ދިވެހި ސިނަމާ

2018: އަޒޫއަށް ބޮޑު އަހަރެއް!

އަހަރު ނިމެންދާއިރު އޮލިމްޕަހުގައި މިހާތަނަށް ހަތް ފިލްމެއް އަޅުވައިފި އެވެ. އެތަނުން ހަތަރު ފިލްމަކުން ބަތަލާ ފާތިމަތު އާޒިފާ (އަޒޫ) ފެނިގެންދިޔަ އެވެ. އަންނަ ޑިސެމްބަރު މަހު އަޅުވަން ތައްޔާރުވަމުން އަންނަ "ދެވަންސޫރަ" އިން ވެސް އަޒޫ ފެނިގެންދާނެ އެވެ. އެ ހުރިހާ މަސައްކަތަކަށްފަހު އަޒޫ ނިންމައިގެން ހުރީ ފިލްމީ ދާއިރާއާ ކުޑަކޮށް ދުރުވެލާށެވެ.

މިހާރު ސިނަމާގައި ވިދަމުންދާ "ބޮސް" އިންވެސް އަޒޫ ފެނިގެންދެ އެވެ. އަޒޫ އެންމެ ފުރަތަމަ ނިންމައިގެން ހުރީ ބޮސްގެ މަސައްކަތްތައް ނިންމާލުމަށްފަހު ބްރޭކް ނަގާށެވެ. އެހެން ނަމަވެސް ޑައިރެކްޓަރު އަދި އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އަށް ކުރާ އިތުބާރަކުން ޔޫއްޕެގެ ދެވަންސޫރަ ކުޅެން ނިންމީ އެވެ.

ބްރޭކްގެ ވާހަކަ ދެއްކުމަށްފަހު އަޒޫ ވަނީ އަންނަ އަހަރު އިތުރު ތިން ފިލްމު ކުޅެން ނިންމާފަ އެވެ. އިތުރު ފިލްމުތަކުން ވެސް ހުށަހެޅުންތައް ލިބެމުން އެބަދެ އެވެ. ނަމަވެސް އަދި އެ ފިލްމުތައް ޔަގީން ނުވާތީ އެ ވާހަކަ ދައްކަން އަޒޫ ބޭނުމެއް ނޫނެވެ. އަޒޫ ކުޅެފައިވާ "ގިލަން" ވެސް އަންނަ އަހަރު ރިލީޒް ކުރާނެ އެވެ.

މި އަންނަ އަހަރު އަޒޫ ފެނިގެންދާ ތިން ފިލްމުގައި ވެސް އަޒޫ އަކީ ލީޑް ތަރި އެކެވެ. ތަފާތު ތިން ރޯލަކާ އެކުގަ އެވެ. އަންނަ އަހަރު އަޒޫ ކުޅެން ނިންމާފައިވާ ފިލްމުތަކަކީ "ކަޅަކި" އާއި "ނަފްސު" އަދި "40 ޕްލަސް" އެވެ. ތިން ފިލްމުންވެސް އޭނާ ފެންނާނީ ތަފާތު ތިން ރޯލަކުންނެވެ.

މި އަހަރުގެ މިހާތަނަށް އަޒޫ ފެނިގެން ދިޔަ ހަތަރު ފިލްމުންވެސް ފެނިގެން ގޮސްފައިވަނީ ތަފާތު ހަތަރު ރޯލަކުންނެވެ. އެންމެ ފުރަތަމަ ފިލްމު "މަލިކާ" ގައި އޭނަ ފެނިގެން ގޮސްފައިވަނީ މުދަލަށް ދަހިވެތިވެފައިވާ ފަހަރިއެއްގެ ރޯލުންނެވެ. އަދި "ނޯޓީ 40" އިންވެސް ނުބައި ރޯލަކުން ފެންނަ އިރު "ނޭދެން ވަކިވާކަށް" އިން ފެނިގެން ދިޔައީ މަޑުމައިތިރި އަންހެން ކުއްޖެއްގެ ގޮތުގަ އެވެ. މިހާރު އަޅުވާ "ބޮސް" ގައި ފެނިގެންދަނީ ޒީލަ ގަދަ ރޯލަކުންނެވެ. މި އަހަރު އެންމެ ގިނަ ފިލްމުތަކުން ފެނިނު އެއް ތަރިއަކީ ވެސް އަޒޫ އެވެ.

"ބްރޭކަށް ދާން ނިންމާފައި ވެސް އަޒޫ ދެވަންސޫރަ ކުޅެން ނިންމީ ޔޫއްޕެގެ ފިލްމަކަށްވެފައި ޔޫއްޕެއަކީ އާ ކުދިން ދާއިރާއަށް ނެރެން މަސައްކަތް ކުރާ މީހަކަށްވާތީ ސަޕޯޓު ދޭށާ އެކީގައި،" އަޒޫ ބުންޏެވެ. ދެވަންސޫރައިގައި ލީޑް ރޯލުން ފެނިގެންދާނީ މުޅިން އަލަށް ދާއިރާއަށް ތައާރަފްވާ ބަތަލާއެއް ކަމަށްވަ މަރިޔަމް ޝިފާ އެވެ.

"އަނެއް ފިލްމުތައްވެސް ކުޅެން ނިންމީ ޔޫއްޕެގެ ފިލްމުތަކެއް ވީމަ، ޔޫއްޕެގެ ސްޓޯރީ ސަޅިވެފައި، އޭޒް އަ ޑައިރެކްޓާވެސް ވަރަށް ހެލްޕްފުލް ވީމަ، އަނެއްކާ ކޮންމެ ފިލްމެއްގައިވެސް އަޒޫ ފެންނާނީ ވަރަށް ތަފާތު ކެރެކްޓާ ތަކަކުން،"

ފިލްމީ ދާއިރާގައި އަޒޫ ހަރަކާތްތެރިވާތާ ހަތް ވަރަކަށް އަހަރުވެފައިވާއިރު އަޒޫ ވަނީ ގިނަ ފިލްމުތަކާއި، ލަވަތައް އަދި ޑްރާމާތައް ކުޅެފަ އެވެ. އެންމެ ބޮޑު މަގުބޫލުކަމެއް އަޒޫއަށް ލިބުނީ "ލޫދިފާ" އިންނެވެ.

އަޒޫ އާ އެކު ފިލްމީ ދާއިރާގައި މިހާރު އެންމެ ފިޔަޖަހާ ބަތަލާއިންނަކީ މަރިޔަމް އައްޒަ އަދި މަރިޔަމް މަޖުދާ އެވެ. އައްޒަގެވެސް ހަތަރު ފިލްމެއް މި އަހަރު ވަނީ ރިލީޒްކޮށްފަ އެވެ. ތިން ފިލްމުގައި އައްޒަ ފެނިގެންދިޔައީ ލީޑު ރޯލުންނެވެ. މަޖުދާވެސް އަންނަނީ ދާއިރާގައި ކުރި އަރަމުންނެވެ. މަޖުދާ އާންމުކޮށް ފެންނަނީ ޑާކްރެއިންގެ ފިލްމުތަކުންނެވެ. އޭގެ އިތުރުން މަލިކާ އިން ތައާރަފްވި ނުޒުހަތު ޝުއައިބުވެސް އަންނަނީ ދާއިރާއިން ފުރުސަތުތަކެއް ހޯދަމުންނެވެ.