ރައީސް އަބްދުﷲ ޔާމީން އާއި ސިފައިން ނަސްރުގެ ދުވަސް ފާހަގަކުރާއިރު އެ ދުވަހުގެ ބަތަލުންނަށް ޓެރަރިޒަމްގެ ތުހުމަތުކޮށް ނުހައްގުން ދައުވާ ކުރަމުން ގެންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ނަސްރުގެ ދުވަހާ ގުޅުވައިގެން އެމަނިކުފާނު އެއްޗެއް ވިދާޅުނުވާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުންފާޅު ކުރަމުން ދަނިކޮށް ނަސްރުގެ ދުވަހާ ގުޅުވައިގެން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލާއި މާލޭ އޭރިޔާގެ ކުރީގެ ކޮމާންޑަރު އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް ދީދީގެ ފޮޓޯއެއްވެސް ހިމަނުވާފައިވެ އެވެ. އަދި ނަޝީދު ލިޔުއްވާފައި ވަނީ އެމްއެންޑީއެފް އާއި ރައީސް ޔާމީން ނަސްރުގެ ދުވަސް ފާހަގަ ކުރާއިރު އެ ދުވަހުގެ ބަތަލުންނަށް ނުހައްގު ދައުވާ ކުރަމުން ދާ ކަމަށެވެ.
އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން އާ ރަށުގައި ގެންގުޅުނު މައްސަލައިގައި މޫސާ އަލީ ޖަލީލާއި އިބްރާހިމް ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ މި ސަރުކާރުން އުފުލި އެވެ. އަދި މޫސާ އަލީ ޖަލީލުގެ މައްޗަށް ކުށް ސާބިތުނުވި އިރު އިބްރާހިމް ދީދީގެ ޝަރިއަތް އަދިވެސް ދަނީ ކުރިއަށެވެ.
ނިހާން މިއަދު ޓްވިޓާގައި ވިދާޅުވެފައިވަނީ ނޮވެމްބަރު ތިނެއްގެ އުދުވާނަށް ރައީސް ނަޝީދު ތާއިދު ކުރާ ވާހަކައަކީ ސަމާސާއެއް ނޫން ކަމަށާއި ނަސްރުގެ ދުވަހު ނަޝީދު ޓުވީޓެއްވެސް ނުކުރެއްވުމުން އެކަން ސާފުވާ ކަމަށެވެ. އަދި ނޮވެމްބަރު ތިނެއްގެ އުދުވާނާ ގުޅިގެން ކުށް ސާބިތުވެ އަދަބު ލިބިފައިވާ ބައެއް ފަރާތްތަކަށް ނަޝީދުގެ ސަރުކާރުގައި އިސް މަގާމުތައް ދީފައިވާތީ ވެސް އެކި ފަރާތްތަކުން އެމަނިކުފާނަށް ފާޑުކިޔާފައިވެ އެވެ. އަދި އެ ހަމަލާގައި އެންމެ އިސްކޮށް ހުރި، ހާޖަރާގޭ އަބްދުﷲ ލުތުފީ ޖަލު ހުކުމެއް ފުރިހަމަ ކުރަމުންދަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ފޮނުވާލާފައި ވެސް ވަނީ ނަޝީދުގެ ވެރިކަމުގަ އެވެ. އޭނާ އޭގެ ފަހުން ރާއްޖެ ނައިސް އަދިވެސް އުޅެނީ ފިލައިގެން އެވެ.
ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހެވެ.