(2 ނޮވެމްބަރ 2017 އާ ގުޅޭ) -- ބަލިވެގެން އޮފީހަށް ސަލާމް ބުނަމުން ގޮސް އެންމެފަހުން އަހަރެން އޮފީހުން ދިގު ޗުއްޓީއެއް ނެގީ އަޒާނަށް އެނގުމަކާ ނުލައެވެ. ހެދުނު ހުދުނާ އަހަންނަށް ފޯނު ކޯލު އާދެއެވެ. އެއީ އަޒާން ނޫން ދެވަނަ މީހަކަށް ނުވާނެކަން އަހަންނަށް އެނގެއެވެ. އަހަރެން އަޒާނަށް ހުރިހާ ދޮރެއް ބަންދުކޮއްލީއެވެ. އެނޫން ދެވަނަ ގޮތެއް ނެތިގެނެވެ. އަހަންނަށް މިލިބެނީ ކޮންކުށެއްގެ ސަޒާބާއޭ އަހަރެންގެ ހިތަށްއަރައެވެ.
ސުހައްތަ އެނބުރި އަންނަންދެން ހައިކަލް އަހަރެންނާއިއެކު ވަގުތު ހޭދަކުރިއެވެ. އިޒުނައެއްނެތިއެވެ. އަހަރެންގެ ހަށިގަނޑު އޭނަގެ ބީހުންތަކަށް ހޭނުނުކަމުގައި ވިޔަސް އަހަރެންގެ ހިތުގައި އަޅާ ވޭނާ ފާރުވެފައިވާ ދެލޮލުން އޮހޭ ލޭ ކަރުނައަކަށް ބަދަލެއްނައެވެ. މިނިވަންވެ ހިންދެމިލެވުނީ ސުހައްތަ މާލެ އައުމުންނެވެ. ގެއަށް އައީމައެވެ. އެހާތަނުން ހައިކަލްގެ ވަކިތަކުން އަހަރެން ސަލާމަތްވީއެވެ. އެކަމަކު އުފަލެއްނުވިއެވެ. ކޮންމެ އެއްޗެއް ވިޔަސް އޭގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރަން ފަށައިފިނަމަ އޭގެ އަޖަލުވެސް ހަމަވުން އަވަސްވެއެވެ. އަހަންނަށް އިހުސާސް ކުރެވެނީ އެފަދައިންނެވެ. މިހާރު އަހަންނަކީ އަޒާން ބުނާ ފަދަ ޚާއްޞަ އަންހެންކުއްޖެއް ނޫނެވެ. އަހަރެންގެ ހަށިގަނޑުގައިވާ ހުރިހާ އިހުސާސަކާއި ޖަޒުބާތެއް ނެތި ފަނާވެ ހިނގައްޖެ ކަހަލައެވެ. ރޫހުގައި އިހު ހުރި ދިރުން ގެއްލިއްޖެއެވެ.
ސުހައްތަގެ ދެމަފިރިން ގޮވައިގެން ހައިކަލް އައިސް ގެއަށް ވަނީ ރޭގަނޑު އަށެއް ޖަހަން އުޅެނިކޮށެވެ. އެމީހުންނާއެކު ސިޓިންރޫމަށް ވަން މަންމަ ފެނުނެވެ. ކޮންމެ ގޮތެއް ވިޔަސް އަހަރެން މަންމަ ކިޔާނޭ އިތުރު މީހަކު ނެތެވެ. އެހެންވެ އެ ވަގުތު މަންމަ ފެނުމުން އަހަންނަށް ވަރަށް ފުން އަސަރުތަކެއް ކުރެވިގެންދިޔައެވެ. ދުވެފައި ގޮސް އެ މަންމަގެ ގައިގާ އޮޅުލައިގަންނަން ހިތަށް އެރިއެވެ. އެ މަންމަގެ އުނގުގައި ބޯއަޅާލައިގެން އޮވެ ހިތްފުރެންދެން ރޯލަން ބޭނުންވިއެވެ. މަންމަގެ އޯގާތެރި ފިރުމުންތަކާ އެ އަތުގެ ހިމާޔަތް ހޯދަން އަހަރެން ބޭނުންވިއެވެ. ނަމަވެސް އެ މަންމަ ވަދެގެން އައިސް ސޯފާތަކުގައި އިށީން އިރު ވެސް އެ ދެ ލޮލަށް އަހަރެން ޣައިބުވެފައިވާ ކަހަލައެވެ. ބަދިގެ ކައިރީ ހުއްޓިލައިގެން އަހަރެން އެމީހުންނަށް ބަލަން ހުރީމެވެ. މަންމަ އަހަންނަށް ބަލާލަން ވެސް ބޭނުންނުވަނީ ކަންނޭގެއެވެ. އެހެންނަމަވެސް އެ މަންމަގެ ލޯބިވެތި އެންމެ ބަލާލުމަކުން ވެސް އަހަންނަށް ހިތްވަރު ލިބޭނެއެވެ. އެ މަންމަގެ އެންމެ އޯގާތެރި ފިރުމާލުމަކުން އަހަރެންނަށް އާދިރުމެއް ލިބިގެންދާނެކަން ޔަގީނެވެ. ހުރިހާ ޚިޔާލުތަކެއް ހިތުގައި އުދާހުގެ ތެރެއަށް ގެނބިގެން ދިޔައީއެވެ. ވުން ނާދިރުކަމެއްކަމުގައި ޟަމީރު އެއްބަސްވީމައެވެ.
