ދުނިޔެ

އެމެރިކާ އޮފިޝަލަކު އަސަދު ސަރުކާރުގެ ވެރިޔަކާ ބައްދަލުކޮށްފި

ސީރިޔާ ހަނގުރާމައިގައި އެމެރިކާއިން ތާއީދު ކުރަނީ އެ ގައުމުގެ އިދިިކޮޅު ފަރާތްތަކަށް ކަމަށް ބުނަމުން އައި ނަމަވެސް އެގައުމުގެ އިސް އޮފިޝަލަކު ރައީސް ބައްސާރުލް އަސަދު ސަރުކާރުގެ ސަލާމަތީ ކަންކަމާ ބެހޭ ވެރިޔާއާ ބައްދަލުކޮށްފި އެވެ.

އެމެރިކާ އޮފިޝަލަކު އަސަދު ސަރުކާރުގެ ސަލާމަތީ ކަންކަމާ ބެހޭ ވެރިޔާ އަލީ މަމްލޫކާ ބައްދަލުކުރިކަން ފުރަތަމަ ރިޕޯޓްކުރީ ލުބުނާނުގެ އަލް އަޚުބާރު ނަމަކަށް ކިޔާ ނޫހުންނެވެ. އެނޫހުން ހުކުރު ދުވަހު ބުނީ އެ ދެމީހުން މަޝްވަރާ ކުރީ ސަލާމަތީ ކަންތައްތަކާ ބެހޭ ގޮތުން ކަމަށާއި އޭގެ ސޫރިޔާގައި ގެއްލިފައިވާ އެމެރިކާ މީހުންގެ މައްސަލަ ހިމެނޭ ކަމަށެވެ. ސޫރިޔާގައި ގެއްލިފައިވާ އެމެރިކާ މީހުންގެ ތެރޭގައި އެގައުމުގެ ޖާސޫސީ އިދާރާ ، ސީއައިއޭގެ ހަރަކާތްތެރިން ހިމެނެއެވެ.

އެމެރިކާ އޮފިޝަލު ސޫރިޔާއަށް ދިޔައީ ލުބުނާނު މަގުންނެވެ.

ސޫރިޔާގައި އެގައުމުގެ ސަރުކާރާ އެ ގައުމުގެ އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު 2011 ވަނަ އަހަރު ހަނގުރާމަ ފެށުމާ އެކު އެމެރިކާއިން ބުނީ އެގައުމުން ތާއީދު ކުރާނީ އިދިކޮޅަށް ކަމަށެވެ. އަދި އެގައުމުން ވަނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެެރިންގެ ތެރެއިންް ބަޔަކަށް ހަތިޔާރާއ ތަމްރީނުވެސް ދީފައެވެ.

ނަމަވެސް ހަނގުރާމައިގެ އޮއިވަރު ބަދަލުވެ، ގިނަ ގައުމުތައް ބައިވެރިވާ ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވި ފަހުން އެމެެރިކާއިން ވަނީ އަސަދު ސަރުކާރަށް ސިއްރިއްޔާތުގައި މަދަދު ކުރަން ފަށާފައެވެ. އެގައުމުން މިހާރު ސޫރިޔާހައި ހަނގުރާމަ ކުރަނީ ހަމަ އެކަނި އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށެވެ.

ރޮއިޓާސް ބުނީ މަލްލޫކާއި އެމެރިކާގެ އޮފިޝަލު ބޭއްވި ބައްދަލުވުމުގައި އެމެރިކާ ސިފައިން ސޫރިޔާގައި ހަރަކާތްތެރި ވާތީ އެކަމާ ޝަކުވާ ކުރި ކަމަށެވެ. އެ ޝަކުވާއަށް ޖަވާބު ދެމުން އެމެރިކާ އޮފިޝަލު ބުނެފައި ވަނީ " އަހަރެމެން ތިބެނީ ލަފާދޭން، އަހަރެމެން ހަނގުރާމަ ކުރަނީ ދާއިޝްއާ" މިހެން ކަމަށެވެ. ދާއިޝް އަކީ ބައެއް އަރަބި ގައުމުތަކުން އައިއެސް އަށް ދީގެން އުޅޭ ވަނަމެކެވެ.

ސޫރިިޔާގެ ހަނގުރާމައަކީ އަހުލީ ހަނގުރާމައެއް ކަމަށް ގައުމުތަކުން ސިފަކުރިޔަސް، އެހަނގުރާމައިގައި ސޫރިޔާ ސަރުކާރާއި އެގައުމުގެ އިދިކޮޅު ހަނގުރާމަވެެރިންގެ އިތުރުން، އެމެރިކާ، ރަޝިޔާ، އީރާން އަދި ތުރުކީން ވެސް ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.