މެންޗެސްޓާ ސިޓީގެ ލެޖެންޑް އެރިކް ބުރޫކަށް ނިސްބަތްވާ ބައިގަރުނަށް ވުރެ ގިނަ ދުވަސްވީ ލަނޑުގެ ރެކޯޑް ސިޓީއަށް އެންމެ ގިނައިން ލަނޑު ޖެހައިގެން ސާޖިއޯ ކުން އަގުއޭރޯ މުގުރާލައިފި އެވެ.
ބްރޫކް ވަނީ 1928 ން 1939 ށް ސިޓީއަށް ކުޅެފަ އެވެ. އޭނާ ވަނީ ސިޓީއަށް 177 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ރޭ ނަޕޯލީއާ ދެކޮޅަށް 4-2 ން ސިޓީ މޮޅުވި މެޗުގައި، އަގުއޭރޯ ވަނީ ލަނޑު ކާމިޔާބު ކޮށް 78 އަހަރުން ކުރިން ބްރޫކް ހަދާފައިވާ ރެކޯޑް މުގުރާލާފަ އެވެ.
އަގުއޭރޯ 178 ލަނޑު ޖެހީ، ބުރޫކް ހެދިވަރަށް ވުރެ މާ އަވަހަށެވެ. ބްރޫކް ރެކޯޑް ހެދީ 494 މެޗުން ނެވެ. ނަމަވެސް އަގުއޭރޯ ރެކޯޑް ހެދީ 264 މެޗުން ނެވެ. އަދި ފާހަގަ ކޮށްލެވޭ އެހެން ކަމަކީ ރެކޯޑްގައި ހިމެނުނު 39 ލަނޑު އަގުއޭރޯ ކާމިޔާބު ކުރީ، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުމެ އެވެ.
އަގުއޭރޯ އަކީ ޕްރިމިއާ ލީގްގައި ސިޓީއަށް އެންމެ ގިނަ ގޯލް ޖެހި ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައިވެސް މިހާރު ހިމެނޭ ކުޅުންތެރިޔެކެވެ. އާޖެންޓީނާއަށް ނިސްބަތްވާ، އަގުއޭރޯ ސިޓީއާ ގުޅުނީ 2011 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑުން ނެވެ. އެ އަހަރު ސިޓީއަށް ކުޅުނު ފުރަތަމަ މެޗުގައިވެސް ސްވަންސީ ސިޓީއާ ދެކޮޅަށް ދެ ލަނޑު ކާމިޔާބު ކޮށް އެއް ލަނޑުޖަހަން ފުރުސަތު ތަނަވަސް ކޮށްދިނެ ވެ.
ނަޕޯލީގެ ދަނޑުގައި ރޭ ކުޅުނު މެޗު، ސިޓީން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލީ، ނަޕޯލީން ލީޑް ނަގާފައި ވަނިކޮށެވެ. ނަޕޯލީއަށް މެޗުގެ 21 ވަނަ މިނެޓްގައި ލީޑް ނަގައިދިނީ ލޮރެންޒޯ އިންސީނިޔާ އެވެ. ސިޓީން ނަތީޖާ ހަމަހަމަ ކުރީ 34 ވަނަ މިނެޓްގައި ނިކޮލަސް އޮޓަމެންޑީ ކާމިޔާބު ކުރި ލަނޑުން ނެވެ.
ސިޓީން ލީޑް ނެގީ ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓްގައި ޖޯން ސްޓޯން ކާމިޔާބު ކުރި ލަނޑުން ނެވެ. އަގުއޭރޯ ލަނޑު ޖެހީ 69 ވަނަ މިނެޓްގައެވެ. ހަތަރު ވަނަ ލަނޑު 92 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރަހީމް ސްޓާލިން އެވެ. ނަޕޯލީގެ ދެ ވަނަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ޖޯޖީނިއޯ އެވެ.