ސުހައްތައާއި ޖައުބެ ސިޓިން ރޫމުގައި ހުރި ހައިކަލް އާއި ވާހަކަ ދައްކަމުން ދިޔައިރު އޭނަގެ އެ ރީތި ސޫރައިގެ ނިވަލުގައި ފޮރުވިފައިވާ ދެވަނަ މީހެއްވާކަމެއް ނުދެނަހުއްޓެވެ. އެންމެންގެ ކުރިމަތީގަ އޭނަވަރުގެ މީހެއްނެތެވެ. އެންމެންނަށް އެހީތެރިވެފައި އުޅޭއިރު އޭނާހާ ހިތްހެޔޮ އޯގާތެރިއަކު ނެތެވެ. ދޫކޮށްލެވުނު ފިނިނޭވާއާއެކު އަހަރެންނަށް އިސްޖަހާލެވުނީ އެ މަންޒަރުތަކުން އަހަރެންގެ ކެތްތެރިކަން ކޮޅުންލައި ހިނގައިދާނޭތީއެވެ. މުޅި ނަފްސަށް ބާރުފޯރުވަމުން އައި ރުޅީގެ މައްޗަށް އަހަންނަށް ބާރެއް ނުފޯރުވެވިދާނޭތީއެވެ. އެހިނދު އަހަރެންގެ ފައިދަށުގައި އޮތް ފައިފުހި ލޮލުގައި އަޅައިގަތެވެ. ވަދެ ނުކުމެވާ ކޮންމެ މީހަކު އޭގައި ފައިފުހެލާފައި ދާއިރު ހިތަކަށް އެއްޗެއް އެރުމެއްނެތެވެ. އެއީ އޭގެ މަޤާމު ފަދައެވެ. ނަމަވެސް އެވަގުތު ހައިކަލްއަށްވުރެ އެ ފައިފުއްސަށް ވެސް އަހަރެންގެ ހިތުން މާ ގަދަރު ކުރެވުނެވެ. އަހަރެން އިސްއުފުލާލީ ސުހައްތަ އައިސް އަހަރެންގެ ކުރިމަތީ ހުއްޓި ކޮނޑުގައި ފިރުމާލުމުންނެވެ. އެ ދެ ލޮލުން އަހަރެން ދުށީ ހައިރާންކަމެވެ. މަޢުނަވީ ގޮތަކަށް ބަލަން ހުއްޓެވެ.
ސުހާ: "ހައިކަލް! ޔަގީންތަ މިންނުގެ ހާލު ބެލިންކަން... މިގެއަށް ވަދެލާ ހެދިން ދޯ"
ސުހައްތަ އަޑުހައި ވަނީ ހިސާބެއްގެ ކަންބޮޑުވުމެވެ. ހިމޭންވެފައި އޮތް ދޫ ހަރަކާތެއް ނުކުރިއެވެ. ވަގުތުން ސުހައްތަގެ ގައިގާ ބައްދާލެވުނީއެވެ. އެ ދައްތަގެ އޯގާތެރިކަމުގެ ފިރުމުންތަކާއެކު ހިތަށް ކުރި އަސަރު ދެ ލޮލުން ފާޅުވެއްޖެއެވެ.
