ވިޔަފާރި

މި އަހަރުގެ ޑަބްލިއުޓީއެމް ފެއާގައި ރާއްޖޭން 64 ކުންފުނި

Oct 25, 2018

އަންނަ މަހު ލަންޑަންގައި ބާއްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް 2018)ގައި 64 ކުންފުނިން ބައިވެރިވެފައިވާ ކަމަށް ސަރުކާރުގެ މާކެޓިން ކުންފުނި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ބުނެފި އެވެ.

އެމްއެމްޕީއާރުސީގެ ބެލުމުގެ ދަށުން ޑަބްލިއުޓީއެމްއަށް ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު ދެއްވަމުން، އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ފެއާއަށް ލިބޭ ތަރުހީބު ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އިނގިރޭސިވިލާތަކީ ދިވެހިންނަށް ވިސާ ބޭނުންވާ ގައުމަކަށް ނުވާތީ އެމްއެމްޕީއާރުސީ މެދުވެރިނުވެ ވެސް ގިނަ އަދަދެއްގެ ދިވެހިން މި ފެއާ އަށް ދާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ގާތްގަނޑަކަށް 150 މީހުން ބައިވެރިވާނެ ކަމަށް ބެލެވެނީ. ނަމަވެސް އެމްއެމްޕީއާރުސީ މެދުވެރިނުވެ އަންނަ މީހުންނާއެކު 250 ދިވެހިން ބައިވެރިވާނެ ކަމަށް ބެލެވޭ،" ޗަމްޕާ ސެންޓްރަލްގައި ބޭއްވި ޕްރީ-މީޓިންގައި ހާރިސް ވިދާޅުވި އެވެ.

މި އަހަރުގެ ޑަބްލިއުޓީއެމް ފެއާގައި ރާއްޖެ އިސްތިހާރު ކުރުމުގެ ގޮތުން އެމްއެމްޕީއާރުސީން ވަނީ ތަފާތު ކަންތައްތަކެއް ރާވާފަ އެވެ. ފެއާ ނޮވެމްބަރު 7-5 އަށް ލަންޑަންގައި ކުރިއަށްދާއިރު މި އަހަރު ރާއްޖެއަށް 345 ސްކެއާ މީޓަރުގެ ސްޓޭންޑެއް ވަނީ ދީފަ އެވެ. މި އަހަރު ރާއްޖޭގެ ސްޓޯލްގައި 24 މީޓިން ޓޭބަލް އާއި ބައިވެރިވާ ކުންފުނިތަކުގެ އިޝްތިހާރު ފެންނާނެ ގޮތަށް ބޮޑު ސްކްރީނެއް ބަހައްޓާފައި ހުންނާނެ އެވެ. އަދި ރާއްޖޭގެ ސްޓޭންޑުގައި ދިވެހި ކެއުންތަކާއި ރާއްޖޭގެ ކަނޑު އަޑީގެ ރީތި މަންޒަރުތައް "ވާޗުއަލް ރިއާލިޓީ" މެދުވެރިކޮށް ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ.

މި އަހަރު ވެސް ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްފައިވަނީ "ޑައިލޫނިއޯ" އިންނެވެ. ފެއާގައި ގާތްގަނޑަކަށް 5000 މަންދޫބުންނާ ގާތް ކުރާ މިންވަރަކަށް ޓޫރިޒަމާ ގުޅުންހުރި ފަރާތްތައް ބައިވެރިވި އެވެ. މިދިޔަ އަހަރުވެސް މި ފެއާ މެދުވެރިކޮށް ޓޫރިޒަމް ފަރާތްތަކަށް ތިން ބިލިއަން ޑޮލަރުގެ ވިޔަފާރި ލިބުނު ކަމަށްވެ އެވެ.