ވިޔަފާރި

ޕެންޓްހައުސްތަކާއެކު އޮޅަހަލި ރިސޯޓު ހުޅުވަނީ

ޕެންޓްހައުސް ރެސިޑެންސްތަކާއެކު ކ. އޮޅަހަލި ރިސޯޓު އަންނަ އަހަރުގެ ކުރީކޮޅު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ސައިޓުތަކުގައިވާ ގޮތުން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި މިހާރު ބޭނުންކުރާ އޮޅަހަލީގައި ތަރައްގީކުރާ "ލަކްސް" ރިސޯޓުގައި 67 ރެސިޑެންސް ހުންނާނެ އެވެ. އަދި މި ތަންތަން ފަރުމާކޮށްފައިވަނީ ޖާގަ ބޮޑުވާނެ ގޮތަކަށެވެ. މިގޮތުން ހިތްގައިމު ޓެރަހަކާއި ލިވިން އޭރިއާވެސް ބޮޑުވާނެ އެވެ.

"ލަކްސް" ގެ މި ރިސޯޓުގައި ބާބެކިއު އޭރިއާއަކާއި ރޫފްޓޮޕް ބާއެއްގެ އިތުރުން ޔޯގާ ފަދަ ކަސްރަތު ކުރުމަށް ހާއްސަ ސަރަހައްދު ތަކެއް ވެސް ހުންނާނެ އެވެ.

ލަކްސް އިން އިތުރު ރިސޯޓެއް ހުޅުވަން ތައްޔާރުވަމުންދާއިރު، އެ ކުންފުނިން މިހާރު ވެސް ދިއްދޫފިނޮޅުގައި ދަނީ ރިސޯޓެއް ހިންގަމުންނެވެ.

ސަރުކާރުން ވަނީ މި ދައުރުގެ ތެރޭގައި 50 ރިސޯޓު ހުޅުވާނެ ކަމަށް ބުނެފަ އެވެ. މިގޮތުން މިދިޔަ އަހަރު 11 ރިސޯޓެއް ހުޅުވާފައިވެ އެވެ. އަދި މި އަހަރު 25 ރިސޯޓެއް ހުޅުވާނެ ކަމަށް ބުނެފައިވެ އެވެ.