ސުހާ: "ނިކަން ބޮޑުވެލާފައި ބުންޏެއްނު އެކަނި އުޅެލާ ފާނަމޭ... ސުހައްތައަށް އެނގުނޭ މިންނުއަށް އެކަނި އުޅޭން ފަސޭހައެއްނުވާނޭކަން. އެކޮޅުގައި ހުރިއިރު މިންނު މަތިން ވަރަށް ހަނދާންވި. ދެން ނުރޮއެ... މި އައީނު... އޮންނާނެ މިންނުއަށް ހަދިޔާއެއް ވެސް ގެނެސްފަ"
ލޯތްބާއިއެކު ސުހައްތަ އަހަރެންގެ ކޯތާފަތް ފުހެލަދިނެވެ. އެ ދައްތަ ފުރައިގެން ދިޔައިރު ވަދާޢުކީ މިންނުއާއި އެނބުރި އައިސް ކުރިމަތިލީ މިންނުއަކީ މުޅިން ތަފާތު ދެ މީހެއްކަން ސުހައްތައަށް އެނގޭނީ ކިހިނެއްހެއްޔެވެ.
ސުހައްތަ އައުމާއެކު ގޭތެރޭގެ ދިރުން އަނބުރާ އަތުވެއްޖެއެވެ. ނަމަވެސް އަހަރެންގެ ގިނަވަގުތު ހޭދަވަނީ ކޮޓަރީގެ ތެރޭގައެވެ. ބޭރަށް ނުކުންނަ ހިތް ވެސް ނުވަނީއެވެ. އެރެއަށްފަހު އަހަންނަށް ހަމަނިދި ނުލިބެއެވެ. އަޒާންގެ ހަނދާންތައް އަހަންނަށް އުނދަގޫ ކުރަނީއެވެ. އަހަރުމެން ދެމީހުންގެ ގުޅުން ކައިވެންޏަކާއި ހަމައަށް ގެންދިއުމަށް އަޒާން ނިންމި ރޭމަތިން އަދިވެސް އަހަރެން ހަނދާން އެބަހުއްޓެވެ. އަޒާނާއެކު ހޭދަކުރި ކޮންމެ ވަގުތުކޮޅަކީ ކޮންފަދަ އުފާވެރި ވަގުތުތަކެއް ހެއްޔެވެ. އަހަރެން އޭނަގެ މަތިން ހަނދާންނައްތާލާނީ ކިހިނެއްހެއްޔެވެ. އަހަރެންގެ މަތިން ހަނދާން ނައްތާލުމަށް އަޒާންގެ ގާތުން އެދޭހާ ހިތްވަރެއް އަހަރެންގެ ނެތެވެ.
ސުހައްތަމެން މާލެ އައިތާ ދެ ހަފްތާ ވޭތުވެގެން ދިޔައިރު އަޒާން އަހަރެން ހޯދުމަށް ގެއަށް އަންނަން ފެށިއެވެ. ފޯނުން ދިމާނުވުމުންނެވެ. ސުހައްތައަށް އަހަރުމެންގެ ދޭތެރޭ ކޮންމެވެސް ކަމެއް ހިނގައިފިކަން އިނގުނޭ ދެނެވެ. އެއީ އަޒާން އަހަރެން ހޯދަން އަންނަ ކޮންމެ ފަހަރަކު އޭނާގެ ގާތުގައި ކޮންމެވެސް ދޮގެއް ހަދާ ފޮނުވާލުމަށް އެދެނީ ސުހައްތަ ގާތުގައި ކަމަށްވީމައެވެ. އަޒާންއާ ބައްދަލުކުރާ ހިތް ނުވަނީއެއްނޫނެވެ. އޭނާއަށް ދޮގު ހަދާ އޮޅުވާލާ މީހަކަށް ވާން އަހަރެން ބޭނުމެއްނޫނެވެ.
