ކުރީގެ ކުލަބު ޗެލްސީއަށް އިތުރަށް ސާބިތު ކޮށްދޭން ޖެހޭނެ އެއްޗެއް ނެތް ކަމަށާއި މިހާރު ސާބިތު ކޮށްދޭން ޖެހޭނީ މިހާރުގެ ކުލަބު މެންޗެސްޓާ ޔުނައިޓަޑަށް ކަމަށް، މި ސީޒަންގައި ޗެލްސީން ޔުނައިޓަޑާ ގުޅުނު ސާބިއާގެ މިޑްފީލްޑާ ނަމެންޔާ މަޓިޗް ބުނެފި އެވެ.
ޕޯޗްގަލްގެ ބެންފީކާގައި ހުއްޓައި، 2014 ގައި މަޓިޗް ޗެލްސީއަށް ގެނައީ، ޗެލްސީގެ ކުރީގެ ކޯޗް އަދި ޔުނައިޓަޑްގެ މިހާރުގެ ކޯޗް ހޯސޭ މޮރީނިއޯ އެވެ. އަލުން މޮރިނިއޯގެ ދަށުން ކުޅުވަން އޭނާ ޔުނައިޓަޑަށް، މަޓިޗް ގެނައީ ޗެލްސީއަށް 40 މިލިއަން ޕައުންޑް ދިނުމަށްފަހު އެވެ.
މިއަންނަ އާދިއްތަ ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅެން ޔުނައިޓަޑް، ލަންޑަނަށް ދަތުރު ކުރާނެ އެވެ. މަތީޗް ބުނީ އެ މެޗުގައި ޗެލްސީއަށް އޭނާ ސާބިތުކޮށްދޭން ޖެހޭ އިތުރު ކަމެއް ނެތް ކަމަށެވެ.
"އަހަރެން އެ ޓީމަށް ކުޅުނު އިރު އަހަރެންގެ ކޮލިޓީ އެމީހުންނަށް ސާބިތުކޮށް ދެވިއްޖެ ކަމުގެ އިހްސާސް އަހަންނަށް ކުރެވޭ، އަހަރުމެން ދެ ފަހަރަށް ލީގް ޗެމްޕިއަންކަން ހޯދިން، އަދި އަދި ކަޕްގެ ޗެމްޕިއަންކަންވެސް ދެ ފަހަރަށް ހޯދިން، އެހެންވެ އަހަރެން އެޓީމަށް އިތުރަށް ސާބިތު ކޮށްދޭން ޖެހޭނެ އެއްޗެއް ނެތް، އަހަރެން ޖެހޭނީ އަހަރެންގެ އާ ކުލަބު [ޔުނައިޓަޑަށް] އެއްޗެއް ސާބިތު ކޮށް ދޭން."
އޭގެ ބަދަލު ޗެލްސީން އޭނާ އަށް އަދާ ކުރަން ޖެހޭނެ ކަމަށް ދެކެންތޯ ސުވާލު ކުރުމުން އޭނާ ބުނީ އެކަމަކާ މެދު ނުވިސްނާ ކަމަށާއި ޗެލްސީން އޭނާ އަށް އިހްތިރާމް ކުރަނެ ކަން ޔަގީން ކަމަށެވެ. އޭނާ ބުނީ މޮރީނިއޯ އާއެކު ޔުނައިޓަޑްގައި އޭނާ މަސައްކަތް ކުރަނީ ހިތްހަމަޖެހިގެން ކަމަށެވެ.
ޔުނައިޓަޑް އޮތީ، 23 ޕޮއިންޓާއެކު އިނގިރޭސި ޕްރިމިއާ ލީގްގެ ތާވަލުގެ ދެ ވަނައިގައެވެ. އެ ޓީމަށް ވުރެ އިތުރަށް ފަސް ޕޮއިންޓް ހޯދައިގެން އެއްވަނައިގައި އޮތީ މެންޗެސްޓާ ސިޓީ އެވެ. ޗެލްސީ އޮތީ ތާވަލުގެ ހަތަރު ވަނައިގަ އެވެ.