކަމުގައި ހިމެނިއެެވެ.

ލީގް އޮފް ނޭޝަންސް އަކީ ފުރަތަމަ ބޮޑު ހަނގުރާމައިގައި އިނގިރޭސިންނާ އެއްކޮޅަށް އެރި ގައުމުތަކުން އެހެން ގައުމުތަކުގެ މައްޗަށް ބަސްކިޔަން އުފެއްދި ޖަމާއަތެކެވެ. މިހާރު މިއޮތް ޔުނައިޓެޑް ނޭޝަންސް އަކީ އެ ޖަމާއަތް އުވައިލުމަށް ފަހު އެ ދައުރު އަދާކުރަން އުފެއްދި ޖަމާއަތެވެ.

އުސްމާނީ ހިލާފަތް އުވައިލުމަށް ފަހު ހުޅަނގުގެ ބާރުތަކުގެ މެދުގައި އިސްލާމީ ދުނިޔެ ބަހައިލި އިރު އަސްލުގައި އެއްބަސްވެފައި ވަނީ ވަކި ވަކި ދައުލަތްތަކުގެ ގޮތުގައި އެ ތަންތަން ތެދުވަން ދެން ބެލެހެއްޓުމަށެވެ. ނަމަވެސް ފަލަސްތީނާ މެދުގައި އަމަލުކުރީ ތަފާތު ގޮތަކަށެވެ. އެތަނުގައި އިނގިރޭސިންފެ ދައުރެއް ކަމަށް ކަނޑައެޅީ އޭރު ފަލަސްތީނުގެ އާބާދީގެ އެންމެ 10 ޕަސެންޓު ކަމުގައިވާ ޔަހޫދީންނަށް ދައުލަތެއް ހަދަން މަގު ކޮށައި ދިނުމެވެ.

އެގޮތުން އިނގިރޭސިން އެޅި ފުރަތަމަ ފިޔަވަޅަކީ ޔޫރަޕުގައި ތިބި ޔަހޫދީންް ފަލަސްތީނަށް ހިޖުރަކުރަން ހުޅުވައިލުމެވެ. އެއާއެކު 1922 ވަނަ އަހަރުން ފެށިގެން 1935 ވަނަ އަހަރާ ހަމައަށް ފަލަސްތީނަށް ހިޖުރަކުރި ޔަހޫދީންްނާ އެކު ޔަހޫދީންނަކީ އާބާދީގެ 27 ޕަސެންޓް ކަމަށް ވެގެން ދިޔައެވެ.

ފަލަސްތީނުގައި ޔަހޫދީންނަށް ދައުލަތް ހަދައިދިނަސް އެތަނުގައި ކުރިއްސުރެ ތިބި އެހެން ދީންތަކުގެ މީހުންގެ މަދަނީ އަދި ދީނީ ހައްގުތައް ލިބިދޭން ވެސް ބެލްފޯ ޑެކްލަރޭޝަނުގައި ލިޔެލާފައި އޮތެވެ. އެހެން ނަމަވެސް އިނގިރޭސިން އަމަލުކުރީ އެއާ މުޅިން ހިލާފަށެވެ. އެމީހުން ކުރި ކަމަކީ ޔަހޫދީންގެ ބައިބޯކޮށް، އެމީހުންނަށް ހަތިޔާރުދީ ބާރުވެރި ކުރުވުމެވެ. އަދި އެމީހުންގެ އަމިއްލަ ގަވައިދު ހަދައި، އަރަބީންނަށް ހިތުހުރި ގޮތެއް ހަދަން ދޫކޮށްލުމެވެ.

ބެލްްފޯ ޑެކްލަރޭޝަނުގެ އަނިޔާވެރިކަން

އެ ވައުދުގެ ފުރަތަމަ އަދި އެންމެ ބޮޑު ނުބައި ކަމަކީ އެއީ އެހެން ބައެއްގެ ބިމުގައި އެމީހުންގެ ދެމިތިބުމަށް ހުރަސް އެޅޭ ގޮތަށް ބޭރު ބަޔަކު ދައުލަތެއް ގާއިމް ކުރުމަށް ވީ ވައުދަކަށް ވުމެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެ ވައުދަކީ އެ ބިމެއްގެ އާބާދީގެ 90 ޕަސެންޓަކީ ޔަހޫދީ ނޫން އެހެން ދީންތަނުގެ މީހުން ކަމުގައިވާ ބިމެއްގައި ޔަހޫދީންގެ ތަނަަކަށް ހެދުމުގެ ވައުދެކެވެ.

