ދުނިޔެ

ފްރާންސްގެ ދަށުން ނިއު ކެލިޑޯނިއާ މިނިވަން ވަނީ

ފްރާންސްގެ ދަށުގައި އޮންނަ ޖަޒީޒާ ގައުމެއް ކަަމަށްވާ ނިއު ކެލިޑޯނިއާ މިނިވަންވާން ފެނޭތޯ ފެންނަ ނުފެންނަ ވޯޓެއް ބާއްވަން ނިންމައިިފި އެވެ.

މިނިވަންވާން ފެނޭތޯ ބަލަން އަންނަ އަހަރު ވޯޓެއް ނަގަން ނިންމީ ނިއު ކެލިޑޯނިއާގެ ލީޑަރުންނާއި ފްރާންސް ސަރުކާރުން އެކަމުގައި އެއްބަސްވުމަކަށް އާދެވުމުންނެވެ. ބީބީސީން ބުނީ ނިއު ކެލިޑޯނިއާ ލީޑަރުންނާއި ފްރާންސްގެ މިނިސްޓަރުންނާ ދެމެދު ބުރާސްފަތި ދުވަހު ނުވަ ގަޑި އިރު ވަންދެން މަޝްވަރާތައް ކުރިއަށް ދިޔަ ކަމަށެވެ.

ފްރާންސް ސަރުކާރާއި ނިއު ކެލިޑޯނިއާ ލީޑަރުންނާ ދެމެދުގައި ވީ އެއްބަސްވުމުގެ ދަށުން ފެންނަ ނުފެންނަ ވޯޓު ބާއްވަން މުހުލަތު ދީފައި ވަނީ އަންނަ 2018 ވަނަ އަހަރުގެ ނޮވެމްްބަރުމަހުގެ ނިޔަލަށެވެ.

ނިއު ކެލަޑީނިއާ އަކީ ޕެސިފިކް ކަނޑުގައިވާ ޖަޒިރާތަކެވެ. އެތަނުގައި 27500 މީހުންގެ އާބާދީއެއް އޮވެއެވެ.

ނިއު ކެލިޑޯނިއާގެ އަސްލުވަޒަންވެރިން ކަަމަށްވާ ކަނަކް ދަރިކޮޅުގެ މީހުންނާ ފަރަންސޭސީންނާ ދެމެދު އެންމެ ފަހުން ހަމަނުޖެހުމެއް ހިނގާފައި ވަނީ 1980 ގެ އަހަރުތަކުގައެވެ. އެފަހަރު ވީ ގޮތަކީ ފަރަންސޭސިންގެ އަތްދަށުން މިނިވަންވާން މަސައްކަތްކަތްކުރަމުންް ދިޔަ ކަނަކް ހަނގުރާމަވެރިންގެ ބަޔަކު ފަރަންސޭސި ސިފައިންގެ ބަޔަކު ހޮހަޅައެއްގައި ރަހީނުކުރުމެވެ. ދެން އެ ސިފައިން ސަލާމަތްް ކުރަން ކުރި މަސައްކަތުގައި ސިފަައިންގެ ދެމީހަކާއި ކަނަކް ހަނގުރާމަވެރިންގެ 19 މީހަކު މަރުވިއެވެ.

އިސްތިއުމާރު ނައްތައިލުމަށް އދ. އިން ކުރި މަސައްކަތުގެ ތެރޭގައި ހިމެނިގެން ނިއު ކެލިޑޯނިއާ މިނިވަން ވުމަށް މަސައްކަތް ކުރާނެ މަގުޗާޓެއް ހިމެނޭ އެއްބަސްވުމެއްގައި 1998 ވަނަ އަަހަރު ވަނީ ސޮއިކޮށްފައެވެ. ' ނޫމިއާ އެކޯޑް' ގެ ނަމުގައި ސޮއިކުރި އެ އެއްބަސްވުމުގައި ވާ ގޮތުން މިނިވަންވާން ފެނޭތޯ ނަގާ ފެންނަ ނުފެންނަ ވޯޓެއް އެންމެ ލަސްވެގެން 2018 ވަނަ އަހަރު ބާއްވަން ޖެހެއެވެ.

މިނިވަން ވާން ފެންނަ ކަމަށް ނިއު ކެލިޑޯނިއާ މީހުންގެ އަޣުލަބިއްޔަތުން ފާސްކޮށް، ނިއު ކެލިޑޯނިއާ މީނިވަން ވެއްޖެ ނަމަ އެތަން ވާނީ 1980 ގެ ފަހުން ފްރާންސުން ވަކިވާ ފުރަތަމަ ތަނަށެވެ. ފްރާންސްގެ ދަށުން އެންމެ ފަހުން މިނިވަންވީ ތަނަކީ ވަަނައުޓޫއެވެ. އެގައުމު މިނިވަންވީ 1980 ވަނަ އަހަރުއެވެ. އޭގެ ކުރިން 1977 ވަނަ އަހަރު ޖިބޫތީ މިނިވަން ވިއެވެ.