ކުޅިވަރު

މެސީއަށް 600 މެޗް، ކުރީގެ ރެކޮޑާ ވެލެންސިއާ އަރާ ހަމަކޮށްފި

Nov 5, 2017

ރޭ، މިއީ ލިއޮނަލް މެސީގެ ކެރިއަރުގައި ފާހަގަ ކުރެވޭ ތާރީހީ ރެއެކެވެ. މީގެ 14 އަހަރު ކުރިން، ބާސާގެ ޖޯޒީގައި، މެސީ އެންމެ ފުރަތަމަ މެޗެއް ކުޅުނީ، 2003 ވަނަ އަހަރު، އޭރު ހޯސޭ މޮރީނިއޯ ކޯޗް ކޮށްދެމުން ގެންދިޔަ، ޕޯޓޯއެފްސީ އާ ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗެއްގަ އެވެ. ރޭ، ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗަކީ، ބާސެލޯނާ އަށް މެސީ ކުޅުނު 600 ވަނަ މެޗެވެ.

ބާސާއަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިންގެ ލިސްޓްގައި މެސީ އަށް ލިބެނީ ތިން ވަނަ އެވެ. ލިސްޓްގެ އެންމެ ކުރި ލިބެނީ ބާސެލޯނާގެ ލެޖެންޑަރީ ކެޕްޓަން ޒަވީ ހެނާންޑޭޒް އަށެވެ. އޭނާ ވަނީ ބާސާ އަށް 767 މެޗު ކުޅެފަ އެވެ. ދެ ވަނަ ލިބެނީ މިހާރުގެ ކެޕްޓަން އަންދުރޭ އިނިއެސްޓާ އަށެވެ. އެއީ 642 މެޗެވެ.

ބާސާގެ ޖޯޒީގައި، މެސީ ރަސްމީ ކޮށް މެޗަކަށް ނިކުތީ، އޮކްޓޫބަރު 16 2004 ގައި އެސްޕަނޯލްއާ ދެކޮޅަށެވެ. އޭރު އޭނާ ގެ އުމުރުން އެންމެ 17 އަހަރެވެ. ނަމަވެސް މެސީ އަކީ ބާސެލޯނާގެ ތާރީހްގައި، އެޓީމުގެ ސީނިއާ ޓީމަށް ކުޅެން ފެށި އެންމެ ޒުވާން ކުޅުންތެރިޔާއެއް ނޫނެވެ. އެ ޝަރަފު ލިބެނީ، ޕައުލީނިއޯ އަލްކަންޓާރާ އަށެވެ. ކަޓަލާން ޗެމްޕިއަންޝިޕްގައި ބާސާގެ ޓީމުގައި އޭނާ ކުޅުނު އިރު 15 އަހަރެވެ. އެއީ މީގެ 100 އަހަރު ކުރި އެވެ.

ފްރޭންކް ރައިކާޑް ކޯޗް ކޮށްދިން ބާސެލޯނާގެ ސީނިއާ ޓީމަށް، މެސީ ޕްރަމޯޓް ކުރީ، އެ ޓީމުގައި އޭރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ބްރެޒިލްގެ ރޮނާލްޑީނިއޯ ހުއްޓަ އެވެ. ނަމަވެސް ރޮނާލްޑީނިއޯގެ ހިޔަނީގައި ކުޅެމުން ދިޔުމަކުން މެސީ ފަނޑެއް ނުވި އެވެ.

ބެލަންޑޯ އެވޯޑްގެ ފަސް ބޯޅަ އާއި ޔޫރަޕްގެ ގޯލްޑަން ބޫޓްގެ ހަތަރު ބޫޓް ހާސިލު ކޮށްފައިވާ މެސީ ވަނީ 523 ލަނޑު ބާސާއަށް ކާމިޔާބު ކޮށްދީފަ އެވެ. އަދި އެތަށް ރެކޯޑަކާއެކު ޖުމުލަ 30 ތަށި ބާސެލޯނާއަށް ކާމިޔާބު ކޮށްދިނެވެ. ނަމަވެސް، ބައިނަލްއަގްވާމީ ލެވަލްގައި ސީނިއާ ޓީމުގައި މެސީއަށް ތައްޓެއްގައި އަތްލަން ނުލިބުމުން އޭނާ އަށް އޮތް ފާޑު ކިޔުންވެސް ވަކި ކުޑަ އެއް ނޫނެވެ.

ރޭ، ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު 2-1 ން ކާމިޔާބު ކޮށް، ސްޕެނިޝް ލީގްގެ އެއް ވަނައިގައި، ބާސާއިން ދަމަހައްޓަމުން އަންނަ ލީޑް ވަނީ ދަމަހައްޓާފަ އެވެ. ރޭގެ މެޗުގައި ބާސާގެ ދެ ލަނޑު ވެސް ކާމިޔާބު ކުރީ ޕަކޯ އަލްކާސާ އެވެ. ސެވިއްޔާގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ގްއިޑޯ ޕިޒާރޯ އެވެ.

ބާސާ އެއް ވަނައިގައި އޮތީ، 31 ޕޮއިންޓް ހޯދައިގެން ނެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ ލިބިފައި ވަނީ، 27 ޕޮއިންޓެވެ.

ރޭ ވެލެންސިއާ ވަނީ ލަގަނޭސްއާ ދެކޮޅަށް ކުޅުނު މެޗު 3-0 ން ކާމިޔާބު ކޮށް މީގެ 70 އަހަރު ކުރިން އެޓީމުން ހަދާފައިވާ ރެކޯޑާ އަރާ ހަމަ ކޮށްފަ އެވެ.

ވެލެންސިއާގެ ހަޔާތުގައި ޖެހިޖެހިގެން ހަތް މެޗުން އެޓީމު މޮޅުވެފައި ވަނީ 1947 ވަނަ އަހަރު އެވެ. މިއަދު އެ ރެކޯޑާ ވެލެންސިއާ އަރާ ހަމަ ކޮށްފި އެވެ. އެ އަހަރު އަށް ވަނަ މެޗު އެ ޓީމަށް ހުރަސް އެޅީ ސެވިއްޔާ އެވެ.

މި ސީޒަންގައި، ކުޅުނު ހަތަރު ވަނަ މެޗުގައި ލެވަންޓޭ އަތުން 1-1 ން އެއްވަރުވިފަހުން އެޓީމުން ވަނީ، މަލާގާގެ މައްޗަށް 5-0 މޮޅުވެފަ އެވެ. ރެއާލް ސޮސިއަދާދުގެ މައްޗަށް 3-2 ން މޮޅުވެފަ އެވެ. އެތުލެޓިކް ކުލަބު އަތުން 6-3ން ނެވެ. ސެވިއްޔާ އަތުން މޮޅުވީ 4-0 ން ނެވެ. އަލަވޭސް އަތުން 2-1 ން ނެވެ. އަދި ރޭ، ލެގަނޭސް އަތުން 3-0ން ނެވެ.

ރޭގެ މެޗުގައި، ވެލެންސިއާގެ ލަނޑުތައް ކާމިޔާބު ކުރީ، ޑަނީ ޕެރޭހޯ އާއި ރޮޑްރިގޯ އަދި ސެންޓި މިނާ އެވެ.

އަށް މެޗު ހަމަކޮށް، ރެކޯޑް މުގުރާލަން ވެލެންސިއާ އަށް ލިބޭ މެޗަކަށް ވަނީ އަންނަ އާދީއްތަ ދުވަހުގެ ރޭ އެސްޕަނޯލްއާ ދެކޮޅަށް ކުޅޭ މެޗެވެ.