ދުނިޔެ

ވަޒީފާ ދޫކޮށްލި މުވައްޒަފަކު ޓްރަމްޕްގެ ޓްވިޓާ ޑިއެކްޓިވޭޓްކޮށްފި

ސޯޝަލް މީޑިއާގެ ގަދަ ބާރެއް ކަމަށްވާ ޓްވިޓާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ގެންގުޅުއްވާ އެކައުންޓް އެތަނުގެ މުވައްޒަފަކު ޑިއެކްޓިވޭޓްކޮށްލައިފިއެވެ.

ބުރާސްފަތި ދުވަހު ޓްރަމްޕްގެ އެކައުންޓް ޑިއެކްޓިވޭޓްކޮށްލި ނަަމަވެސް އެންމެ 11 މިނެޓުގެ ތެރޭގައި އެކައުންޓް ވަނީ އަލުން އިއާދަކޮށްފަ އެވެ.

ޓްވިޓާއިން ބުނީ ޓްރަމްޕްގެ އެކައުންޓް ޑިއެކްޓިވޭޓް ކުރީ ވަޒީފާ ދޫކޮށްދާން ހުރި މުވައްޒަފަކު ވަޒީފާ އަދާކުރި އެންމެ ފަހު ދުވަހު ކަމަށެވެ. ޓްވިޓާ އެކައުންޓް ޑިއެކްޓިވޭޓްކޮށްފައި އޮތް 11 މިނެޓްގެ ތެރޭގައި އެ އެކައުންޓް ބަލަން އުޅުނު މީހުންނަށް ފެނިފައި ވަނީ އެއީ "ސޮރީ ދެޓް ޕޭޖް ޑަޒުންޓް އެގްޒިސްޓް" މި މެސެޖެވެ. އެއީ ސަސްޕެންޑްކޮށްފައިވާ އެކައުންޓެއް ބަލަން އުޅުމުން ބައެއް ފަހަރު ފެންނަން މެސެޖެކެވެ.

ކަންވީގޮތް ޓްވިޓާއިން ސާފުކޮށްދިން ނަމަވެސް ޓްރަމްޕް ވަނީ އެކަަމުގެ ފައިދާ ނަންގަވަން އެދިވަޑައިގަންނަވާކަން ދޭހަވާ ފަދަ ޓްވީޓެއް ކުރައްވާފަ އެވެ. ވިދާޅުވެފައި ވަނީ އެއީ އޭނާ ކުރައްވާ ޓްވީޓްތަކުން އަސަރު ކުރާކަން ދޭހަވާ އަމަލެއް ކަމަށެވެ.

ޓްރަމްޕްގެ އެކައުންޓް ޑިއެކްޓިވޭޓް ކުރި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކޮށް، ކުރިމަގުގައި އެފަދަ ކަމެއް ހިނގިޔަ ނުދިނުމަށް ފިޔަވަޅު އަޅާނެ ކަމަށް ޓްވިޓާއިން ވަނީ ބުނެފައެވެ.

ޑިއެކްޓްވިޓޭޓް ކުރި އެކައުންޓަކީ ޓްރަމްޕް ރައީސް ކަމަށް ވަޑައި ނުގަންނަވާ އިރު 2009 ވަ އަހަރު ހައްދަވާފައިވާ އެކައުންޓެކެވެ. ނަމަވެސް އޭނާ ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ވެސް އެމެރިކާގެ ރައީސްގެ އެކައުންޓުގެ ބަދަލުގައި ގިނަ ޓްވީޓްތައް ކުރައްވަމުން ގެންދަވަނީ އެ އެކައުންޓުންނެވެ.