ވިޔަފާރި

ރާއްޖެ ޑަބްލިއުޓީއެމްއަށް 63 ކުންފުންޏާއެކު ތައްޔާރު ވަނީ

Oct 29, 2019
1

އަންނަ މަހު އިނގިރޭސި ވިލާތުގެ ލަންޑަންގައި ބާއްވާ ދުނިޔޭގެ އެންމެ މަޝްހޫރު ޓޫރިޒަމް ފެއާ، ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި 63 ކުންފުންޏަކުން ރާއްޖެ ބައިވެރިވާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެފި އެވެ.

އެމްއެމްޕީއާރްސީން ވަނީ ޑަބްލިއުޓީއެމް ލަންޑަން ފެއާގެ ފަހުގެ ތައްޔާރީތަކާބެހޭ ގޮތުން ކޮންމެ އަހަރަކު ބާއްވާ "ޕްރީ މީޓިން" އިއްޔެ ބާއްވާފަ އެވެ. ސޯލްޓު ކެފޭގައި ބޭއްވި އެ ބައްދަލުވުމުގައި ޓޫރިޒަމް ދާއިރާގެ ކުންފުނި ތަކުން ވަނީ ބައިވެރިވެފަ އެވެ.

ޑަބްލިއުޓީއެމް ފެއާ ކުރިއަށް ދާނީ އަންނަ މަހުގެ 4 އިން 6 އަށް ލަންޑަންގެ އެކްސެލް ލަންޑަން ކޮންވެންޝަން ސެންޓަރުގަ އެވެ.

މި އަހަރުގެ ފެއާގައި 63 ކުންފުންޏަކުން 161 މީހަކު ރާއްޖެއިން ބައިވެރި ވާނެ އެވެ. މިދިޔަ އަހަރު ބޭއްވި ޑަބްލިއުޓީއެމްގައި ފެއާގައި ރާއްޖޭން 64 ކުންފުންޏަކުން 151 މީހުން ބައިވެރިވި އެވެ.

މި އަހަރަކީ ރާއްޖެ ޑަބްލިއުޓީއެމް ފެއާގައި ބައިވެރިވާ 35 ވަނަ އަހަރެވެ. މި ފެއާ ބާއްވަމުން އަންނަތާ 39 އަހަރު ވަނީ ވެފައި ވެއެވެ. މި ފެއާއަކީ ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގެ މީހުން އެއް ތަނަކުން ބައިވެރިވެ ބައްދަލުވާ އެންމެ ބޮޑު ފެއާ އެވެ. މި ފެއާގައި ޓެކްނޮލޮޖީ ދާއިރާ އާއި އެހެނިހެން ދާއިރާތައް ހިމެނޭ ގޮތަށް 5،000 ބައިވެރިން، ބައިވެރިވާނެ އެވެ. މީގެ އިތުރުން މި ފެއާއަކީ ޓޫރިޒަމް ސިނާއަތަށް ހާއްސަ ފެއާއަކަށް ވުމާއެކު ޓޫރިޒަމް ދާއިރާގެ 51،000 މީހުން ފެއާގައި ބައިވެރިވެ އެވެ. އަދި ނުފޫޒު ގަދަ ނޫސްވެރިން ވެސް ފެއާއިން ފެނިގެންދާނެ އެވެ.

ޑަބްލިއުޓީއެމް ފެއާ ބާއްވާ އިނގިރޭސިވިލާތަކީ ރާއްޖޭގެ ޓޫރިޒަމްގައި މުހިންމު ގައުމެކެވެ. އެ ގައުމުން މި އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 90,965 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އެ ގައުމުން އައި 83,311 މީހުންނާ އަޅާބަލާއިރު 9.2 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖެ އިޝްތިހާރު ކުރަން މިދިޔަ އަހަރު ކަނޑައަޅާފައި އޮތީ ތިން މިލިއަން ޑޮލަރު ގެ ބަޖެޓެކެވެ. ނަމަވެސް އާ ސަރުކާރުން މާކެޓިން ބަޖެޓު ވަނީ 10 މިލިއަން ޑޮލަރަށް ބަދަލުކޮށްފަ އެވެ.

އެމްއެމްޕީއާރްސީ އިން މެދުވެރިކޮށް ރާއްޖެ ބައިވެރިވާ ފެއާތަކާއި ބޭރުގެ އިވެންޓްތަކުގައި ކުރިން ދިވެހި ނޫސްވެރިން ބައިވެރި ކުރެ އެވެ. ނަމަވެސް މިހާރު އެމްއެމްޕީއާރްސީއިން އެ ފުރުސަތު ދެނީ ވަކި ބަޔަކަށެވެ.