ވިޔަފާރި

ޑަބްލިއުޓީއެމް ފެށުމާއެކު ރީތިވީ ރާއްޖޭގެ ވާހަކަ!

ލަންޑަންއިން: Mundoo Adam Halym
Nov 6, 2017
1

ދުނިޔޭގައި ބާއްވާ ޓޫރިޒަމް ފެއާތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު ފެއާ ދިވެހި ރާއްޖެ ހިމެނޭ ގޮތަށް މިއަދު އިނގިރޭސިވިލާތުގެ ލަންޑަންގައި ފަށައިފި އެވެ. ޓޫރިޒަމާއި ވިޔާފާރީގެ މަތީފެންވަރުގެ އެތަކެއް ހާސް ބޭފުޅުން އެއްވާ ފެއާއަކަށް ވާތީ ވަރު ގަދަ ސަލާމާތީ ފިޔަވަޅުތަކާއެކު ފެއާ ފެށި އިރު ލަންޑަންގެ ލަންޑަން އެކްސެލްގެ އޭޝިއާ / ޕެސިފިކް އަދި އިންޑިއަން އޯޝަންއަށް ހާއްސަ ކޮށްފައިވާ ހޯލްގައި ރާއްޖެއިން ގާއިމުކޮށްފައިވާ 276 ސްކްޔާ މީޓަރުގެ ސްޓޭންޑް މިއަދު ރަސްމީކޮށް ފައްޓަވައިި ދެއްވީ ރާއްޖޭގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި އެމްއެމްޕީއާރްސީގެ އެކްޓިން އެމްޑީ ހާރިސް މުހައްމަދެވެ.

ދުނިޔޭގެ އެކި ގައުމުތަކުން 4500 އަށްވުރެ ގިނަ ފަރާތްތައް ތަމްސީލް ކުރާ މި ފެއާގައި ރާއްޖޭގެ 70 ޕާޓީއަކުން މިފަހަރު ބައިވެރިވެފައި ވެއެވެ. މިއީ ވޯލްޑް ޓްރަވަލް މާކެޓްގައި ރާއްޖެއިން އެންމެ ގިނަ ޕާޓީ ތަމްސީލް ކުރާ ފަހަރެވެ.

ކުރީގެ އަަހަރުތަކުގައި ވެސް ރާއްޖެއިން ގާއިމްކުރި ސްޓޭންޑްތަކާއާ އެއްވަރު ޖާގައިގައި މިއަހަރު ސްޓޭންޑް ގާއިމް ކޮށްފައިވީ ނަމަވެސް ގިނަ ފަރްތާތްކަށް ޖާގަ ދިނުމުގެ ގޮތުން މީގެ ކުރިން އިދާރީ ބައެއް ބޭނުންތަކަށް ނެގި ޖާގަތައް ވެސް ރާއްޖޭގެ ޓޫރިޒަމް ސެކްޓަރުގެ ވިޔަފާރިވެރިންނަށް ދޫކޮށްލާފަ އެވެ.

މިއަދު ފެއާ ފެށުމާއެކު ގައުމުތަކުގެ ސްޓޭންޑްތަކުން އެ ގައުމުތަކުގެ ސަގާފީ އައިޓްމްތަކާއި ބެރުގެ އަޑުން ފެއާގެ ތެރޭގައި އަޑު ހިއްޕާލައި އެމީހުންގެ ޑެސްޓިނޭޝަން ބްރޭންޑްތައް ޕްރޮމޯޓް ކުރަން ފެށި ނަމަވެސް ފެއާ ފެށުމާއެކު އެތަކެއް ހާސް ބައެއްގެ ލޯ އަމާޒުވީ ރާއްޖޭގެ ސްޓޭންޑަށެވެ. އެންމެނަށްވެސް ރީތިވީ ޓޫރިޒަމާބެހޭ ގޮތުން ރާއްޖެއިން ކިޔައިދޭން ފެށި ވާހަކަ އެވެ.

އެކްސެލްގައި ރާއްޖޭގެ ސްޓޭންޑް ސްޕޭންގެ ޑައިލޫނިއާ އިން ފަރުމާކޮށްފައިވަނީ ވަރަށް ފުރިހަމައަށެވެ. މި ސްޓޭންޑްގައި ރާއްޖޭގެ ރީތި ކަމާއި އަމިއްލަ ވަންތަ ކަމާއި ސުލްހަވެރި ކަމާއި ހިމޭން ދުނިޔެ ފެންނާނެ ގޮތް ގެނެސްދީފައިވެ އެވެ.