ސުހާ: "މިންނުއަށް އެނގޭ ދޯ ދޮގު ހެދުމަކީ ސުހައްތަ ގަޔާވާކަމެއްނޫންކަން. ސުހައްތަ ދުވަހަކު ވެސް މިންނު ގާތުގައި ދޮގެއް ނުހަދަން. އަޒާނަކީ ގޯސް ކުއްޖެއްހެން ހިޔެއްނުވޭ... ތި ދެކުދީން ދެމެދުގައި ވެގެން އުޅޭ ގޮތެއް ނިކަން ކިޔައިދީބަލަ. ލޯބިވާ މީހުންދެކެ ރުޅި އައިސްގެން އުޅޭކަށް ނުވާނެ... ރުޅި އަކީ މިންނުއާ ގުޅޭ ވެސް ސިފައެއްނޫން"
ސުހައްތަ ދެއްގީ ރަނގަޅު ވާހަކައެވެ. އަޒާނަކީ އަންހެނަކަށް ލިބޭނޭ އެންމެ ފުރިހަމަ ޒުވާނާއެވެ. އޭނާގެ އެއްވެސް އުނިކަމެއް ނުފެނެއެވެ. އަހަރެން ސުހައްތަގެ ވާހަކަތަކަށް އޮއްބާލީ ފަހުން ހުރިހާ ކަމެއް ކިޔައިދޭނަން ކަމުގައި ބުނެއެވެ.
އަޒާން އަހަރެން ހޯދަން ގެއަށް އައިސްފައި ދިޔަތާ ދެ ދުވަސް ފާއިތުވެ ދިޔައިރު ވެސް އޭނާގެ ޚަބަރެއް ނުވިއެވެ. ކޮޓަރީގައި ހުރި ފޯނު ވެސް ރިންގުވާ އަޑެއް ނީވެއެވެ. އެނދުގައި ފޯނާ ދިމާއަށް ބަލަހައްޓައިގެން އަހަންނަށް އިނދެވުނީ އަޒާންގެ ފިކުރުގައެވެ. އަހަރުމެން ދެ މީހުންގެ ގުޅުން ހީނަރުވެފައިވާވަރާއި މެދު ވިސްނާށެވެ. އެހެން އިންދާ ކޮޓަރީ ދޮރުގައި ޓަކި ޖަހާލާފައި އެތެރެއަށް ވަންތަން ފެނުނީ ސުހައްތައެވެ.
ސުހާ: "މި އޮތީ ދެންގެ ގެއަށް ވަން ފިރިހެން ސޮރެއް ދިން ސިޓީއުރައެއް. މިންނުއަށް ރައްދުކުރާށޭ އޭ ބުނީ... ކާކުގެ އެއްޗެއްތަ؟"
ސުހައްތަ ދިއްކޮށްލި ސިޓީއުރައިގައި އަހަރެން ހިފީމެވެ. ސިޓީއުރައިގެ ބޭނުގައި އިނގޭރިސި އަކުރުން "މިންނު" ޖަހާލާފައި އޮތެވެ. ސުހައްތަ މަޑުކޮށްލައިގެން ހުރީ އެއީ ކާކު ފޮނުވި އެއްޗެއް އެނގެން ބޭނުންވެގެންނެވެ. ހައިރާންވެ ހުރެ ސިޓީއުރަ ކަނޑާލީމެވެ.
ސުހާ: "ލަވް ލެޓާއެއް ދޯ"
ކަރުދާހަށް ބަލާލުމާއެކު އަހަންނަށްވީ ގޮތް ސުހައްތައަށް އެނގުނީ ކަމަށް ވެދާނެއެވެ. ސަމާސާކޮށްލާފައި ސުހައްތަ ނުކުމެގެން ދިޔައެވެ. އެއާއެކު އަވަހަށް ދޮރުލައްޕާލާ އަތުގައި އޮތް ސިޓީ ކިޔަން ފެށީމެވެ. އެއީ އަޒާން ފޮނުވާފައިވާ ސިޓީއެކެވެ. އޭގައިވަނީ އަޒާންގެ ލިޔުމެވެ. އޭނާ އަހަރެންގެ ގާތުން އާދޭސްކޮށްފައި ވެއެވެ. އެންމެ ފަހަރަކު ވިޔަސް އޭނާއާ ބައްދަލުކުރުމަށެވެ. އޭނާދެކެ ދުވަހަކު ވެސް ލޯބިވީނަމަ ހަމަ އެންމެ ފަހަރަކު ބައްދަލުވުމަށް ފުރުޞަތު ދިނުމަށެވެ. އަޒާންގެ ލަފުޒުތަކުން އަހަރެންގެ ހިތަށް ތަދުވިއެވެ. ދެ ލޯ ފުރި ބަންޑުން ވަމުންދިޔައެވެ. އަހަރެން އަދިވެސް އަޒާނަށްވުރެ ލޯބިވާ ދެވަނަ މީހަކު ނެތެވެ. އޭނާދެކެ ވީ ފަދަ ލޯތްބެއް އެހެން މީހަކުދެކެ ނުވެސް ވެވޭނެއެވެ. އެ ސިޓީ އަހަރެންގެ ނިންމުންތައް ބަދަލުކުރުވިއެވެ.
