ވިޔަފާރި

ދިވެހި ޓޫރިޒަމްގެ ފަހުގެ ވާހަކަތަކާއެކު ޑަބްލިއުޓީއެމް ފަށައިފި

ަލަންޑަނުން: މުހައްމަދު އަފްރާހު
Nov 5, 2018

ދިވެހި ޓޫރިޒަމްގެ އެންމެ ފަހުގެ ވާހަކަ ތަކާއެކު ދުނިޔޭގެ އެންމެ މަޝްހޫރު ޓޫރިޒަމް ފެއާ، ވޯލްޑް ޓްރެވަލް މާކެޓު (ޑަބްލިއުޓީއެމް) ލަންޑަންގައި މިއަދު ފަށައިފި އެވެ.

ލަންޑަން ގަޑިން 10:30 ގައި އެކްސެލް ލަންޑަން އެގްޒިބިޝަން ސެންޓަރުގައި ފެށި މި ފެއާގައި 65 ކުންފުންޏަކުން ބައިވެރިވެފައިވެ އެވެ. ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު އެއް ބާޒާރު ކަމަށްވާ ޔޫރަޕަށް ހާއްސަކޮށް ބާއްވާ މިފެއާގައި މި އަހަރު ރާއްޖޭގެ ކުންފުނިތަކުން 250 މީހުން ވަނީ ބައިވެރިވެފަ އެވެ. މި އަހަރުގެ ފެއާގައި ރާއްޖޭގެ ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރި ވަޑައިގަތީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެކްޓިން އެމްޑީ ހާރިސް މުހައްމަދު އާއި ނގިރޭސި ވިލާރުގައި ހުންނަވާ ރާއްޖޭގެ އެމްބެސެޑަރު އަހުމަދު ޝިއާން އެވެ.

މި އަހަރުގެ ޑަބްލިއުޓީއެމް ލަންޑަނުގައި 5-8 އަށް ކުރިއަށްދާއިރު އެމްއެމްޕީއާރުސީއިން ވަނީ ރާއްޖެ އިޝްތިހާރު ކުރުމަށް ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ. މިގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ ގިނަ މީހުން ޝައުގުވެރިވާ ކަނޑުއަޑީގެ ރީތި މަންޒަރުތައް ދައްކާލުން "ވާޗުއަލް ރިއާލިޓީ" ބޭނުންކުރެ އެވެ. ޑަބްލިއުޓީއެމްއަކީ ހާއްސަކޮށް ވިޔަފާރިތަކާއި ވިޔަފާރިތައް ބައްދަލުވާ ފެއާއަކަށްވުމުން މި އަހަރުގެ ވެސް ސްޓޯލް ފަރުމާކޮށްފައިވަނީ ގިނަ މީޓިން ތަކެއް އެއް ފަހަރާ ބޭއްވޭ ގޮތަށެވެ.

ފެއާގައި ހުންނަވާ އެމްއެމްޕީއާރުސީގެ އެކްޓިން އެމްޑީ ހާރިސް މުހައްމަދު ވިދާޅުވީ މިފެއާގައި ރާއްޖެއަށް މުހިންމު ފެއާއެއް ކަމަށާ، ފެއާގެ ތެރެއިން ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

"ރާއްޖޭގެ ލޯބި އިތުރު ކުރުމާއި އިންޑަސްޓްރީ ޕާޓްނަރުންގެ ކޮންޓްރެކްޓްތައް އާކުރުން ފަދަ ކަންކަމުގައި ގިނަ މަސައްކަތް ތަކެއް ކުރޭ. އެ މަސައްކަތް މި އަހަރު ވެސް ކުރިއަށްދާނެ،" ހާރިސް ވިދާޅުވި އެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ގައުމެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން 83،311 މީހުން ވަނީ ރާއްޖެ ގޮސްފަ އެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 75،506 މީހުންނާ އަޅާ ބަލާއިރު 10.3 ޕަސެންޓް އިތުރު ވުމެކެވެ. އަދި އެ ގައުމުން އެކަނި ރާއްޖޭގެ ޓޫރިޒަމްގައި ހަތް ޕަސެންޓް ހިއްސާ ކުރި އެވެ.