އިނގިރޭސިން ޔަހޫދީންނަށް އެ ވައުދު ވުމުގެ ކުރިން އެމީހުން ވަނީ އަރަބިންނަށް ވަކި ވަކި މިނިވަން ދައުލަތްތަކެއް ހަދައިދޭން ވެސް ވައުދު ވެފައެވެ. " ހުސައިން - މެކްމާހޮން " އެއްބަސްވުމުގެ ނަމުގައި ވީ އެ ވައުދަކީ އިނގިރޭސިންނާ ބައިވެރިވެގެން އުސްމާނީ ހިލާފަތާ ދެކޮޅަށް އަރަބީން ހަނގުރާމަކޮށް، އެދައުލަތް ނައްތައިލުމަށް ފަހު އަރަބީންނަށް މިނިވަން ދައުލަތްތައް ހަދައިދޭނެ ކަަމަށް ބުނި އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ 1915 ވަނަ އަހަރުއެވެ.

އަރަބީންނާ އެކު އެ އެއްބަސްވުމުގައި ސޮއި ކުރި އިރު އިނގިރޭސިން ވަނީ ފަރަންސޭސީންނާ އެކުގައި އެހެން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. " ސައިކްސް- ޕިކޮޓް އެގްރިމެންޓް" ގެ ނަމުގައި ސިއްރިއްޔާތުގައި ސޮއިކުރި އެ އެއްބަސްވުމަކީ އުސްމާނީ ޚިލާފަތު ނައްތައިލުމަށް ފަހު އެ ދައުލަތުގެ ދަށުގައި ހުރި ބިންތައް ބަހާނެ ގޮތުގެ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުަގައި ބުނެފައި ވަނީ ފަލަސްތީނު ބަލަހައްޓާނީ ބައިނަލް އަގުވާމީ ގޮތުން އުފައްދާ އިދާރާއަކުން ކަމަށެވެ.

އެކަމަކު ބެލްފޯ ޑެކްލަރޭޝަނުގައި ބުނެފައި ވަނީ ފަލަސްތީނު ދާނީ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށަށް ކަމަށެވެ. އަދި އެތަނުގައި ތިބި އަރަބީންނަށް މިނިވަންކަން ނުލިބޭނެ ކަމަށެވެ.

އިނގިރޭސިން އެ ވައުދުވީ ކީއްވެ؟

ބައެއް މުއައްރިހުން ގަބޫލުކުރައްވާ ގޮތުގައި ބެލްފޯ ޑެކްަލަރޭޝަން ވުޖޫދަށް އައުމުގެ ސަބަބަކީ އިނގިރޭސި ސަރުކާރުގައި އޭރު ތިބި ގިނަ މީހުންނަކީ ޒަޔަނިސްޓުންނަށް ވުމެވެ. އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ ޔޫރަޕަށް އޭރު މައްސަލައަކަށް ވެފައި އޮތް ޔަހޫދީންގެ ކަންތަކަށް ހައްލެއް ހޯދަން ކުރި ކަމެކެވެ.

ނަމަވެސް އެކަމާ ބެހޭ ގޮތުންް ދިރާސާތައް ކުރެއްވި އާލިމުން އެކަމުގެ ސަބަބުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައި ވެއެވެ. އެއީ:

މިސްރާއި ސުއޭޒް ކެނަލަށް ބާރު ހިންގުމަށް ޓަކައި އެ ސަރަހައްދު އިނގިރޭސިންނަށް މުހިއްމުވުން.
އެމެރިކާއާއި ރަޝިޔާގައި ތިިބި ޒަޔަނިސްޓް ޔަހޫދީންނާ އެއްކޮޅަށް އަރައި، އެކަމުގެ ސަބަބުން އެގައުމުތައް ހަނގުރާމަ ކާމިޔާބު ވަންދެން އެ ގައުމުތައް އިނގިރޭސިންނާ އެކު ބޭތިއްބުމަށް ބާރު އެޅުން.
އިނގިރޭސި ސަރުކާރަށް ޒަޔަނިސްޓުންގެ ނުފޫޒު ވަރުގަދައަށް އޮތުން އަދި ބައެއް އިސްވެރިންނަކީ ޒަޔަނިސްޓުން ކަމުގައި ވުން.
ޔަހޫދީންނަށް ޔޫރަޕްގައި އަނިޔާލިބިފައި ތިބީތީ އިނގިރޭސިން އެމީހުންނަަށް ހަމްދަރުދީވުން.

