ހަބަރު

ޔުނިވާސިޓީއެއްގެ ޝަރީއާ އެންޑް ލޯ އުވާލާކަށް ނޫޅެން: ޑރ. ޝަހީމް

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އަދި އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގެ ވެސް އެއްވެސް ކުއްލިއްޔާއެއް ނުވަތަ ފެކަލްޓީއެއް އުވާލުމުގެ އެެއްވެސް ކަހަލަ މަސައްކަތެއް ކުރަމުން ނުދާ ކަމަށް އައިޔޫއެމްގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ގައުމީ ޔުނިވާސިޓީގެ ޝަރީއާ އެންޑް ލޯ ފެކަލްޓީ އުވާލުމަށްފަހު ލޯގެ ބައި އެ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލަށް ބަދަލުކޮށް އަދި ޝަރީއާ ބައި އިސްލާމިކް ފެކަލްޓީއަށް ބަދަލުކުރަން އުޅޭ ކަމުގެ އަޑުތަކެއްވަނީ ފެތުރިފަ އެވެ.

ދެ ޔުނިވާސިޓީ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް އެއްބަސްވެ އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝަހީމް ވަނީ އެ ވާހަކަތައް ދޮގުކުރައްވައި އެއްވެސް ޔުނިވާސިޓީއެއްގެ އެއްވެސް ކުއްލިއްޔާއެއް އުވާލުމުގެ އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.

"އެއްވެސް ޔުނިވާސިޓީއެއްގެ އެއްވެސް ކުއްލިޔާއެއް އުވާލުމުގެ މަޝްވަރާއެއް އަޅުގަނޑުމެންގެ ތެރެއަކު ނެތް،" ޝަހީމް ވިދާޅުވި އެވެ.

ދެ ޔުނިވާސިޓީ ދެމެދު ސޮއިކުރި އެއްބަސްވުމުގައި ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވި ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފް އެވެ. އަދި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ޗާންސެލާ ޝަހީމެވެ.

އެ އެއްބަސްވުމުގެ ދަށުން ދެ ޔުނިވާސިޓީގެ ދެމެދުގައި މުވައްޒަފުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގައި ދެ ޔުނިވާސިޓީގެ މުވައްޒަފުންނާއި ދަރިވަރުންނަށް ދެ ޔުނވާސިޓީގެ ލައިބްރަރީގެ ހިދުމަތް ބޭނުންކުރެވޭނެ އެވެ. ރިސާޗް ކުރުމާއި، ކޮންފަރެންސްތަކާއި، ވޯކްޝޮޕްތައް ދެ ޔުނިވާސިޓީ ގުޅިގެން ހިންގާ އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓުގެ މަސައްކަތްވެސް ދެ ޔުނިވާސިޓީ ގުޅިގެން ކުރާނެ އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވާސިޓީ ގުޅިގެން ފަސް އަހަރު ވަންދެން މަސައްކަތް ކުރަން ވަނީ ހަމަޖެހިފަ އެވެ. އެ ރަސްމިއްޔާތުގައި އައިޔޫއެމް އިން ވަނީ ގައުމީ ޔުނިވާސިޓީއަށް ހަނދާނީ ޝީލްޑެއްވެސް ހަދިޔާކޮށްފަ އެވެ. އެ ޝީލްޑު ހަވާލުކޮށްދެއްވީ ޝަހީމެވެ. އަދި ޝީލްޑާ ހަވާލުވެވަޑައިގެންނެވީ ފަވާޒް އެވެ.