ދުނިޔެ

ޕްރިންސް ވަލީދާ އެކު ސައުދީގެ ހަތަރު ވަޒީރަކު ހައްޔަރުކޮށްފި

ސައުދީ ރަސްކަމުގެ އިސްބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންތައް ތަހުގީގު ކުރުމަށް އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިސްކޮށް ހުންނަވައިގެން އިއްޔެ އުފެއްދެވި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ކޮމިޓީ އިން ޝާހީ އާއިލާގެ 11 ބޭފުޅަކާއި ހަތަރު މިނިސްޓަރުން ހައްޔަރުކޮށްފި އެވެ.

ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށް ސައުދީގެ ރަސްގެފާނު ސަލްމާން އުފެއްދެވި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ކޮމިޝަންގެ އަމުރަކަށް ހައްޔަރުކުރި ޝާހީ އާއިލާގެ ބޭފުޅުންގެ ތެރޭގައި ސައުދީ ޝާހީ އާއިލާގެ ބިލިއަނަރު އަދި އެ ގައުމުގެ މައި ވިޔަފާރި ކުންފުނީގެ ވެރިޔާ ޕްރިންސް އަލްވަލީދު ހިމެނެ އެވެ. މީގެ އިތުރަށް ޝާހީ އާއިލާގެ އިތުރު 10 ބޭފުޅަކު ވެސް ވަނީ ހައްޔަރުކޮށްފައިވެ އެވެ. އަދި މީގެ އިތުރުން ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ކަމަށް ބުނެ، ދެ ވަޒީރަކު ވެސް އިއްޔެ ވަނީ މަގާމުން ދުރުކޮށްފަ އެވެ.

މަގާމުން ދުރުކުރީ އެ ގައުމުގެ ނޭޝަނަލް ގާޑް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރެވެ. މީގެ އިތުރަށް ކަނޑުގެ ސިފައިންގެ ކޮމާންޑަރު ވެސް މަގާމުން ވަނީ ދުރުކޮށްފަ އެވެ.

އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގެ ތެރޭގައި 2009 ވަނަ އަހަރު ޖިއްދާގެ މަގުތަކުގައި ފެންބޮޑުވި ހާދިސާ އާއި ސައުދީ އަރަބިއްޔާގައި މާސް ވައިރަސް ފުޅާދާއިރާއެއްގައި ފެތުރުމުގައި އިހުމާލުވި ފަރާތްތަކުގެ މައްސަލަ ހިމެނެ އެވެ.

އަލަށް އުފެއްދި ކޮމިޝަނަށް ލިބިދީފައިވާ ބާރުތަކުގެ ތެރޭގައި ތުހުމަތު ކުރެވޭ މީހުންގެ އެކައުންޓްތައް ފްރީޒް ކުރުމާއި މުދާ ހިފެހެއްޓުމާއި ގައުމުން ފުރައިގެން ދިޔުން މަނާކުރުން ފަދަ ބޮޑެތި ބާރުތައް ހިމެނެ އެވެ. ސައުދީގެ ވަލީއަހުދު މުހައްމަދުގެ އިތުރުން ކޮރަޕްޝަން ނައްތާލުމަށް އުފެއްދި ކޮމިޝަންގައި ދެން ހިމެނެނީ އެންޓި ކޮރަޕްޝަންގެ ވެރިޔާ އާއި ޕަބްލިކް ސެކްރިއުޓީ ޑިވިޝަންގެ ވެރިޔާ އާއި އެ ގައުމުގެ ޕްރޮސިކިއުޓާ ޖެނެރަލް އަދި މައްސަލަތައް ތަހުގީގު ކުރާ މައިއިދާރާގެ ވެރިޔާ އެވެ. -- ދަ ނިއު ޔޯކް ޓައިމްސް