"މި ތަނުން ދައްކުވައި ދީފައި ވަނީ ދިވެހި ރާއްޖޭގެ ސުލްހަވެރި ހިމޭން އަދި ރީތި ދުނި، އަޅުގަނޑުމެނާ ހަވާލުވީ މަސައްކަތަށް މިވަނީ ފުރިހަމަވެފައި،" ރޭ ތައްޔާރީތައް ނިންމަމުން ދިޔައިރު ޑައިލޫނީއާގެ އާކިޓެކްޗަރަކު ވިދާޅުވި އެވެ.

ފެއާ ހުޅުވުމާއެކު ރާއްޖޭގެ ސްޓޭންޑަށް އެތަކެއް ސަތޭކަ މީހުން ޖަމާވެ، ރާއްޖޭގެ ސްޓޭންޑްގެ ފުރިހަމަ ކަމަށް ވަރަށް ބޮޑަށް ތައުރީފުކޮށް ރާއްޖެއާ ޓޫރިޒަމާބެހޭ މައުލޫމާތު ހޯދަން ވަނީ ފަށާފަ އެވެ.

"މިއީ ދުނިޔޭގެ އެންމެ ފުރިހަމަ މަންޒިލް، މިވަރުގެ ނަސީބެއް ލިބިގަތުމަށް ރާއްޖެ ނުދާންވީ އެއްވެސް ހުއްޖަތެއް ނެތް، ވަރަށް ފުރިހަމައަށް ރާއްޖޭގެ މައުލޫމާތު ލިބިއްޖެ، ސްޓޭންޑް ވަރަށް ފުރިހަމަ،" ބެލްޖިއަމުން ޒިޔާރާތް ކުރި ބައިވެރިޔަކު ބުންޏެވެ.

އެންމެ ބޮޑު ސްޓޭންޑެއް ގާއިމްކޮށް ސަގާފީ ބެރާއެކު އަޑުގަދަ ކޮށްލާފައިވާ އިންޑިއާގެ ވިޔަފާރިވެރިއަކު ވިދާޅުވީ ދިވެހި ރާއްޖެއިން ފެއާގައި ސަމާލުކަން ހޯދާފައިވާ ކަމަށާއި އެހެން ގައުމުތަކުން ކުރި ކަމަކީ އަޑުގަދަ ކޮށްލީ ކަމަށެވެ.

"އެހެން މީހުންގެ އަޑު ގަދަ، އެކަމަކު މީހުން އަޑު އެހީ ގަދަ އަޑަށް ވުރެ ރާއްޖޭގެ ވާހަކައިގެ އަޑު،" އޭނާ ވިދާޅުވި އެވެ

ރާއްޖޭގެ ސްޓޭންޑްގައި ބަހައްޓާ ސްކްރީނުން މި ފެއާގައިބައިވެރިވާ ފަރާތްކަށް ވީޑިއޯ ދައްކާލުމުގެ ފުރުސަތު ދީފައިވާއިރު ބައެއް ޓްރެވަލް އެޖެންސީތަކާއި ރާއްޖޭގައި ހިމެނޭ ރިސޯޓް ބްރޭންޑްތަކަށް ދިވެހި ސްޓޯލުން ވަނީ މުހިންމު ސަރަހައްދުތައް ދޫކޮށްލާފަ އެވެ. އެޕޮއިންޓްމެންޓް ހަދައިގެން ވިޔަފާރީގެ މީޓިންތައް ބޭއްވުމަށް ވެސް ހާއްސަ މޭޒުތަކެއް އަތުރާލާފައިވާއިރު އާންމު މައުލޫމާތުތައް ލިބޭނެ މޭޒުތައް ވެސް ބަހައްޓާފައިވާއިރު މިން ކޮންމެ ދިމާއަކަށްވެސް މިއަދު ފެއާ ފެށީއްސުރެ ދިޔައީ ބާރު ބޮޑުވަމުންނެވެ.

މިއަދު ފެށި ފެއާގެ ރާއްޖޭގެ ސްޓޭންޑްގައި މިއަދާއި މިރެއާއި މާދަމާ ތަފާތު ބައެއް ކަންކަން ލޯންޗް ކުރާނެ އެވެ. މިއަދު ވަނީ ރާއްޖެއިން ދުނިޔޭގެ މީޑިއާތަކާއެކު ބާއްވާ އިންޓެނޭޝަނަލް ނިއުސް ބްރީފިން ބާއްވާފަ އެވެ. ސަތޭކައެއްހާ ނޫސްވެރިން ބައިވެރިވި މި ނިއުސް ކޮންފަރެންގައި އޭޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި އިންގިރޭސި ވިލާތަށް ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރާއި ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފު ބައިވެރިވެ ވަޑައިގެން މައުލޫމާތު ދެއްވި އެވެ.