ފަހަތުހައި ދެން ތިބީ ކޮން ބައެއް؟

ބެލްފޯ ޑެކްލަރޭޝަނުގެ ޒިންމާ އިނގިރޭސިންގެ ބޮލުގައި އޮތަސް ފާހަގަކޮށްލަން ޖެހޭ ކަމަކީ އެމީހުންނާ އޭރު ބައިލަވައިގެން ތިބި އެހެން ބާރުތަކުގެ ރުހުމާ ނުލައި އެފަދަ ކަމެއް ނުކުރެވޭނެ ކަމެވެ.

ހަނގުރާމައިގެ ކެބިޓެޓް ބަައްދަލުވުމުގައި 1917 ވަނަ އަހަރު އިނގިރޭސި ވަޒީރުން ނިންމީ އެމެރިކާގެ ބެލްފޯ ޑެކްލަރޭޝަން އާއްމުކުރުމުގެ ކުރިން އެމެރިކާގެ އޭރުގެ ރައީސް ވުޑްރޯ ވިލްސަންގެ ހިޔާލު އޭގައި ހިމަނަން ޖެހޭނެ ކަމަށެވެ. އެ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހު އޮތް އިނގިރޭސި ކެބިނެޓް ބައްދަލުވުމުގެ ރެކޯޑުތަކުން އެނގޭ ގޮތުގައި ޑެކްލަރޭޝަނާ މެދު ވުޑްރޯ ވިލްސަން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަން މިނިސްޓަރުން ވަނީ ބެލްފޯއަށް ކަށަވަރު ކޮށްދީފައެވެ.

އެމެރިކާގެ އިތުުރުން ފަރަންސޭސީން ވެސް ވަނީ ބެލްފޯ ޑެކްލަރޭޝަން އިއުލާނު ކުރުމުގެ ކުރިން އެއަށް ތާއީދުކޮށްފައެވެ.

ނަތީޖާއަކީ ކޮބާ؟

ބެލްފޯ ޑެކްލަރޭޝަނާ އެއްގޮތަށް އިނގިރޭސިން ކުރި މަސައްކަތުގެ އާޚިރު އަދި އެންމެ ނުބައި ނަތީޖާއަކީ 1948 ވަނަ އަހަރު، ފަލަސްތީނު މީހުންގެ ނަސްލު އެ ބިމުން ނައްތައިލަން ޔަހޫދީން ހިންގި ޖަރީމާތަކެވެ. އިނގިރޭސީން ތަމްރީނުކޮށް ހަތިޔާރު ދީފައިވާ ޒަޔަނިސްޓު ޔަހޫދީން ނުކުމެ، ފަލަސްތީނުގެ 750000 މީހުން ރަށުން ބޭރުކޮށްލީ އެއަހަރުއެވެ. އެތައް ހާސް މީހުންނެއް މަރާލައި ބިންތަން ފޭރުމަށް ފަހު ޔަހޫދީން އެމީހުންގެ މިނިވަން ދައުލަތް އިއުލާނު ކުރީ ވެސް އެއަހަރުއެވެ. އޭރުން ފެށިގެން ފަލަސްތީނު މީހުން އުޅެމުން އެދަނީ މިހާރު އެތިބަ ހާލަތުގައެވެ.

އިނގިރޭސިން މިހާރުވެސް އަމަލުކުރަމުންދާ ގޮތަށް ބަލާއިރު އެމީހުން އަދިވެސް ތިބީ ބެލްފޯގެ ވައުދު ފުއްދުމުގައެވެ.އެމީހުން މިހާރުވެސް ދަނީ ބައިނަލް އަގުވާމީ މުޖުތަމައުގައި އިޒްރޭލު ދިފާއުކޮށްދީ، އެގައުމަށް ބޭނުންވާ ފައިސާއާ ހަތިޔާރުގެ އެހީތެރިކަން ދެމުންނެވެ.

( މިއީ " ހަންޑްރެޑް ޔެއާސް އޮން: ބެލްފޯ ޑެކްލަރޭޝަން އެކްސްޕްލެއިނެޑް" މި ސުރުހީގެ ދަށުން އަލް ޖަޒީރާއިން ޝާއިއު ކުރި ރިޕޯޓެއްގެ ޚުލާސާ ތަރުޖަމާއެކެވެ)