ވިޔަފާރި

ފްރާންސްގެ ގައުމީ އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި

ފަރަންސޭސި ވިލާތުންގެ ގައުމީ އެއާލައިން "އެއާފްރާންސު"ން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ސީދާ ދަތުރުތައް މިއަދު ފަށައިިފި އެވެ.

ވީއައިއޭގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ފަރަންސޭސިވިލާތުގެ ވެރިރަށް، ޕެރިހުން ރާއްޖެއަށް ރަސްމީ ދަތުރުތައް ރަސްމީކޮށް ފެށުމުގެ ގޮތުން ރިބަންފަށް ކަނޑުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި އެއާފްރާންސުގެ ސީނިއަ ވައިސް ޕްރެސިޑެންޓް، ވެލްމާ ބްލޮމްގެ އިތުރުން ރާއްޖެ އާއި ސްރީލަންކާ އަށް ފްރާންސުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީން މާރިން ސުހޫހް އެވެ.

ވީއައިއޭ، ވީއައިޕީ ލައުންޗުގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ މި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ހެޔޮ ފައިދާ ކުރާނެ ކަމަށެވެ.

"މި އެއާލައިން [އެއާފްރާންސު] ގެ ސަބަބުން ޓޫރިޒަމަށް އާ ފުރުސަތުތަކެއް ހުޅުވޭނެ،" ސައީދު ވިދާޅުވި އެވެ.

ވީއައިއޭ ތަރައްގީ ކުރުމަށް ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން، މިނިސްޓަރު ވިދާޅުވީ ސަރުކާރުން ވީއައިއޭ ތަރައްގީ ކުރުމަށް މިހާރު ކުރިއަށްދާ މަޝްރޫއު ނިމުމުން 6.5 މިލިއަނާއި ހަތް މިލިއަންނާ ދެމެދުގެ އަދަދަކަށް މީހުންނަށް ހިދުމަތް ދެވޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ފްރާންސުގެ ސަފީރު ޖީން މާރިން ވިދާޅުވީ އެއާފްރާންސުގެ ރާއްޖެ ފަދަ ރީތި ގައުމަކަށް ދަތުރު ފެށުމަކީ ލިބުނު ފަހުރެއް ކަމަށާ، މި ދަތުރުތަކުގެ ސަބަބުން ރާއްޖެއާއި ފްރާންސުގެ ގުޅުން ބަދަހިވެ، ދެ ގައުމަށްވެސް ފައިދާ ކުރާނެ ކަމަށެވެ. އަދި މި ދަތުރުތަކުގެ ސަބަބުން ޔޫރަޕާއި ރާއްޖެ އިތުރަށް ގުޅި، ޔޫރަޕުން އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އިތުރު ވެގެންދާނެ ކަމަށެވެ.

"އެއާ ފްރާންސުގެ މި ދަތުރުތަކާއެކު ފްރާންސުގެ އެކި ސިޓީތަކާ ރާއްޖެ ގުޅިގެންދާނެ. މީގެ ސަބަބުން ރާއްޖޭގެ މަސް އެކްސްޕޯޓަރުންނަށް އިތުރު މާކެޓުތަކެއް ހުޅުވޭނެ. ޔޫރަޕަކީ ރާއްޖޭގެ މަހުގެ ބޮޑުބައެއް އެކްސްޕޯޓު ކުރާ ސަރަހައްދު. ފްރާންސުގެ މާކެޓުން އާ ފުރުސަތެއް ހުޅުވޭނެ،" ސަފީރު ވިދާޅުވި އެވެ.

އެއާ ފްރާންސުގެ މި ދަތުރުތަކާއެކު ފްރާންސުގެ އެކި ސިޓީތަކާ ރާއްޖެ ގުޅިގެންދާނެ. މީގެ ސަބަބުން ރާއްޖޭގެ މަސް އެކްސްޕޯޓަރުންނަށް އިތުރު މާކެޓުތަކެއް ހުޅުވޭނެ. ޔޫރަޕަކީ ރާއްޖޭގެ މަހުގެ ބޮޑުބައެއް އެކްސްޕޯޓު ކުރާ ސަރަހައްދު. ފްރާންސުގެ މާކެޓުން އާ ފުރުސަތެއް ހުޅުވޭނެ
ފަރަންސޭސި ސަފީރު

އެއާ ފްރާންސުން ރާއްޖެއަށް ދަތުރު ކުރަން ބޭނުންކުރާނީ ބޮއިން 200-777 މަރުކާގެ ބޯޓު ފަހަރެވެ. މި ބޯޓުތަކުގެ 260 އިކޮނޮމީ ކްލާހުގައި ސީޓާއި 24 ޕްރިމިއަމް އިކޮނޮމީ ކްލާސް ސީޓުގެ އިތުރުން، 28 ބިޒްނަސް ކްލާސް ސީޓު ހިމެނޭނެ އެވެ. އަދި މި އެއާލައިން ރާއްޖެއަށް ޕެރިހުން ފުރާނީ ފްރާންސް ގަޑިން ރޭގަނޑު 8:50 ގަ އެވެ. އަދި ރާއްޖެއަށް ޖައްސާނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 10:20 ގަ އެވެ. އަދި ފްރާންސަށް ފުރާނީ ކޮންމެ ބުރާސްފަތި އަދި އާދިއްތަ ދުވަހެއްގެ މެންދުރު 1:05 އެވެ.

ފްރާންސަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރާ އެއް ގައުމެވެ. އެ ގައުމުން މި އަހަރުގެ ނިޔަލަށް 28,844 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 27,764 މީހުންނާ އަޅާ ބަލާއިރު އެއް ޕަސެންޓުގެ އިތުރުވުމެކެވެ.