"ފާސްޓް އެންޑް ފިއުރިއަސް" ފިލްމު ސިލްސިލާ ހަމަ ދުންޖަހާލާފައި ކުރިއަށް ދަނީ އެވެ. މި ސިލްސިލާގެ އާ ފިލްމު "ފިއުރިއަސް 7" މި ވަނީ އޭގެ ހަތަރު ވަނަ ހަފުތާގައި ވެސް އެމެރިކާގެ ބޮކްސް އޮފީހުގެ ކާމިޔާބީ ދަމަހައްޓައިފަ އެވެ.
އަދިވެސް ޗާޓުގެ އެއް ވަނައިން ސޮއްސާލާ ގޮތެއް ނުވެ އެވެ.
އެންމެފަހުން ނިމިގެން ދިޔަ ހަފުތާ ބަންދުގައި ނެގި 18.3 މިލިއަން ޑޮލަރާ އެކު މި ފިލްމަށް އުތުރު އެމެރިކާ އިން ލިބުނު ބޮކްސް އޮފީހުގެ ޖުމްލަ 320 މިލިއަން ޑޮލަރަށް އަރާފައިވާއިރު އެހެން ގައުމުތަކުގައި ކުރިއަށް ދާ ޝޯތަކާ އެކު ފިލްމުގެ މުޅި ޖުމްލަ މިހާރު ވަނީ 1.3 ބިލިއަން ޑޮލަރަށް އަރައިފަ އެވެ.
އެމެރިކާ އިން ބޭރުން ފިލްމަށް އެއް ބިލިއަން ޑޮލަރު ލިބިފައިވާއިރު މިއީ ޖޭމްސް ކެމަރަންގެ "ޓައިޓޭނިކް" އާއި "އެވަޓާ" އަށް ފަހު މި ރިކޯޑް ހެދި ފުރަތަމަ ފިލްމެވެ. މި ތިން ފިލްމު ފިޔަވައި ހޮލީވުޑްގެ އެހެން ފިލްމަކަށް އެމެރިކާ އިން ބޭރުގައި އެއް ބިލިއަން ޑޮލަރު ބޮކްސް އޮފީހުގައި ލިބިފައެއް ނުވެ އެވެ.
މި ކާމިޔާބީޔާ އެކު "ފާސްޓް އެންޑް ފިއުރިއަސް 7" މިހާރު އޮތީ ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގެ ފަސް ވަނައިގަ އެވެ. ކުރިއަށް އޮތް ހަފުތާގައި މި ފިލްމު މި ލިސްޓުގެ ހަތަރު ވަނަ އަށް އަރާނެ ކަމަށް ބެލެވެ އެވެ.
މިހާރު މި ލިސްޓުގެ ހަތަރު ވަނާގައި އޮތީ "ހެރީ ޕޮޓާ އެންޑް ދަ ޑެތުލީ ހޮލޯސް: ޕާޓް: 2" އެވެ. އެއީ 1.34 ބިލިއަން ޑޮލަރާ އެކުގަ އެވެ.
އެންމެ ބާރަ ދުވަހުން "ފިއުރިއަސް 7" 1.3 ބިލިއަން ޑޮލަރު ނަގާފައިވާއިރު މިއީ މި ސިލްސިލާގެ ތާރީޚުގައި ވެސް ރިކޯޑެކެވެ. އަދި މި ކާމިޔާބީވެފައި ވަނީ "ފާސްޓް އެންޑް ފިއުރިއަސް" ސިލްސިލާގެ ވެސް އެންމެ ބޮޑު ކާމިޔާބީއަށެވެ.
ޔުނިވާސަލް އިން މި ސިލްސިލާގެ ފުރަތަމަ ފިލްމު "ދަ ފާސްޓް އެންޑް ދަ ފިއުރިއަސް" ގެނެސްދިނީ 2001 ވަނަ އަހަރު އެވެ. އެއަށް ފަހު ނެރުނު ހަ ފިލްމާ އެކު ބޮކްސް އޮފީހުގައި މިހާތަނަށް 3.6 ބިލިއަން ޑޮލަރު ނަގާފައިވާއިރު މިއީ ޔުނިވާސަލް އަށް އެންމެ ގިނަ ފައިސާ ހޯދައިދިން މިފަދަ ފިލްމު ސިލްސިލާ އެވެ.
އެހެންކަމުން މި ސިލްސިލާ ނިންމާލުމުގެ ހިޔާލެއް ވެސް އެމީހުންގެ ނެތެވެ. ކުރިއަށް އޮތް އަށް ވަނަ ފިލްމު ވެސް އެ ވަނީ ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.