އެރޭގެ ދިހައެއް ޖަހަންއުޅެނިކޮށް އަޒާންއާ ބައްދަލު ކުރީމެވެ. އަހަރެން ފެންނައިރަށް އަހަރެންގެ ގައިގާ އޮޅުލައިގަނެ އަހަރެންގެ މޫނުގެ އެތަންމިތަނުގައި ބޮސްދޭންފެށިއެވެ. އޭނާ ފާޑަކަށް މޮޔެވފައި ހުރި ކަހަލައެވެ. އަހަންނަށް އަޒާންއާއި ދުރަށްޖެހެން މަޖުބޫރުވިއެވެ.
އަޒާން: "ވަޓްސް ރޯންގް މިންނު؟ ކީއްވެތަ ތިހާ ދުރުދުރުން ތި އުޅެނީ... ޔޫ ނޯ އައި ކާންޓް ލިވް ވިތައުޓް ޔޫ. ޕްލީޒް! މިންނު! މެރީ މީ... އަހަރެން ބޭނުން ވީ އެންމެ އަވަހަކަށް މެރީ ކުރަން... މިންނުއަށް އޯކޭނަމަ ކުރިއަށް އޮތް ހަފްތާއަށް އަހަރެން ހުރިހާ ކަމެއް ރެޑީކުރާނަން. ޕްލީޒް ލޯބީ... އައި ލަވް ޔޫ ސޯ މަޗް... ޕްލީޒް މިންނު! ތިހެން ނުހުރެ ވާހަކަ ދައްކަބަލަ. އަހަންނަށް ކަމެއް ގޯސްކޮށް ކުރެވުނަސް ބުނާށޭ ބުނީމެއްނު. އޭރުން ރަނގަޅު ކުރާނަމޭ"
އަޒާންގެ ވާހަކަތައް އިތުރަށް އަޑުއަހާނޭ ހިތްވަރެއް އަހަރެންގެ ނެތެވެ. އޭނާ ކެތްމަދުވެފައި ހުރިވަރު އަހަރެން ދުށީމެވެ. އަހަރެންގެ ކެތްތެރިކަން ވެސް ފުނޑުފުނޑުކޮށްލީއެވެ. ދޮރޯށި ދޮށުގައި ހުރި އަޒާންގެ ގައިގާ ލެއްވެލުމާއެކު އަހަންނަށް ހިތުގައި ޖެހި ރޮވިއްޖެއެވެ. އަޒާން އަވަސް އަވަހަށް އަހަރެން ގޮވައިގެން އެތެރެއަށް ވަނެވެ. އަނބުގަސް ދޮށުގައި މަޑުކޮށްލުމާއެކު އޭނާގެ އަތުގެ ތެރޭ އަހަރެން ހިފަހައްޓާލިއެވެ.
އަޒާން: "ކީއްވެ ތި ރޮނީ؟ ކަމެއްވީތަ؟ މިންނު ބުނީމައެއްނު އަހަންނަށް އެނގޭނީ... ޕްލީޒް ނުރޮއެ ބުނެބަލަ"
އަހަރެންގެ ގަނޑުވެފައި ދޫ ހަރަކާތްކުރޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ގިސްލުމެއްގެ އަޑު ނޫނީ ބޭރެއް ނުވިއެވެ. އަޒާންދެކެ ލޯބިވާވަރު ހާމަކުރާން އަހަރެންގެ ހިތް ތެޅިފޮޅެމުންދިޔައެވެ. ކުރެވުނުހާ ވެސް ކަމަކީ އަޒާންގެ މޭގައި އިތުރަށް ބޮނޑިވެގަތުނެވެ.
