އިޓާލިއަން ލީގްގައި އިއްޔެ އާއި ރޭ ކުޅުނު މެޗުތަކުގައި، އިންޓަ މިލާން އާއި ނަޕޯލީ ކުޅުނު މެޗުތައް އެއްވަރުވެ، ޔުވެންޓަސް މޮޅުވުމުން އެ ޓީމު ތާވަލުގައި ކުރިއަށް ޖެހިލައިފި އެވެ.
ޓޮރިނޯއާ ދެކޮޅަށް އިންޓަ ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ. އެއްވަރު ވެގެން ނިމުނު ނަމަވެސް، ޔުވެންޓަސް ބެނެވެންޓޯއާ ދެކޮޅަށް ކުޅުނު މެޗު ނިމެންދެން، އިންޓަ އޮތީ ދެ ވަނައިގަ އެވެ. ނަމަވެސް، ބެނެވެންޓޯގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ޔުވެންޓަސް މޮޅުވުމުން، އެ ޓީމު ވަނީ މިހާރު ދެ ވަނަ އަށް ޖެހިލާފަ އެވެ. އިންޓަ ވެއްޓުނީ ތިން ވަނަ އަށެވެ.
ޓޮރިނޯ އާއި އިންޓަ މެޗު އެއްވަރުވީ 1-1 ންނެވެ. އިންޓަ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ޓޮރިނޯ އިންނެވެ. މެޗުގެ 59 ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައިދިނީ އިއާގޯ ފަލްކޭ އެވެ. އިންޓައިން ނަތީޖާ ހަމަހަމަ ކުރީ 79 ވަނަ މިނެޓްގައި އެޑަރު ޝިޓަޑިން މާޓިންސް އެވެ. އެއް ވަނައިގައި އޮތް ނަޕޯލީ، ކިއެވޯއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ.
ޔުވެންޓަސްއާ ބެނެވެންޓޯ ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ބެނެވެންޓޯއިންނެވެ. އެ ޓީމުގެ ލަނޑު މެޗުގެ 19 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަމާޓޯ ސިސަރެޓީ އެވެ. އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ ޔުވެންޓަސްއިން ނަތީޖާ ހަމަހަމަކޮށް ލީޑް ނެގީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.
މެޗުގެ 59 ވަނަ މިނެޓްގައި، ޔުވެންޓަސް އަށް ނަތީޖާ އެއްވަރު ކޮށްދިނީ ބެލެސް މަޓްއީޑީ ތަނަވަސްކޮށްދިން ފުރުސަތަކުން ގޮންޒާލޯ ހިގުއައިން އެވެ. އޭގެ އަށް މިނެޓްފަހުން، ޔުވެންޓަސްއިން ލީޑް ނެގީ ހުއާން ކްއެޑްރާޑޯ އެވެ. އޭނާ ލަނޑު ޖެހީ އެލެކްސް ސެންޑްރޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.
މި ތިން ޓީމު ކުޅުނު މެޗުގެ ނަތީޖާތައް މިގޮތަށް އައުމުން އެންމެ ކުރީގައި އޮތް މި ތިންޓީމުގެ ދެމެދުގައި ހުރީ އެންމެ ޕޮއިންޓެއްގެ ފަރެގެވެ. ނަޕޯލީ އެއް ވަނައިގައި އޮތީ 32 ޕޮއިންޓާ އެކު އެވެ. ރޭ ކުޅުނު މެޗުން މޮޅުވުމުން ޔުވެންޓަސް ވަނީ 31 ޕޮއިންޓް ހަމަ ކޮށްފަ އެވެ. އަދި ތިން ވަނައަށް ވެއްޓުނު އިންޓައަށް ލިބިފައި ވަނީ 30 ޕޮއިންޓެވެ.
ރޭ ފިއޮރެންޓީނާ އާއި އޭއެސް ރޯމާ ކުޅުނު މެޗު ރޯމާ ކާމިޔާބު ކުރީ 4-2 ންނެވެ. ލާޒިއޯ އާއި އުޑިނޭޒީ ކުޅެން ހަމަޖެހިފައި އޮތް މެޗު ވަނީ ފަސް ކޮށްފަ އެވެ. ސަސްއޯލާ އާއި މިލާން ކުޅުނު މެޗު މިލާން ކާމިޔާބު ކުރީ 2-0 ންނެވެ.