ލަސްޕަލަމްސްއާ ދެކޮޅަށް 3-0 ން ރެއާލް މެޑްރިޑް މޮޅުވި ނަމަވެސް، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކަރީމް ބެންޒެމާގެ ލަނޑެއް ނުފެނުނެވެ.
ސްޕެނިޝް ލީގްގެ ފަސް މެޗުގެ ސަސްޕެންޝަނަަކުން ފެށި، ރޮނާލްޑޯއަށް އަދި ލީގްގައި ޖެހުނީ އެންމެ ލަނޑެކެވެ. އަދި ބެންޒެމާ އަށްވެސް ޖެހިފައި ވަނީ އެންމެ ލަނޑެކެވެ.
ރޭގެ މެޗުގައި ލަނޑެއް ނުޖެހުނު ނަމަވެސް، ރެއާލްގެ ތިން ވަނަ، ލަނޑު އިސްކޯ ޖެހީ ރޮނާލްޑޯ ނެގި ހުރަހަކުންނެވެ. ރޭގެ މެޗުގެ ފެށިގެން ހަތަރު ވަނަ މިނެޓްގައި، ރޮނާލްޑޯ ވަނީ، ބެންޒެމާ އަށް ރަނގަޅު ފުރުސަތެއް ތަނަވަސް ކޮށްދީފަ އެވެ. އޮފްސައިޑް މަޅިން ސަލާމަތް ވެގެން އައިސް ޕެނަލްޓީ އޭރިއާ ތެރެއަށް ވެދެ، ބެންޒެމާ ފޮނުވާލި ބޯޅަ އަށް ހުރަސް އެޅީ ލަސްޕަލަމްސްގެ ކީޕަރު ރައުލް ލިސޯއިން ކްރޫޒް އެވެ.
ރެއާލްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ކާމިޔާބު ކުރީ ކެސެމީރޯ އެވެ. ރެއާލުން ނެގި ކޯނަރެއްގައި ތަނަވަސްވި ބޮޅަ ބޮލުން އޭނާ ފޮނުވާލީ ގޯލްގެ ކަނާ ދިމާލަށެވެ.
ލަނޑު ޖެހުމަށްޓަކައި ރޮނާލްޑޯ ގިނަ ހަމަލާތަކެއް ގޯލާ އަމާޒުކޮށް ފޮނުވާލި އެވެ. ނަމަވެސް، އެއިންއެއްވެސް ބޯޅައެއް ގޯލްގެ އެތެރެއަށް ނުވެ އެވެ.
ރެއާލްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ މާކޯ އެސެންސިއޯ އެވެ. ރެއާލުން ނެގި ހިލޭ ޖެހުމެއް، ލަސްޕަލަމްސްގެ ކީޕަރު ދިފާއު ކުރުމުން، އޭނާ ގޯލްގެ ތެރެއަށް ފޮނުވާލީ، އޭރިއާގެ ބޭރަށް އައި ބޯޅަ އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ. އޭނާ ލަނޑު ޖެހީ 56 ވަނަ މިނެޓްގަ އެވެ.
ތިން ވަނަ ލަނޑު އިސްކޯ ޖެހީ މެޗުގެ 74 ވަނަ މިނެޓްގައި ރޮނާލްޑޯ ނަގައިދިން ހިތްގައިމު ބޯޅައަށް އޭރިއާ ތެރެއަށް ހުހަށް ވެދެ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ، ދަނޑުގައި ރޮނާލްޑޯ އާއި ބެންޒެމާގެ މަސައްކަތް ރަނގަޅު ކަމަށާއި އެ ދެ ކުޅުންތެރިންގެ މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
"މިހާރު ކްރިސްޓިއާނޯ އެފޯރު ކޮށްދިނީ ލަނޑު ޖަހަން ފުރުސަތު، އޭނަގެ އުނދަގޫ ދުވަސްތައް ނިމުމަކަށް އަންނާނެ،" މެޗަށް ފަހު ވާހަކަ ދައްކަމުން ޒިދާން ބުންޏެވެ. "ރޮނާލްޑޯ އާއި ބެންޒެމާ ދަނޑު މަތީގައި ވަރަށް ރަނަގަޅަށް މަސައްކަތް ކުރޭ."
މޮޅާއެކު، ރެއާލް މިހާރު އޮތީ 23 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގަ އެވެ. އެ ޓީމާ، އެއް ވަނައިގައި އޮތް ބާސެލޯނާ އާ ދެމެދު މިހާރު ހުރީ އަށް ޕޮއިންޓް ތާފާތެވެ. އަދި ދެ ވަނައިގައި އޮތް ވެލެންސިއާ ހަތަރު ޕޮއިންޓްގެ ފަރަގެވެ.