އަޒާން: "ޔޫ ނޯ އައި ޑޯންޓް ލައިކް ޓިއާސް... އަހަރެންގެ ސަބަބުން މިންނު ރޯކަށް އަހަރެން ބޭނުމެއްނޫން. މިންނު ތިހެން ގިސްލަގިސްލާފައި ރޯއިރު އަހަރެންގެ ހިތް ރޯވާރެއް ނޭނގޭތަ؟ ޕްލީޒް... އަހަރެން ވެސް ރޯންތަ މިންނު ބޭނުންވަނި"
އަޒާން އަހަރެންދެކެ ކިހާ ލޯބިވޭ ހެއްޔެވެ. އަހަރުމެން ދެމީހުން އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާއިރު މިހެން ދިމާވާންވީ ކީއްވެހެއްޔެވެ. ހިތުގައި އަބަދުމެ މިހާރުވާ ޝަކުވާއަކީ އެއީއެވެ. އަމިއްލަ ތަޤުދީރާ މެދު ޝަކުވާކުރުން ނޫންކަމެއް މިހާރު ނުކުރެވެއެވެ. މީ އަހަރެން ބޭނުންވި ގޮތެއް ނޫނެވެ.
އަޒާން އަހަރެންގެ މޫނުގައި ހިފާ އުފުލާލުމާއެކު އަހަރުމެންގެ ހަތަރުކަޅި ބައްދަލުވެގެންދިޔައެވެ. އަހަރެންގެ ހިތުގައި ރަންއަކުރުން ފެވި ބިންވަޅު ނެގިފައިވާ ހަމައެކަނި ނަމަކީ އަޒާންގެ ނަމަވެ. އަހަރެންނަށް ލިބޭނޭ ރައްކާތެރިކަމާއި އޯގާތެރިކަން ވަނީ އެ ދެއަތުގެ ތެރޭގައެވެ. އެ ލޯބިވަނީ އަހަރެންގެ ނޭވަޔާ ގުޅިފައެވެ. ހިތުގެ އެންމެ ހިމަނާރާ ގުޅިފައެވެ. އިރުއަރާ އޮއްސޭއިރު އަހަންނާއެކު އަޒާންގެ ހަނދާންތައް ވެއެވެ. ދުރަށް ދާން މަސައްކަތް ކުރި ނަމަވެސް އެކަން ކުރާކަށް ފަސޭހައެއްނުވިއެވެ. އަހަރެންގެ ކުރިމަތީގައިވި އަހަރެންގެ ލޯތްބަށްޓަކައި ހިނިތުންވެލީމެވެ. އެހިނދު އަޒާންގެ ދެ ލޮލުން ކަރުނައިގެ އަސަރު ފާޅުވެގެންދިޔައެވެ. އަހަރެންގެ ކޯތާފަތް އަޒާން ފުހެލަދިނުމާއެކު އިހުނަށްވުރެ ބޮޑަށް އަހަރެން ހިނިތުންވެލީމެވެ. އެ ނޭވާގެ ހޫނުކަމާއި އެ ތުންފަތުގެ ތެތްކަން އިހުސާސް ކުރެވުނެވެ.
އަހަރެން އެނބުރި ކޮޓަރިއަށް އެރޭ ދިޔައީ ހިތްހަމަޖެހިފައި ހުރެއެވެ. އަޒާންގެ ލޯތްބާ ހަނދާން އަބަދުވެސް އާކޮއްދޭ އޯކިޑު މާކޯނި ހިފައިގެންނެވެ. އަޒާންއާ ކައިވެނިކުރަން ވަޢުދުވެފައެވެ. އޭނާ ވީ އެންމެ އަވަހަކަށް ކައިވެނީގެ ކަންކަން ހަމަޖައްސާނަން ކަމުގައި ބުންޏެވެ. އޭރުން އަޒާންގެ ލޯބިން އަހަރެންގެ ފަސްބައިފުރާލަން ލިބޭނެތީއެވެ. އެކަމަކުގެ ސަބަބުން އަހަރެންގެ ފަސްބައިގައި ޖެހިފައިވާ ލައްގަޑު އެ ލޯބިން ފޮރުވިގެންދާނެކަމުގެ ފޮނި އުއްމީދުގައެވެ. އަޒާން ކޮންމެ ގޮތަކުން ވިޔަސް އޭނާގެ މައިންބަފައިން އަހަރުމެންގެ ކައިވެންޏާ މެދު ރުއްސާނޭކަން އަހަންނަށް އެނގެއެވެ. ނަމަވެސް ކަންތައްވީ އެހެންނެއްނޫނެވެ. އަހަންނާއި ބައްދަލު ކުރާން އަޒާން އައީ އޭގެ ދެތިން ދުވަސް ފަހުންނެވެ. އައި އިރު އައީ ކަންބޮޑުވާންޖެހޭ ވަރު ޚަބަރެއް ހިފައިގެންނެވެ. (ނުނިމޭ)