ރިޕޯޓް

ބަލި މީހުން އުފުލައިދިން ބައްޕަ، މިއަދު އެދެނީ އެހީ އަަކަށް!

Nov 6, 2017
11

މީދޫ އެންމެންގެ މިއީ އެކުވެރިއެކެވެ. އެ ރަށުގެ ހިދުމަތްތެރި އެކެވެ. އެހީތެރިއެކެވެ. މަދަދު ވެރި އެކެވެ. ހިތް ހެޔޮ އެންމެންނާ ވެސް ގުޅޭ އެކުވެރި އެކެވެ. ރަށުގެ އިޖުތިމާއީ ކަންކަމުގައި ފަސް ޖެހުމެއް ނެތި، ހިލޭ ސާބަބަހަށް މަސައްކަތް ކުރި މީދޫ ދެކެ ލޯބި ދަރިއެކެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ސިއްހީ މަރުކަޒާ ހަމަ އަށް ބަލި މީހުން ގެނެސްދެނީ އޭނާ އެވެ. ރ. މީދޫ، ފުނަމާގޭ، 41އ. ގެ ހުސެއިން ފަޔާޒަކީ މި ރަށު ސިއްހީ މަރުކަޒުގެ އެމްބިއުލާންސް ދުއްވި މީހާ އެވެ. ނަމަވެސް މިއަދު އޭނާ މިވަނީ ވަނީ ބަލި މީހުން އުފުލޭ ވަރަށް ވުރެ ހާލު ބޮޑުވެފަ އެވެ. އެހެން މީހުންގެ އެހީއަށް ބޭނުންވެފަ އެވެ.

"ހަނދާން ހުންނަން ފެށިއިރުން ފެށިގެން ވެސް ބޭބެ ވަރަށް މަސައްކަތް ކުރާނެ. އެހީވާނެ މީހުންނަށް. ވަރަށް މީހުންނަށް ރަނގަޅުވާނެ،" ފަޔާޒުގެ ކޮއްކޮށް، އަހުމަދު ސަމީރު "އަވަސް" އަށް ބުންޏެވެ.

ނަމަވެސް.. އޭނާ މިއަދު އެއޮތީ ބަލި އެނދުގަ އެވެ.

ފަޔާޒުގެ، ސިއްހީ ހާލަތު ގޯސްވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މި ބަލީގެ ފުރަތަމަ އަލާމާތެއްގެ ގޮތުން އޭނާގެ ފައި ދުޅަވާން ފެށީ އެވެ. އެ އަށްފަހު އަނގައިންނާއި ފުރަގަސް ފަރާތުން ލޭ އަންނަން ފެށީ އެވެ. ޖެހިގެން އުޅެނީ ކޮން މައްސަލައެއް ކަމެއް އޭރަކު ނޭނގެ އެވެ. އެހެންވެ، އަވަހަށް ފުރައިގެން ދިޔައީ ބޭރަށެވެ.

ފުރަތަމަ ދެއްކީ، އިންޑިޔާގެ ކިމްސް ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ދެއްކުމުން ލިބުނީ ހިތް ފަޅައިގެންދާ ފަދަ ޖަވާބެކެވެ. ޑޮކްޓަރު ބުނީ އޭނާގެ ފުރަމެ އަށް ކެންސަރުގެ އަސަރު ކުރުމުގެ ފުރުސަތު ބޮޑު ވާހަކަ އެވެ. އޭނާ އަށް "ލިވާސެރޮސިސް" ޖެހިފައިވާ ވާހަކަ އެކެވެ. އަދި ލިވާ ގައިވާ ލަކުނުތައް ފާރަށް ބަދަލުވަމުންދާ ވާހަކަ އެވެ. އެހެންވެ ފަޔާޒުގެ އާއިލާ އިން ބޭނުންވީ އަވަހަށް އެކަމުގެ ފަރުވާ ފަށާށެވެ. އެހެންވެ މާލެ އައިސް އާސަންދައިގެ އެހީއާއެކު އިންޑިޔާގައި ފަރުވާ ފެށީ އެވެ.

ލިވާ ބަދަލު ކުރަން ޖެހޭ

ދެން ދިޔައީ ކޮޗިންގައި ހުންނަ ހޮސްޕިޓަލަކަށެވެ. މިގޮތަށް ހެދި ޓެސްޓު ތަކުން ލިބުނީ ގަބޫލުކުރަން ދަތި، އެހެނަސް ގަބޫލުކުރަން މަޖުބޫރު ޖަވާބެކެވެ. ފަޔާޒުގެ ލިވާ ބަދަލު ކުރަން ޖެހޭ ވާހަކަ އެވެ. އަދި އިތުރު ޑިއުމަރެއް ވެސް އިން ވާހަކަ އެވެ.

