ދުނިޔޭގެ އެހެންއެއްވެސް މަގާމެއް ހޯދުމަށް ޓޮޓެންހަމް ހޮސްޕާސްގެ ވަޒީފާ ދޫކޮށް ނުލާނެ ކަމަށް އެޓީމުގެ ކޯޗް އާޖެންޓީނާގެ މައުރީޝިއޯ ޕޮޗެޓިނޯ ބުނެފި އެވެ.
ރެއާލް މެޑްރިޑްގައި، އެ ޓީމުގެ ކޯޗް ޒައިނުއްދީން ޒިދާން އަށް އުނދަގޫ ދުވަސްތަކެއް ކުރިމަތި ވެފައި ވާއިރު، ސީޒަން ނިމޭއިރު އެ ޓީމު ކާމިޔާބާ ހަމަޔަށް ނުގެންދެވިއްޖެނަމަ، އަންނަ ސީޒަންގައި ޒިދާންގެ ބަދަލުގައި ޕޮޗެޓިނޯ ރެއާލްގެ ކޯޗަކަށް ގެންނަން އުޅޭ ކަމުގެ ވާހަކަ ތައް އިނގިރޭސި މިީޑިއާ ތަކުން ވަނީ ފަތުރާފަ އެވެ.
ރެއާލްގެ އޮފިޝަލުންނާއި އެ ޓީމުގެ ބޯޑު މެންބަރުން، ޒިދާންއަށް ފުރިހަމަ އަށް ތާއީދު ކުރާ ވާހަކަ ބުނި ނަމަވެސް، ޒިދާންގެ ބަދަލުގައި އަންނަ ސީޒަނަށް ޕޮޗެޓިނޯ ގެންނަން އުޅޭ ވާހަކަ ތަކުގެ އަޑުތައް ވަރަށް ގަދަ އެވެ.
"މިއަދު އަހަރެންގެ ބޮލުގައި 100 ޕަސަންޓް މި އިނީ ޓޮޓެންހަމް، މިއަދު ދުނިޔޭގެ އެހެން އެއް އެއްވެސް މަގާމަކަށް އަހަރެން ޓޮޓެންހަމް ދޫކޮށް ނުލާނަން އަހަރެން ކުރިއަށް މިދަނީ މިކުލަބުގައި ވަރަށް ބޮޑަށް ހިމެނިގެން މި ކުލަބަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން،"
"މި ކުލަބަށް ބޭނުން ވަނީ، ހަމައެކަނި މި ކުލަބާ މެދު ވިސްނާ މީހުން، އަދި މި ކުލަބުގެ ސަޕޯޓަރުންނާއި ކުޅުންތެރިންނާ މެދު އަދި މި ކުލަބުގެ އޮތް އޮނިގަނޑާ މެދު ވިސްނާ މީހެއް، އަދި ކުލަބުގެ މި ބުނި ހުރިހާ ކަމަކުން އަހަރެމެންނަށް ގަބޫލުވެސް ނުކުރެވޭ ކަހަލަ ހިތްހަމަޖެހުމެއް ލިބިގެންދޭ، މިކުލަބުން އަހަރެމެންނަށް ދޭ އަގާ އެއްވަރަށް ކުލަބާ މެދު ވެސް އަޅާލާން ޖެހޭ." ޕޮޗެޓިނޯ ބުންޏެވެ.
އޭނާ ބުނީ، އޭނާ ދެކެނީ ޓޮޓެންހަމްއަކީ ދުނިޔޭގެ އެއް ވަނަ ކުލަބުގެ ގޮތުގައި ކަމަށާއި ދުނިޔޭގައި އޮތް އެންމެ މުހިންމު ކުލަބަކީވެސް ޓޮޓެންހަމް ކަމަށެވެ.
"އަހަރެން ބޭނުން ވަނީ އެގޮތަށް ވިސްނަން، އަދި އެކަމަށް ކުރެވޭ އިހްސާސްތައްވެސް އަހަންނަށް ފެންނަނީ ހަގީގަތެއްގެ ގޮތުގައި،" އާޖެންޓީނާގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމުވެސް ހުށަހެޅުނު ޕޮޗެޓިނޯ ބުންޏެވެ. "އަހަރެން ހަގީގަތް އޮޅުވާލަކާށް ބޭނުމެއް ނޫން އެގޮތަށް ނުވިސްނަންޏާ އަދި އެއީ ހަގީގަތް ކަމަށް ސިފަ ނުކުރެވެންޏާ އިތުބާރު ދަމަހައްޓަން އުނދަގޫ ވާނެ."
ޓޮޓެންހަމްގެ ކޯޗް ކަމާ ޕޮޗެޓިނޯ ހަވާލުވީ 2014 ވަނަ އަހަރު އެވެ. ޢެގެ ކުރިން އޭނާ ހުރީ ސައުތު ހެމްޓަންގެ ކޯޗަކަށެވެ. އޭނާގެ ކޯޗިން ކެރިއާ ފެށީ ސްޕެއިންގެ އެސްޕަނޯލްއިން 2009 ވަނަ އަހަރު އެވެ. އެ ޓީމުގައި އޭނާ ވަނީ 2012 ވަނަ އަހަރާ ހަމަޔަށް މަސައްކަތް ކޮށްފަ އެވެ.