ވިޔަފާރި

ރެޑިސަން ބްލޫގެ ރާއްޖޭގެ ފުރަތަމަ ރިސޯޓު ހުޅުވަނީ

އެމެރިކާގެ އެންމެ ބޮޑު ހޮޓެލް ޗެއިން ރެޑިސަން ބްލޫ އިން ރާއްޖޭގައި ރިސޯޓެއް ހިންގަން ފަށަން، އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ، ބައެއް ސައިޓުތަކުގައިވާ ގޮތުން، އެމެރިކާގެ ކަލްސަން ކުންފުނީގެ ރެޑިސަން ބްލޫ ކުންފުނި ރާއްޖޭގައި ހުޅުވާ ރިސޯޓުގެ މެނޭޖުމަންޓް އެއްބަސްވުމުގައި ރިސޯޓު ތަރައްގީކުރާ، ޗެންގް ހުއާ ހޯލްޑިންއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި ރިސޯޓު ހުޅުވަން ހަމަޖެހިފައިވަނީ 2019 ވަނަ އަހަރު އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ 105 ކިލޯ މީޓަރު ދުރުގައި، މާމިގިލި އެއާޕޯޓުން ސްޕީޑް ލޯންޗުގައި 15 މިނެޓުން ދެވޭ ހިސާބުތަކުގައި ތަރައްގީކުރާ މި ރިސޯޓަކީ އދ. އަތޮޅުގެ ރިސޯޓެވެ. ނަމަވެސް މި ރިސޯޓު ހަދާ ރަށުގެ ނަން އެ ކުންފުނިން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި ރިސޯޓުގައި 128 އެކްސްކްލޫސިވް ވިލާ އާއި އާއިލީ ޗުއްޓީއަށް ހާއްސަ ފެމެލީވިލާތަކުގެ އިތުރުން މޫދު ކޮޓަރިތަކާއެކު ތަރައްގީކުރާ މި ރިސޯޓު ވެގެންދާނީ ހިތްގައިމު ތަނަކަށެވެ. މީގެ އިތުރުން މި ރިސޯޓުން ލިބެން ހުންނާނެ ބައެއް ހިދުމަތްތަކުގެ ތެރޭގައި އެންމެ ފެންވަރު މަތީ ހިދުމަތް ދެވޭނެ މޫދު ކުޅިވަރު ސެންޓަރެއްވެސް ހުންނާނެ އެވެ.

ރެޑިސަން ބްލޫ ކުންފުންޏަކީ ހުޅުމާލޭގައިި އެސްޓީއޯ ހޮޓަލެއް އަޅަން 2008 ވަނަ އަހަރު މެނޭޖުމަންޓް އެއްބަސްވުމެއްގައި ހެދި ކުންފުންޏެވެ. ނަމަވެސް އެ ހޮޓާ ނުނިމި ވަނީ ލަސްވެގެން ގޮސްފަ އެވެ.

ސަރުކާރުން ވަނީ މި ދައުރުގެ ތެރޭގައި 50 ރިސޯޓު ހުޅުވާނެ ކަމަށް ބުނެފަ އެވެ. މިގޮތުން މިދިޔަ އަހަރު 11 ރިސޯޓެއް ހުޅުވާފައިވެ އެވެ. އަދި މި އަހަރު 25 ރިސޯޓެއް ހުޅުވާނެ ކަމަށް ބުނެފައިވެ އެވެ.