ފީފާގެ އެންމެ މޮޅު ކޯޗްގެ އެވޯޑް ޓައޓަލްގައި ހުރި، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ކުރިއަށް ދަނީ އުނދަގޫ ހާލަތެއްގަ އެވެ. މިދިޔަ ހަފުތާގައި ޖެހިޖެގެން ދެ މެޗުން ބަލިވެ ރެއާލްގައި ޒިދާންގެ ކުރިމަގާ ބެހޭގޮތުން އޮތީ ކޮންމެވެސް ސިފައެއްގައި ސުވާލު އުފެދިފަ އެވެ.
ސްޕެނިޝް ލީގްގެ ތާވަލުގެ ހަތަރު ވަނައިގައި އެޓީމު އޮތީ، އެއް ވަނައިގައި އޮތް ބާސެލޯނާއާ 11 ޕޮއިންޓް ފަހަތުގަ އެވެ. މިރޭ ލަސްޕަލަމްސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅު ނުވެވިއްޖެނަމަ ޒިދާންގެ ވަޒީފާ ގެއްލުމުގެ ބިރު އޭނާއަށް ވަނީ ކުރިމަތިވެފަ އެވެ. ހުރިހާ ގޮންޖެހުމަކާއެކު، މިރޭ މެޗަށް ނިކުތުމުގެ ކުރިން، ޒިދާން ބުނީ އޭނާ އަކީ ދުނިޔޭގައި ހުރި އެންމެ ދަށް ކޯޗް ނޫން ކަމަށާއި ފާޑު ކިޔުން ތަކުން ދުވަހަކުވެސް އެކަހެރި ނުވެވޭނެ ކަމަށެވެ.
"އަހަންނަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗެއް ނޫން، ސީޒަނެއް ވަންދެން ބަޔަކު އެހެން ބުނެފާނެ (އަހަންނަކީ އެންމެ މޮޅު ކޯޗް) ކަަމަށް ނަމަވެސް އަހަންނަކީ އެންމެ މޮޅު ކޯޗެއް ނޫން އަހަރެން އެކަން ބަލައިގަންނަން އެހެނެއް ކަމަކު އަހަންނަކީ ދުނިޔޭގެ އެންމެ ދަށް ކޯޗެއް ވެސް ނޫން." ޒިދާން ބުންޏެވެ.
ޒިދާން ބުނީ، ދެ މެޗުން ބަލިވުމަކުން މި ސީޒަންގައި ހާސިލު ކުރަން ބޭނުންވާ އަމާޒަށް ވާސިލު ވުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
"އުނދަގޫ ކޮށް ދާ މެޗުތަކެއް ނުވަތަ ވަގުތު ތަކެއް ފުޓްބޯޅައިގައި އަންނާނެ، އެއީ އާ ކަމެއް ނޫން މިދިޔަ އަހަރު ވެސް އެކަން ކުރިމަތިވި، ސީޒަން ނިމިގެން ދިޔައިރު އަހަރެމެންނަށް ބޮޑު ކާމިޔާބެއް ހާސިލުވި، އަހަރެން ބޭނުން މިއަހަރުވެސް އެކަން ހާސިލު ކުރަން." ކުޅުންތެރިޔެއްގެ ގޮތުގައި ވޯލްޑަކަޕްވެސް ކާމިޔާބު ކޮށްފައިވާ ކޯޗް ބުންޏެވެ.
އޭނާ ބުނީ، ރެއާލުން މިވަގުތު ވިސްނަނީ، ކުރިއަށް އޮތް މެޗަށް ކަމަށާއި މެޗުގެ ބޭރުން އަންނަ ކަންކަމަށް ކުރިމަތި ލެވޭނީ ބުރަ މަސައްކަތް ކޮށްގެން ކަމަށެވެ. ރެއާލް ކިތަންމެ އުނދަގޫ ހާލަތެއްގައި ދިޔަޔަސް ޒިދާން ބުނީ މިއީ އޭނާގެ ކެރިއަރުގައި އެންމެ އުނދަގޫ ވަގުތެއް ނޫން ކަމަށެވެ.
"އަހަރެމެންގެ ކުޅުން ގޯހެއް ނޫން، ބައެއް ފަހަރު އުނދަގޫ ހާލަތުގައި ދޭ ނަމަވެސް، މުޅި މެޗުގައި އެއްގޮތަކަށް ނުދޭ،" ޒިދާޏް ބުންޏެވެ. "މިއީ އުނދަގޫ ވަގުތެއް ނަމަވެސް މިއީ އަހަރެންގެ ކެރިއާގައި އެންމެ އުނދަގޫ ވަގުތެއް ނޫން."