އުމުރުން އަށް އަހަރާއި 15 އަހަރުގެ ދެ ކުދިންގެ ބައްޕަ އަށް އިތުރު މައްސަލައެއް ދިމާވީ މި ހިސާބުންނެވެ. ޑޮކްޓަރު ލަފާދިނީ، ލިވާ ބަދަލުކުރާށެވެ. މި ބަލީގެ ދާއިމީ ފަރުވާއަކީ މިއީ އެވެ. އެކަމަށް އާއިލާ އިން ލިވާ ހަދިޔާކުރާނެ މީހަކު ހޯދުމަށެވެ. ނަމަވެސް، އާއިލާގެ ގިނަ ބަޔަކު ޓެސްޓްކޮށްފި އެވެ. ގިނަ މީހުންގެ ސިއްހީ ހާލަތު ހުރި ގޮތުން، ލިވާ ޓްރާންސްޕްލާންޓް ހެދޭ ވަރެއް ނުވެ ހާލު ގޯހެވެ. އެހެންވެ ދެން އޮތް އެންމެ އަވަހަށް ކުރަން ޖެހޭ ކަމަކީ ފަޔާޒުގެ ހަށިގަނޑުގައި އުފެދެމުން އަންނަ ޓިއުމަރު އަންދާލުމެވެ.

ޓިއުމަރު އަންދާލުމަށް ފަހުން އެބަ މަޖުބޫރު ލިވާ ޑޯނާއެއް ހޯދަން. ޑޮކްޓަރު ވިދާޅުވެފައިވަނީ ޓިއުމަރު އަންދާލުމަށް ފަހު، ޑޯނާއެއް ނުލިބިއްޖެނަމަ ދެން އިތުރު ކަމެއް ނުކުރެވޭނެ ކަމަށް. އެހެންވެ، އަޅުގަނޑުމެން ވަރަށް ބޮޑު އެހީތެރި ކަމެއް ބޭނުންވޭ
ފަޔާޒުގެ ކޮއްކޮ

"ޓިއުމަރު އަންދާލަން ވެސް ވަރަށް ބޮޑު ހަރަދެއް އެބަދޭ. އާސަންދައިން އެހީދޭ. އެކަމަކު އެހެނިހެން ހަރަދުތައް ބޮޑު. މިހާރު މިކަމުގައި އުޅެނިކޮށް، އެއް ބޭބެގެ ވަޒީފާ ވެސް ގެއްލިއްޖެ. އަނެއް ބޭބެ އެ ހުންނަނީ ނޯޕޭގައި. އެހެންވެ އަތްމަތި ވަރަށް ދަތި. ބޭރުގައި އުޅޭތާ ހަތަރު ވަރަކަށް މަސް ވަނީ. އެހެންވެ ވަރަށް ގިނަ ހަރަދު އެބަދޭ،" ފަޔާޒުގެ ކޮއްކޮށް، ސަމީރު ކިޔައިދިނެވެ.

"ޓިއުމަރު އަންދާލުމަށް ފަހުން އެބަ މަޖުބޫރު ލިވާ ޑޯނާއެއް ހޯދަން. ޑޮކްޓަރު ވިދާޅުވެފައިވަނީ ޓިއުމަރު އަންދާލުމަށް ފަހު، ޑޯނާއެއް ނުލިބިއްޖެނަމަ ދެން އިތުރު ކަމެއް ނުކުރެވޭނެ ކަމަށް. އެހެންވެ، އަޅުގަނޑުމެން ވަރަށް ބޮޑު އެހީތެރި ކަމެއް ބޭނުންވޭ."

މި އާއިލާ އިން ބޭނުން ވަނީ ދިވެހިންގެ ދީލަތި އެހީ ތެރިކަމުގެ އަތެކެވެ. ކުޑަކުޑަ ދެ ކުދިން ބޭނުންވަނީ ލޯބިވާ ބައްޕަ ހެޔޮ ހާލުގައި ހުންނަތަން ފެނުމެވެ. އެކަމަށް ދިވެހިންގެ އެހީތެރިކަން ނިހާޔަތަށް މިއާއިލާ އިން މިވަނީ ބޭނުންވެ އެވެ.

އެހީ ދިނުމަށް:

* ދިވެހި ރުފިޔާ އެކައުންޓް: 7717109726101
* ޑޮލަރު އެކައުންޓް: ‎7730000150144
* އިތުރު މައުލޫމާތު: މުހައްމަދު ޒިޔާޒު ނަމްބަރު: ‭‎+91 91489 58737‬
* އަހުމަދު ސަމީރު: ‎9667719
* އަލީ ޒިޔާދު: ‎7828436